07 ފެބުރުއަރީ 2018 - 09:35

އެމްސްޓެޑަމް (ފެބްރުއަރީ 7) – ނެދަލެންޑްސް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ކުރީގެ ކުޅުންތެރިޔާ އަދި އެސިސްޓަންޓް ކޯޗު ރޮނާލްޑް ކޫމަން ހަމަޖައްސައިފި އެވެ.
ނެދަލެންޑްސް ގައުމީ ޓީމަށް 1982 އިން 1994 އަށް ކުޅެ 1988 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި ކޫމަން ކޯޗިން ކެރިއަރު ފެށީ 1997 ވަނަ އަހަރު ފެށީ ނެދަލެންޑްސްގެ އެސިސްޓަންޓް ކޯޗުގެ މަގާމުންނެވެ.
އެ މަގާމުގައި އެއް އަހަރު ހުރުމަށް ފަހު އޭނާ ވަނީ ބާސެލޯނާގެ އެސިސްޓަންޓް ކޯޗަކަށް ވެސް މަސައްކަތްކޮށްފަ އެވެ. މީގެ އިތުރުން އަޔަކްސް، ބެންފީކާ، ޕީއެސްވީ، ވެލެންސިއާ، ފެޔަނޫޑް، ސައުތުހެމްޓަން އަދި އެވަޓަން އަށް އިރުޝާދިދިނެވެ.
އެވަޓަން އިން އޮކްޓޯބަރު މަހު ވަކިކުރުމުން މިހާތަނަށް ވަޒީފާއެއް ނެތި ހުރި ކޫމަން، ގައުމީ ޓީމު ގޮވައިގެން ފުރަތަމަ ނުކުންނާނީ މާޗު 23 ގައި އިންގްލެންޑާ ދެކޮޅަށެވެ. އޭނާ ވަނީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ނިޔަލަށް މަގާމުގައި ހުރުމަށް ކޮންޓްރެކްޓް ހަދައިފަ އެވެ.
އެ މަގާމުގައި އެންމެ ފަހުން ހުރި ޑިކް އެޑްވޮކާޓް ވަނީ މި އަހަރުގެ ވޯލްޑް ކަޕަށް ނެދަލެންޑްސް ކޮލިފައިކޮށްނުދެވުމުން އިސްތިއުފާ ދީފަ އެވެ.
ކާމިޔާބު ނުލިބޭ އެންމެ ބޮޑު ޓީމުގެ ގޮތުގައި މަޝްހޫރުވެފައިވާ ނެދަލެންޑްސް ވަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލުގައި ކުޅެ 2014 ވަނަ އަހަރުގެ މުބާރާތުގެ ތިން ވަނަ ހޯދައިފަ އެވެ. އެކަމަކު އެންމެ ފަހުގެ ޔޫރޯ އާއި ކުރިއަށް އޮތް ވޯލްޑް ކަޕުން ޖާގައެއް ނުލިބުނެވެ.
ކޫމަން ބުނީ އޭނާ ދެކޭ ގޮތުގައި ބޮޑެތި މުބާރާތްތަކަށް ނެދަލެންޑްސް ކޮލިފައިވާން ޖެހޭ ކަމަށާއި އެކަމުގައި އޭނާ އަށް އުއްމީދުތަކެއް އެބައޮތް ކަމަށެވެ. އަދި ވަޒީފާއާ ހަވާލުވީ ވެސް އެހެންވެ ކަމަށް ބުންޏެވެ.
ކޫމަން ވަނީ ކްލަބް ކެރިއަރުގައި ސްޕެއިނުގެ ބާސެލޯނާގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފަ އެވެ. އެގޮތުން އެ ޓީމާ އެކު ސްޕެނިޝް ލީގު ހަތަރު ފަހަރު، ސްޕެނިޝް ކަޕް އެއް ފަހަރު އަދި ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކުރި އެވެ.