08 ފެބުރުއަރީ 2018 - 07:29

ސަލްމާން ޚާންގެ ކައިވެނީގެ ވާހަކަ ދެކެވޭތާ އެތައް އަހަރެއް ވެއްޖެ އެވެ. ކުޑަކުދިން ދެކެ ވަރަށް ލޯބިވާ ކަމަށް ސަލްމާން އަބަދުވެސް ބުނެ އެވެ. ނަމަވެސް ކައިވެންޏެއް ކުރާކަށް ބޭނުމެއް ނުވެ އެވެ.
މިކަހަލަ އެކި ވާހަކަ ދެކެވެމުން ގޮސް އަންގާރަ ދުވަހު ސަލްމާން ވަނީ "އަހަންނަށް އަންހެންކުއްޖަކު ލިބިއްޖޭ" ބުނެ ޓުވީޓްކޮށްފަ އެވެ. އެއާ އެކު ޓުވިޓާގައި ހުޅު ފަޅައިގެން ދިޔަ އެވެ.
ސަލްމާންގެ ބައެއް ފޭނުން މަރުހަބާގެ މެސެޖުތައް ފޮނުވަން ފެށި އެވެ. އެއްބަޔަކު ހީކުރީ ސަލްމާނަށް ކައިވެނި ކުރާނެ ރަނގަޅު ކުއްޖަކު ވީ ކަމަށެވެ. އަނެއް ބަޔަކު ހީކުރީ ޝާހްރުކް ޚާނާއި އާމިރު ޚާން ގޮތަށް އޭނާވެސް ސަރަގޭޓް މަންމައެއްގެ ފަރާތުން ދަރިއަކު ހޯދީ ކަމަށެވެ.
އެންމެ އުތުރި އަރަން ފެށުމުން އިރުކޮޅެއް ފަހުން ސަލްމާން އިތުރު ޓުވީޓެއް ކުރި އެވެ.
"ހާސްވާންވީ އެއްވެސް ކަމެއް ނެތް. އަޔޫޝް ޝަރުމާގެ ފިލްމު ލަވްރަތުރީގެ ބަތަލާއަކަށް އަންހެންކުއްޖަކު ލިބުނީ. އެއީ ވަރީނާ. އެހެންވީމަ ހާސްނުވޭ. އުފަލުގައި ތިބޭ،" ސަލްމާންގެ ޓުވީޓްގައި ބުނެފައިވެ އެވެ.
އަޔޫޝް ޝަރުމާ އަކީ ސަލްމާންގެ އެންމެ ހަގު ކޮއްކޮ އަރްޕިތާގެ ފިރިމީހާ އެވެ. އަޔޫޝް ލޯންޗުކުރުމުގެ މަސައްކަތް ސަލްމާން ފަށައިގެން ފިލްމަށް ބަތަލާއެއް ހޯދާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.
ވަރީނާ ހުސެއިން އަކީ ނިއު ޔޯކް ފިލްމް އެކަޑަމީގެ ގްރެޖުއޭޓެކެވެ. ކެޑްބަރީ ޑައިރީ މިލްކް ސިލްކްގެ އިޝްތިހާރެއް ވަރީނާ ކުޅެފައިވެ އެވެ.
އަބީރާޖް މީނާވާލާ ޑައިރެކްޓްކުރާ "ލަވްރަތުރީ"ގެ ޝޫޓިން މި މަހު ފަށަން ދަނީ ތައްޔާރުވަމުންނެވެ. އަދި މިއަހަރުގެ ފަހުކޮޅު ފިލްމު ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ.