އޯކިޓެލް ޔޫ18: އައިފޯން 10ގެ ނަކަލެއް، 159 ޑޮަލަރަށް
އޯކިޓެލް ޔޫ18: އައިފޯން 10ގެ ނަކަލެއް، 159 ޑޮަލަރަށް

އެޕަލް އަކީ ފެޝަން އުފައްދާ ކުންފުންޏެކެވެ. މުށުތެރޭގައި ގެންގުޅޭ އާލާތްތަކުން ފެށިގެން ލައިގެން އުޅޭ އާލާތްތަކާ ހަމަ އަށް އެޕަލް އިން ޑިޒައިންކުރެ އެވެ. އެއިން ކޮންމެ އާލާތަކީ ވަކި ފެޝަނެކެވެ. ނަކަލުކުރަން އެދޭ މީހުންނަށް ފައިދާ ބޮޑު ވިޔަފާރިއެކެވެ.

އެޕަލް އައިފޯން 10 އަކީ މިހާރު ސްމާޓްފޯން މާކެޓްގައި އެންމެ ހިނގާ ފެޝަނެވެ. އެ ފޯނުގެ ވިޔަފާރި، ގިނަ ބަޔަކު ހީކުރި ވަރަށް ވުރެ ރަނގަޅެވެ. އެހެންކަމުން ސްމާޓްފޯން ކޮޕީކުރާ ކުންފުނިތަކަށް މި އޮތީ ރަންގަނޑެކެވެ.

މިއީ "ޔޫ18" އެވެ. ޗައިނާގެ ސްމާޓްފޯން ކުންފުނި، އޯކިޓެލްގެ އުފެއްދުމެކެވެ. ދުރުން ބަލާބެލުމަށް އައިފޯން 10 އެކެވެ. އޯކިޓެލް ޔޫ18 އޮޕަރޭޓްކުރަނީ އެންޑްރޮއިޑުންނެވެ. މައްސަލައެއް ނެތެވެ. އެޕަލް އައިފޯން 10 ގަނެވޭ ވަރަށް ފައިސާ ނެތް ނަމަ، އޯކިޓެލް ޔޫ18 ހޯދާށެވެ. ދެން އަމިއްލަ ނަފުސަށް ވިސްނައިދޭށެވެ.

އޯކިޓެލްގެ ފޯނުތައް އަގު ހެޔޮ ނަމަވެސް ވައިގައިހިފާ ސަބަބަކީ އެ ފޯނުތަކުގެ ބެޓެރީ އެވެ. ޕަވާ ބޭންކަކަށް ފުދޭ ވަރުގެ ބޮޑު ބެޓެރީއެއް، އޯކިޓެލް ގިނަ ފޯނުތަކުގައި އިނދެ އެވެ. ޔޫ18 އަކީ ވެސް މި ޒާތުގެ ފޯނެކެވެ. ބެޓެރީގައި 4،000 އެމްއޭއެޗް ހުރެ އެވެ.

އޯކިޓެލް ޔޫ18ގައި ދެން ހުރި ފީޗާތަކަށް ބަލާއިރު، ސްކްރީންގައި 5.85 އިންޗި އެވެ. ޑިސްޕްލޭ ރޭޝިއޯ 21:9 އަދި 720 ޕިކްސެލް ރިޒޮލޫޝަން އެވެ.

ޔޫ18ގައި 4ޖީބީ ރޭމް އަދި 64ޖީބީ ސްޓޯރޭޖް ހިމެނެ އެވެ. އޮޕަރޭޓިން ސިސްޓަމަކީ އެންޑްރޮއިޑް 7.0 އެވެ. ކެމެރާ 13 މެގަޕިކްސެލް، ޓައިޕްސީ ޗާޖިން، ފިންގާޕްރިންޓް ސްކޭނާއެއް ވެސް ހިމެނެ އެވެ.