އިިދިކޮޅު ލީޑަރުން ދޫކޮށްލަން އަމުރުކުރި ބައި ތިން ފަނޑިޔާރުންގެ އިއްތިފާގުން ބާތިލްކޮށްފި
އިިދިކޮޅު ލީޑަރުން ދޫކޮށްލަން އަމުރުކުރި ބައި ތިން ފަނޑިޔާރުންގެ އިއްތިފާގުން ބާތިލްކޮށްފި

ސުޕްރީމް ކޯޓުގެ އަމުރުގައި އިދިކޮޅު ލީޑަރުން މިނިވަން ކުރުމަށާއި ސުޕްރީމް ކޯޓުގެ މައްސަލަތަައް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ނުބެލޭނެ ކަމަށް ކަނޑައެޅި ބައި ސުޕްރީމް ކޯޓުން މިރޭ ބާތިލްކޮށްފި އެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރުގައި ނިންމާފައިވަނީ އިދިކޮޅު ލީޑަރުން ހިމެނޭ ގޮތަށް ނުވަ ބޭފުޅަކު މިނިވަން ކުރުމާއި ސުޕްރީމް ކޯޓުގެ މައްސަލަތައް ޖޭއެސްސީއަށް ނުބެލޭނެ ކަމަށާއި ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް އެ ކޯޓުން ކުރި ހުކުމް ބާތިލްކުރާ ކަމަށެވެ. އަދި މަޖިލީހުގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ވެސް އެ އެ އަމުރުގައި އޮތީ ނިންމައިފަ އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ރޭ ހައްޔަރު ކޮށްފައި ވަނިކޮށް، އެ ކޯޓުގެ ބާކީ ތިބި ތިން ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަދި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ސޮއި ކުރައްވައި ނެރުނު އަމުރުގައިވަނީ އިދިކޮޅު ބޭފުޅުން މިނިވަން ކުރުމަށް އަމުރު ކުރި ބަޔާއި ޖޭއެސްސީއަށް ސުޕްރީމް ކޯޓުގެ މައްސަލަތައް ނުބެލޭނެ ކަމަށް ނިންމި ބައި ބާތިލްކުރާ ކަމަށެވެ.

އެކަމަކު ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށް ކުރީގެ އަމުރުގައި އޮތް ބަޔާއި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އޮތް ބައި އަދި މިހާތަނަށް ބާތިލްކޮށްފައެއް ނުވެ އެވެ.

ސުޕްރީމް ކޯޓުން މިރޭ އެގޮތަށް ނިންމީ ކުއްލި ހާލަތު އިއުލާންކޮށް ރޭ ނެރުނު ގަރާރުގައި، ފަހު ބަސް ބުނުމަށް ސުޕްރީމް ކޯޓަށް އޮތް ބާރު ހަނިކުރި ކުރުން ރައީސް އަބްދުﷲ ޔާމީން މިރޭ ނިމުމަކަށް ގެންނަވާފައި ވަނިކޮށެވެ. އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރީ ވެސް ކުއްލި ހާލަތު އިއުލާންކޮށް އަދި ފަނޑިޔާރުންގެ އިމްތިޔާޒްތައް ވެސް ހިފެހެއްޓުމަށް ފަހު އެވެ.