07 ފެބުރުއަރީ 2018 - 11:20

ސުޕްރީމް ކޯޓުގެ އަމުރުތަކުގެ ސައްހަކަމާ މެދު ވިސްނާ ފިކުރު ކުރުމުގެ ޖާގަ މިހާރު އެބަ އޮތް ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ޖަލު ހުކުމްތަކެއްގައި ތިއްބެވި ސިޔާސީ ލީޑަރުންތަކެއް ވަގުތުން މިނިވަންކުރަން ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެތައް ދުވަހެއް ވީ މައްސަލަތަކެއް އެންމެ ރެއަކުން "ފިލާ ތިބެގެން" ބަދަލުކޮށްލުމުން އޭގައި އޮންނާނީ ކޮން ސައްހަ ކަމެއްތޯ ސުވާލު އުފައްދަވާފަ އެވެ.

ފަހު ބަސް ބުނާ ފަރާތުގެ ގޮތުގައި ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ސުޕްރީމް ކޯޓަށް ފާޑުކިއުއްވަމުން ރައީސް ވިދާޅުވީ އެ ކޯޓުން ނެރޭ އަމުރުތަކަކީ ވެސް ސައްހަ އަމުރުތަކެއްތޯ ވިސްނުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

"ދިވެހި ދައުލަތުގެ ހައްގުގައި އަޅުގަނޑު މި ދަންނަވަނީ ކޮންމެ ފަރާތަކުން، ހާއްސަކޮށް ސުޕްރީމް ކޯޓުން އަމުރެއް އައި ނަމަވެސް އެ އަމުރަކީ ސައްހަ އަމުރެއްތޯ، ގާނޫނީ ހުދޫދުގެ ތެރޭގައި އެބޭފުޅުންގެ އިހްތިސޯސްގެ ތެރެއިން އައި އަމުރެއްތޯ ވިސްނާ އަޑު އުފުލުމުގެ ޖާގައެއް އެބަ އޮތް. މިއަދު އެބަ އޮތް އެ ޖާގަ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެތައް ދުވަހެއް ކުރިން ތަހުގީގުކޮށް ހުކުމްކޮށްފައިވާ މައްސަލަތައް އެންމެ އަމުރަކުން "އެކޮޅު ކޮޅުން" ޖަހާލުމަކީ ކޮން ކަހަލަ ގާނޫނީ އަސްލެއްތޯ ރައީސް ސުވާލުކުރެއްވި އެވެ.

"ކާކުތޯ މައްސަލަ ވެއްދީ؟ ކާކަށްތޯ މައްސަލަ ރައްދުވަނީ؟ ކޮބައިތޯ ދެ ބައި މީހުންގެ އަޑު؟ މީގެން ކޮންމެ މައްސަލައަކީ އެތައް ތަހުގީގެއް ކުރެވި ޖިނާއީ ކޯޓަށް ހުށައެޅި އެކޯޓުތަކުގައި ދެ ފަރާތުގެ ވަކީލުންނާއި ހަޝްމުން ވާހަކަ ދައްކާފަ އަދި އަންނަ ހުކުމެއް ކަމުނުގޮސްގެން ހައި ކޯޓަށް ގޮސް ދެ ފަރާތުން އެތައް ދުވަހެއް ވަންދެން ވާހަކަ ދައްކާފައި ދެން މިދަނީ ސުޕްރީމް ކޯޓަށް. މި ހުރިހާ ކަމެއް އެންމެ ރެއަކު ފިލާ ތިބެގެން ދެ ގަޑިއިރު ތެރޭގައި، ތިން ގަޑިއިރު ތެރޭގައި ބަދަލުކޮށްލުމުގެ ކޮން ބާރެއްތޯ އޮތީ؟ ކޮން ސައްހަ ކަމެއްތޯ އޮތީ؟" ސުޕްރީމް ކޯޓުގެ އަމުރާ މެދު ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ކަންކަން ކުރުމުގައި އިހުތިޔާރު އޮންނާނެ ކަމަށެވެ. ނަމަވެސް ﷲ ގަންދީ ހުވާކޮށްގެން ތިބި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ސިޔާސީ ވިސްނުން އައިމަ އެއީ ގައުމުގެ ހަލާކު ކަމަށް ވިދާޅުވި އެވެ.
"ކިހިނެއްތޯ ކަރާމާތާއި ޝަރަފާ އެކު ސުޕްރީމް ކޯޓު ގެންގުޅޭނީ؟ އެ ބޭފުޅުން އެބަ ޖެހޭ ތައުބާ ވާން،" ރައީސް ވިދާޅުވި އެވެ.
ރައީސް އަކީ ރައްޔިތުން އިންތިހާބު ކުރި މީހަކަށް ވާއިރު ރައީސްގެ ބަސް އަޑުއަހަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ދައުލަތުގެ އެންމެ އިސް ވެރިޔަކީ ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރު ނޫން ކަމަށާއި އެއީ އިންތިހާބު ކޮށްފައި ހުރި މީހެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.