07 ފެބުރުއަރީ 2018 - 10:31

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރެޖިސްޓްރާ މާޖިދާ މަޖުދީ އިއްޔެ މަގާމުން ވަކިކޮށްފި އެވެ.
ޓްރައިބިއުނަލުން ނެރުނު ބަޔާނެއްގައި ބުނީ މާޖިދާ މަގާމުން ވަކިކުރީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ސައްހަ ކަމާ މެދު ސުވާލު އުފައްދައި އެއްވެސް ފަރާތަކުން ޓެކްސް ނުދެއްކުމަށް ސޯޝަލް މީޑިއާގައި ގޮވާލެއްވުމުން ކަމަށެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލުން ބުނިގޮތުގައި މިއީ ޓެކްސް ދައްކާ ފަރާތާއި ޓެކްސް ބަލައިގަންނަ ފަރާތާ ޖެހޭ މައްސަލަތައް ބަލާ މުއައްސަސާގެ ރެޖިސްޓްރާގެ މަގާމުގައި ހުންނެވި ބޭފުޅެއްގެ ފަރާތުން ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
އެހެންވެ، ޓްރައިބިއުނަލްގެ މުވައްޒަފުންގެ ގަވައިދުގެ 43 ވަނަ މާއްދާގެ ދަށުން، މާޖިދާ ވަޒީފާ އިން ވަކިކުރުމަށް ޓްރައިބިއުނަލްގެ މެމްބަރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށް ވެސް ބަޔާނުގައި ވެ އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުމަށް، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ.
ޓްރައިބިއުނަލް އެކުލެވިގެންވަނީ ފަސް މެމްބަރުންގެ މައްޗަށެވެ.