ވެސްޓް ހޭމުން އެވްރާ ގެނެސްފި
ވެސްޓް ހޭމުން އެވްރާ ގެނެސްފި

ލަންޑަން (ފެބްރުއަރީ 7) – މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ވާތު ބެކް ޕެޓްރީސް އެވްރާ މި ސީޒަނުގެ ނިޔަލަށް ގެނައުމަށް ވެސްޓް ހޭމް ޔުނައިޓެޑުން ނިންމައިފި އެވެ.

އުމުރުން 36 އަހަރުގެ ކުޅުންތެރިޔާ ފްރާންސްގެ އޮލިމްޕިކް މާސޭއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ނޮވެމްބަރު މަހު ބާތިލްކުރުމަށް ފަހު މި ވަގުތު ހުރީ ކްލަބެއް ނެތި އެވެ. ދެ ފަރާތުން އެއްބަސްވެގެން ކޮންޓްރެކްޓް އުވާލީ އޭނާ ޔުރޮޕާ ލީގުގެ މެޗެއްގެ ކުރިން އެ ކްލަބުގެ ސަޕޯޓަރަކަށް ހަމަލާދިނުމުންނެވެ.

އެ މައްސަލައިގައި މި ސީޒަނުގެ ނިޔަލަށް ޔޫރަޕުގެ މުބާރާތްތަކުން އޭނާ ހުރީ ސަސްޕެންޑްކޮށްފަ އެވެ. އެކަމަކު ޕްރިމިއާ ލީގުގައި ވެސްޓް ހޭމަށް ކުޅެވޭނެ އެވެ.

އެވްރާ ވަނީ ވެސްޓް ހޭމްގެ މިހާރުގެ ކޯޗު ޑޭވިޑް މޮއިސްގެ ކޯޗުކަމުގެ ދަށުން މެންޗެސްޓާ ޔުނައިޓެޑަށް ކުޅެފަ އެވެ. އޭނާ ވަނީ އެ ކްލަބަށް 2006 އިން 2014 އަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އޭގެ ފަހުން ޔުވެންޓަސް އަށް ކުޅުމަށް ފަހު މާސޭ އަށް ބަދަލުވީ މިދިޔަ އަހަރު އެވެ. އޭނާ އަކީ 2004 އިން 2016 އަށް ފްރާންސް ގައުމީ ޓީމުގެ ވެސް މެމްބަރެކެވެ. އެގޮތުން އެ ޓީމަށް 81 މެޗު ކުޅެދިނެވެ.