07 ފެބުރުއަރީ 2018 - 09:37

މިއުނިކް (ފެބްރުއަރީ 7) - ރެއާލް މެޑްރިޑަށް މިހާރު ދިމާވެފައިވާ މައްސަލަތަކަކީ މި ސީޒަން ފެށުމުގެ ކުރިން އެ ޓީމަށް ހެދުނު ބޮޑު ގޯހެއްގެ ނަތީޖާ ކަމަށް ބަޔާން މިއުނިކްގެ ކޯޗު ޔުޕް ހެއިންކޭ ބުނެފި އެވެ.
ރެއާލުން ސީޒަން ފެށީ ސްޕެނިޝް ސުޕަ ކަޕާއި ޔުއެފާ ސުޕަ ކަޕްގެ ކާމިޔާބީއާ އެކު އެވެ. އަދި އެ ޓީމުން ވަނީ ކްލަބް ވޯލްޑް ކަޕް ވެސް އުފުލާލައިފަ އެެވެ. އެހެން ނަމަވެސް ސްޕެނިޝް ލީގުގެ ހަތަރު ވަނައިގައި އެ ޓީމު އޮތްއިރު އެއް ވަނައިގައި އޮތް ބާސެލޯނާއާ ދެމެދު 19 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ސްޕެނިޝް ކަޕުން ކަޓާފައިވާއިރު، ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ވާދަކުރަން ޖެހިފައިވަނީ ފްރާންސްގެ ގަދަ ބާރު ޕީއެސްޖީއާ އެވެ.
ރެއާލަށް 1998 ވަަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިން ހެއިންކޭ ބުނީ ރެއާލަށް މައްސަލަ ދިމާވީ މުހިއްމު ކުޅުންތެރިން ވިއްކާލުމުން ކަމަށެވެ.
"ސީޒަން ފެށުމުގެ ކުރިން ރެއާލުން ވަރަށް ރަނގަޅު ކުޅުންތެރިން ދޫކޮށްލައިފި. މޮރާޓާ، ޕެޕޭ، ހަމޭސް (ރޮޑްރިގޭޒް). މި ކުޅުންތެރިންނަކީ މިދިޔަ ސީޒަނުގައި ރެއާލްގެ ކާމިޔާބީގެ މުހިއްމު ކުޅުންތެރިން. ވެދާނެ މިއީ ބޮޑު މުސާރަދޭ ކުޅުންތެރިން ދޫކޮށްލުމަށް ކުރި ކަމެއް ކަމަށް ވެސް،" ސީޒަނުގެ މެދުތެރެއިން ބަޔާނާ ހަވާލުވި ހެއިންކޭ ބުންޏެވެ.
ހެއިންކޭ ބުނީ ކޯޗެއްގެ ގޮތުގައި ޒިނެދިން ޒިދާންގެ ތަޖުރިބާ މަދުވުމުން އޭނާ އަށް ވެސް ގޯހެއް ހެދިފައިވާ ކަމަށެވެ.
"މާ ބޮޑު ހަރަދެއް ކުރަން ނުވިސްނާ ރެއާލުން ބެލީ ޒުވާން ކުޅުންތެރިން ގެނެސްގެން ޓީމު ފުރިހަމަ ކުރަން. އެކަމަކު ރެއާލުގެ ތާރީހުގައި އެކަން ކޮށްފައެއް ނެތް. މާ އަވަހަށް ޒުވާން ކުޅުންތެރިންނަށް ބަރޯސާވުމަކީ ޒިދާނަށް ހެދުނު ގޯހެއް. ހަގީގަތުގައި ރެއާލް ކަހަލަ ޓީމަކަށް ބޭނުންވަނީ ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިން އެކުވެފައި އޮންނަ ބޮޑު ސްކޮޑެއް،" ހެއިންކޭ ބުންޏެވެ.
އޭނާ ވަނީ ރެއާލުން މި ފަހަރު ދެ އަހަރު ދުވަހުގެ ލޯން އެއްބަސްވުމެއްގެ ދަށުން ބަޔާނަށް ދޫކޮށްފައިވާ ހަމޭސް ދައްކަމުން އަންނަ ކުޅުމަށް ތައުރީފް ކޮށްފަ އެވެ.