07 ފެބުރުއަރީ 2018 - 06:42

އަހަރެންގެ ވިސްނުން މިހާރު ތަފާތެވެ. އަހަރެންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް މިހާރު އަތުވެއްޖެއެވެ. ޖިންނިސައިތާނުންނަކީ އުޅޭ ބަޔެކޭ ބުނުމުން އަހަރެން ދެނެއް ނުހޭނެއެވެ. އިރު އޮއްސޭ ވަގުތު ކުޑަކުދިން ގޭތެރެއަށް ވައްދައި، ދޮރުތައް ލެއްޕައި، ކާތަކެތީގެ މަތިޖެހުމަކީ ކުރަންޖެހޭ ކަމެކެވެ. އިރު އޮއްސޭ ވަގުތު ކުޑަކުދިން ބޭރުގައި ކުޅެން ނުބައިތިއްބާށެވެ. ގަސްތަކުތެރެއަށް ދޫކޮށްނުލާށެވެ.އެހެންނަމަވެސް މީގެ އަހަރުތަކެއް ކުރިން އަހަރެންގެ ވިސްނުން ވަރަށް ތަފާތެވެ. މީ އަހަރެންގެ ދަރިފުޅަށް ދިމާވި ޙަޤީޤީ ހާދިސާއެކެވެ. ބަޔަކަށް ޢިބުރަތެއް ލިބިއްޖެ ނަމަ ކިތަންމެހާ ވެސް ރަނގަޅެވެ.
އަހަރެންގެ ދަރިފުޅު ނަބީލުގެ އުމުރުން އޭރު ހަތަރު އަހަރު ފުރެން ދެތިން މަހެއް އޮތެވެ. އޭރު އަހަރެން އުޅުނީ ވަރަށް އާދައިގެ ވަޒީފާއެއްގައެވެ. އޮފީސް ނިންމައިފައި ގެއަށް އާދެވެނީ ހަވީރު ފަހެއް ޖަހާއިރުއެވެ. ދަރިފުޅާ އެކުގައި ވަގުތު ހޭދަކޮށްލަން ލިބޭ ވަގުތަކީ އެއީއެވެ. ގެޔާ ވަރަށް ކައިރީގައި ޕާކެއް އޮވެއެވެ. އަހަރެން ގެއަށް އައިސް ހަމަޖެހިލައިގެން ނަބީލު ގޮވައިގެން ޕާކަށް ވަދެވޭއިރު އޮންނަނީ ފަސްގަޑި ބައިވެ ބޮޑުވެފައެވެ. ބައެއް ފަހަރު ނަބީލު ބޯޅައެއް ވެސް ގެނެއެވެ. ޕާކު ތެރޭގައި ބޯޅަ ހިފައިގެން ދުވެ މަޖާކޮށް ހަދައެވެ. ގެއަށް ވަންނަނީ މަޣުރިބު ނަމާދަށް ބަންގި ގޮވީމައެވެ. ނަބީލަކީ ވަރަށް ބަސްއަހާ، މަޑުމައިތިރި ކުއްޖެކެވެ.
ދުވަސްކޮޅެއް ފަހުން ނަބީލުގެ އާ ސިފައެއް އަހަންނަށް ފެންނަން ފެށިއެވެ. ކުޅެން އިންނައިރު ވާހަކަދެއްކުމެވެ. ގާތުގައި އެހެން މީހަކު ނެތަސް ހީވާނީ މީހަކު އިންހެންނެވެ. ނަބީލު ކުޑަކުޑަ ތާސްބަޔެއް ގެންގުޅެއެވެ. އާންމުކޮށް ކުޅޭނީ ދަށުންދަމާއެވެ. އެކަނި އިނދެގެން ދަށުންދަމާ ކުޅޭއިރު ވެސް، ކޮންމެ ފަހަރަކު ވެސް އެހެން މީހަކު ގަނޑުޖަހާ ވަރަށް އޭނަ ވަގުތު ދެއެވެ. އަހަރެން ބެލީ އެއީ ކުޑަކުދިން އުޅޭ ގޮތް ކަމުގައެވެ. ނަޔާޝީނަކީ އަހަރެންގެ އަނބިމީހާއެވެ. އަހަރުމެން ދެމަފިރިންނަށް ވެސް އެ މަންޒަރު ފެނެއެވެ. އޭނައަށް ވެސް އޭރު ގަބޫލުކުރެވުނު ގޮތުގައި ކުޑަކުދިން އެހެން އުޅޭނެއެވެ. ޚިޔާލީ ދުނިޔޭގައި ޚިޔާލީ އެކުވެރިން ގެންގުޅޭނެއެވެ. ވީމާ، އެ ކަމާ ގުޅޭގޮތުން ދަރިފުޅާ ސުވާލެއް ނުކުރަމެވެ.
އަޅާނުލައި ހުއްޓައި ދެވަނަ ކަމެއް ފާހަގަކުރެވެން ފެށިއެވެ. އެއީ ހަމީދުބެއެވެ. ނަބީލު ގެންގުޅޭ ޚިޔާލީ ނަމެކެވެ. އަހަރުމެންގެ ޢާއިލާއާއި އަވަށްޓެރިންގެ ތެރޭގައި ވެސް ހަމީދުބެއެއް ނުހުރެއެވެ. އެކަމަކު ނަބީލުގެ އެންމެ ގާތް އެކުވެރިޔަކީ ހަމީދުބެއެވެ. ނަބީލުގެ ފަރާތުން އެކި ފަހަރުމަތިން އިވޭ ވާހަކަތަކަށް ބަލާއިރު، ހަމީދުބެއަކީ ވަރަށް ރީތި މީހެކެވެ. ބޭބެ ކިޔާތީ ނަބީލަށް ވުރެ ދޮށިކަން އެނގުނަސް ކިހާ ދޮށިކަމެއް އަހަރުމެންނަކަށް ނޭނގެއެވެ. އެނގޭ އެއްޗަކީ ގޭގައި އިތުރު މީހަކު ނުވަތަ ނަބީލަށް ވުރެ ދޮށި ކުއްޖަކު އުޅޭކަމެވެ. ކާމޭޒު ކައިރީގައާއި ނަބީލުގެ އެނދުގައި ވެސް ހަމީދުބެ އޮވެއެވެ. އަހަރުމެން އޭރު ބެލީ ހަމީދުބެއަކީ ނަބީލުގެ ޅަ ސިކުނޑީގައި ގެންގުޅޭ ކުޅޭކުޅޭ އެކުވެރިއެއް ކަމަށެވެ. އެ އަށް ވުރެ ދުރަކަށް އަހަރުމެން ނުވިސްނަމެވެ. ޖިންނިއަކީ އިންސާނުންގެ ތެރެއަށް އައިސްއުޅޭ މަޚުލޫޤެއް ނޫނެވެ. ހަންޑިއާއި ވިގަންޏަކީ އުޅޭ އެއްޗެއް ނޫނެވެ. އަހަރުމެންނަކީ އެ ކަހަލަ ސާދާ ވިސްނުމެއް ގެންގުޅުނު ބަޔެކެވެ. ބޭރުގައި އުޅެފައި ގެއަށް ވަންނައިރު، އެކުގައި އެހެން މަޚްލޫޤުން ގެއަށް ވަންނަކަމެއް އޭރަކު ނޭނގެއެވެ. ގެއަށް ވަންނަމުން ކިޔަންއޮންނަ ދުޢާގެ މުހިންމުކަމެއް ވެސް ނޭނގެއެވެ. އެ ފަދަ ކަންކަމަކަށް އަހަރެން ސަމާލުކަމެއް ނުދެމެވެ.
ތިންވަނަ ކަމަކަށް ފާހަގަކުރެވެން ފެށި ކަމަކީ ހަމީދުބޭގެ ބާރު ގަދަވާން ފެށުމެވެ. ނަބީލުގެ ކިޔަމަންތެރިކަން މަޑުމަޑުން ފިލަން ފެށުމެވެ. މަދުމަދުން ނަމަވެސް ނުކާން ބޮޑާހާކަން ފެށިއެވެ. ބަލިވީމައި ބޭސް ނުބޯން ވެސް އުޅެއެވެ. ކުރިން އެހެނެއް ނޫޅެއެވެ. އެކަމަކު ނަބީލު ކަންކަމާ ބޮޑާހާކަން ފެށުމުން ހަމީދުބޭގެ ބޭނުން އަހަރުމެންނަށް ހިފެއެވެ. ހަމީދުބޭ ރުޅިއަންނާނޭ ބުނީމައި ނަބީލު އެ ކަމެއް ކުރެއެވެ. އަހަރުމެން ދުށް ގޮތުގައި ޚިޔާލީ ނަމެއް ބޭނުންކޮށްގެން ކަންކަން ފަސޭހަކުރެވެންޏާ އެއީ މޮޅު އުކުޅެކެވެ. އެ އަކު އެއްވެސް މައްސަލައެއް ނެތެވެ. އެވެނިކަމެއް ކުރީމައި ހަމީދުބޭ ދެރަވާނޭ މިވެނި ކަމެއް ކުރީމައި އުފާވާނޭ ބުނީމައި އަވަހަށް ކަންކަން ކުރެވެއެވެ. އޭގެ ސަބަބުން ހަމީދުބޭ ދެކެ ނަބީލު ވާ ލޯބި އިތުރުވާނެކަމާއި އޭގެ ނަތީޖާ ހިތިވާނެކަމެއް ނުވިސްނެއެވެ. ވިސްނޭނީ ވެސް ކިހިނެއް ހެއްޔެވެ؟ ހަމީދުބޭއަކީ ޚިޔާލީ ނަމެއް ފިޔަވައި އެހެން އެއްވެސް އެއްޗެއް ނޫނެވެ. ލިބޭނީ ކޮން ގެއްލުމެއް ހެއްޔެވެ؟
"ހަމީދުބޭ" ގެއަށް ގަދަވާން ފެށިއެވެ. އޭނަ ބުނެގެން ނޫން ގޮތަކަށް ނަބީލު ކަންތައް ނުކުރާން ފެށިއެވެ. އަހަރުމެން ދެކެ ނަބީލު ރުޅިއަންނަން ފެށިއެވެ. އަބަދުވެސް ބައްޕަޔާ އޮންނަނީ ރުޅިވެފައެވެ. މަންމަޔާ ވެސް ނަބީލު ރުޅިވެއްޖެއެވެ. ހަމީދުބެއަށް ވުރެ ރީތި މީހަކު ނެތެވެ. އޭނައަށް ވުރެ ރަނގަޅު މީހެއް ވެސް ނެތެވެ. ހަމީދުބެއަށް ކުރެވޭ އެއްވެސް ކަމެއް އަހަންނަށް ކުރެވޭ ކަމަކަށް ނުވެއެވެ. ދަރިފުޅު ރުޅިނާންނާނެ ކަމަކަށް އަހަންނަށް އެއްޗެއް ބުނެވޭ ކަމަކަށް ވެސް ނުވެއެވެ.
ނަބީލަކީ ތޫނުފިލި ކުއްޖެކެވެ. ހިތް އައްޔެވެ. ވަރަށް ރީތިކޮށް ކުރަހައެވެ. ފަހަކަށް އައިސް ނަބީލުގެ ޢާއިލާ ކުރަހާއިރު ހަމީދުބެ ނުލައެއް ނުކުރަހައެވެ. އެ ހަމީދުބެއެއް ހުންނަނީ ނަބީލުގެ އަތުގައި ހިފައިގެންނެވެ. އިސްކޮޅުން ނަބީލަށް ވުރެ ތަންކޮޅެއް ބޮޑެވެ. އެކަމަކު އިންސާނަކަށް ވުރެ އެންމެ ތަންކޮޅެއް ވެސް ތަފާތެއް ނޫނެވެ. ދެން ވެސް އެ ކަމަށް އިތުރު ސަމާލުކަމެއް ނުދެވުނީ އެހެންވެއެވެ. އިތުރަށް ބަލައި ހޯދައި، ސުވާލުކުރާކަށް ހިތަކަށް ނުވެސް އަރައެވެ.
ނަބީލު އުޅުނީ އޭނަގެ އަމިއްލަ ދުނިޔެއެއްގައެވެ. އޭނަ ދާ ކޮންމެ ތާކަށް ހަމީދުބެ ދެއެވެ.ވަކި ހިސާބަކުން އަނެއްކާ ވެސް އެއް ގިޔަރު ކުރިޔަށް ޖެހިލިއެވެ. ނަބީލުގެ ރުޅި މާ ބޮޑަށް ގަދަވިއެވެ. ދަންވަރު ތިނެއްޖެހުމާ އެކު، އެއްވެސް ސަބަބެއް ނެތި ނަބީލު ހޭލައި ރޯން ފަށައެވެ. އޭނަ ހުއްޓާލައްވަން ކުރާ އެއްވެސް ކަމެއް ކާމިޔާބެއް ނުވެއެވެ. ގަޑިއެއްހާއިރު ކޮށްފައި ކުއްލިއަކަށް ރުއިން ހުއްޓައިލައިފައި ނިދައެވެ. ކޮންމެ ރެޔަކު ވެސް ރޯނީ އެއްފަހަރުއެވެ. ނިދުމަށް ފަހު ދެން ކިތަންމެ އަޑު ގަދަވިޔަސް، އިރު އެރުމުން ނޫނީ ނުހޭލައެވެ. އަހަރުމެންނަށް އެއްބަސްވެވުނު ގޮތުގައި އެއީ އާދައިގެ ކަމެއް ނޫނެވެ. އާދަޔާ ޚިލާފު ކަމެކެވެ.
ރޭގަނޑު ނަބީލު ހޭލުމުން ޤުރުއާންޖަހަން ފެށީމެވެ. އެއީ ވަކި މީހަކު ބުނެގެން ކުރި ކަމެއް ނޫނެވެ. ހެޔޮކަމެއް ކުރުމުގެ ނިޔަތުގައި ކުރި ކަމެކެވެ. އޭގެ ނަތީޖާ ރަނގަޅެވެ. ނަބީލު ހަމަޔަކަށްއެޅުނުލެއް އަވަހެވެ. އަލުން ނިދިއަންނަލެއް ވެސް އަވަހެވެ. އެކަމަކު އިތުރު އެހެން ކަމެއް ކުރިމަތިވިއެވެ. ނަބީލު ބިރުގަންނަން ފެށިއެވެ. ދުވާލުގެ ވަގުތުގައި ވެސް، ކޮޓަރި އަނދިރިކޮށް އޮވެއްޖެ ނަމަ އެތެރެއަށް ވަންނަން ޖެހިލުންވާން ފެށިއެވެ. ދޭތެރެއަކުން ދުވެފައި އައިސް އަހަރުމެންގެ ގައިގައި ބައްދައިލައެވެ. ބިރުގަންނަކަމަށް ބުނެއެވެ. ބިރުގަތީ ކޮންކަމަތޯ ސުވާލު ކުރިޔަސް އޭގެ ޖަވާބެއް ނުލިބެއެވެ. އެކަމަކު ބިރުގެންފައި ހުރިކަމަށް ނަބީލުގެ ދެ ލޯ ހެކިދެއެވެ. އިރު އޮއްސުމުން އެ ކަންތައް ވަކީން ބޮޑުވެއެވެ. ޓީވީ ބަލަން އިނދެފައި ވެސް ކުއްލިއަކަށް ހަޅޭއްލަވައިގެންފާނެއެވެ.
"ބިރުގަތީ ބިރުގަތީ!" އެހެން އެއްޗެއް ނަބީލު ނުބުނެއެވެ.
އެ ހިސާބަށް އައިއިރު ނަބީލަކީ ކުރީގެ ނަބީލެއް ނޫނެވެ. މިޒާޖާއި ޚަރަކާތް ވެސް ތަފާތު ވެއްޖެއެވެ. އަހަރުމެންގެ ހިތުގައި ޝައްކު އުފެދެން ފެށި ހިސާބަކީ އެއީއެވެ. އޭރު އެ ކަމެއް ފެށުނުތާ ދެ އަހަރު ވަނީއެވެ. ކުޑަކުދީންގެ މިޒާޖަށް ކުއްލި ބަދަލުތައް އަންނަނީ ކީއްވެގެން ހެއްޔެވެ؟ ނުފެންނަ އެކުވެރިޔަކު ގެންގުޅުމަކީ ކިހާ އާންމުކަމެއް ހެއްޔެވެ؟ އެ ކަހަލަ އެތަކެއް ސުވާލެއް އަހަރެންގެ ހިތުގައި އުފެދެން ފެށިއެވެ. މީހުން ގާތުގައި އަހައި އޮޅުންފިލުވަން ފެށީމެވެ. ގިނަ މީހުން ބުނީ އެއީ ސީރިޔަސްކަމެއް ނޫންކަމަށެވެ. އުމުރު މަތިވާ ވަރަކަށް އެ ކަންތައް ފެންނަލެއް މަދުވާނެކަމަށެވެ. ނަފުސާނީ ބައްޔެއްކަމަށް ބުނި މީހުންގެ އަދަދު ވެސް މަދެއް ނޫނެވެ. ޖިންނިއެއް އަވަލެވީކަމަށް ބުނީ އެންމެ މީހެކެވެ.
"ދެން އެހެނެއް ނުވާނެ،" އެ ވާހަކަ ގަބޫލުކުރާކަށް ނަޔާޝީން ބޭނުމެއް ނުވިއެވެ. "އަހަރެން ދުށިން ޖިންނި އަވަލަވައިފަ ހުރި މީހެއް. އަބަދު އެންގޭޖުވެފަ އިންނާނީ. ދައްކާ ވާހަކަ ހަމައެއް ނުޖެހޭނެ. ދެން އަނެއްކާ އެ ކަހަލަ މީހުން އަބަދު މޮޔަގޮވާނެ. ނަބީލު ދުވަހަކު ވެސް އެހެން އުޅުނުތަ؟"
އަހަރެން ވެސް ބޭނުމީ ގަބޫލު ނުކުރާށެވެ. ދަރިފުޅު މޮޔައަކަށް ހަދަން ބޭނުންވާނީ ކޮން ބައްޕައެއް ހެއްޔެވެ؟ އެކަމަކު ޙަޤީޤަތާ ކުރިމަތިނުލެވޭހާ އަހަރެން ފިނޑިއެއް ނޫނެވެ. އެއްދުވަހަކު ނަބީލު ދުވަމުންދުވަމުން އައިސް ކޮޓަރިއަށް ވަނެވެ.
"ހިނގާ އެހެން ގެއަކަށް،" ނަބީލު އެދުނެވެ. "މިހާރު އަބަދު ބިރުގަންނަނީ."
"އެހެން ގެއަކަށް ދެވިދާނެ،" އަހަރެން ފުރުޞަތުގެ ބޭނުން ހިފީމެވެ. "މިއަށް ވުރެ މާ ރީތި، މާ ބޮޑު ގެއަކަށް ވެސް ދެވިދާނެ. އެއްވެސް ކަމެއް ނޫނެއް. އެކަމަކު ދަރިފުޅު ފުރަތަމަ ބުނެބަލަ ބިރުގަތީ ކީއްވެގެންކަން."
"ހަމީދުބޭ ވަރަށް ޗީކޮށް މިއަދު އިނީ،" އަނގަޔަށް ވައްތަރެއްޖައްސައިލައިފައި ނަބީލު ބުންޏެވެ. "ވަރަށް ވަރަށް ޗީކޮށް."
އަހަރެންގެ މެޔަށް ހީވީ ފެންއެއްޗެއް އޮއްސައިލިހެންނެވެ. ޗީއަކީ، އައުރަ ނިވާނުކޮށް ހުރުމުން ނަބީލު ބޭނުންކުރާ ލަފުޒެކެވެ. އަންނަނީ ކޮންމެ ފަދަ އެއްޗަކަށް ވިޔަސް، އައުރަ ކަޝްފުކޮށްގެން ކުޑަކުއްޖެއް ގާތަށް އޭތި އައުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ނަޔާޝީންގެ މޫނުމަތިން ފާޅުވީ ބިރުވެރިކަމެވެ. އެހެންނަމަވެސް، ތެޅިފޮޅިގަތުމުގެ ބަދަލުގައި ބުއްދީގެ ބޭނުން ހިފީމެވެ.
"އެހެންތަ؟" ވަރަށް ހަމަޖެހިލައިފައި އަހަރެން ބުނީމެވެ. "ބައްޕައަށް ކުރަހާލަދީބަލަ ހަމީދުބޭ ޗީކޮން އައިއިރު ހުރި ގޮތް."
ނަބީލު ކުރަހަން ފެށިއެވެ. ކަންބޮޑުނުވާކަން ދެއްކުމުގެ ގޮތުން އަހަރުމެން ތިބީ ތަންކޮޅެއް ދުރުގައެވެ. ޓީވީ ބަލާކަމަށް ހެދިގެންނެވެ. ކުރަހައި ނިންމައި، ކުލަޖައްސައިފައި ނަބީލު އެ ކަރުދާސްގަނޑު ދައްކައިލިއެވެ.
ނުނިމޭ