އަންހެން ޑިވިޝަނުގެ ފުރަތަމަ ދެ މެޗު ޕޮލިހާއި މޯލްޑިވިއަން އަށް
އަންހެން ޑިވިޝަނުގެ ފުރަތަމަ ދެ މެޗު ޕޮލިހާއި މޯލްޑިވިއަން އަށް

ސަލްސާ ވީއޭއެމް ކަޕް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފުރަތަމަ ދެ މެޗު މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބާއި ޕޮލިސް ކްލަބް ކާމިޔާބުކޮށްފި އެވެ.

ފުރަތަމަ މެޗު މޯލްޑިވިއަން ކާމިޔާބުކުރީ ސްޕޯޓްސް ކްލަބް ހޯކްސްއާ ވާދަކޮށް ފަސޭހަކަމާ އެކު ސީދާ ތިން ސެޓުންނެވެ. ސެޓުތައް ކާމިޔާބުކުރީ 25-8، 25-12 އަދި 25-4 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މޯލްޑިވިއަންގެ އައިޝަތު ޝައްފަ އެވެ.

ދެ ވަނަ މެޗުގައި ޕޮލިހާއި އައިލެންޑް އޯޝަން ކްލަބް ވާދަކުރިއިރު ޕޮލިސް މެޗު ގެންދިޔައީ އެހާމެ ފަސޭހަކަމާ އެކު ސީދާ ތިން ސެޓުންނެވެ. އެ ޓީމުން ސެޓުތައް ހޯދީ 25-10، 25-5 އަދި 25-7 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ މިދިޔަ އަހަރުގެ ރާއްޖޭގެ އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިޔާ ހައްވާ ރާޝިދާ އެވެ.

މި ހަތަރު ޓީމުގެ އިތުރުން މުބާރާތުގައި ވާދަކުރަނީ ކްލަބް ތުރީ ސްޓާ އެވެ. ލީގު އުސޫލުން ކުޅެ އެއް ވަނަ ހޯދާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭއިރު ފަހު ޖާގަ ލިބޭނީ ދެ ވަނަ ޓީމާއި ތިން ވަނަ ޓީމުގެ މެދުގައި ސެމީ ފައިނަލެއް ކުޅެ މޮޅުވާ ޓީމަކަށެވެ. ފައިނަލް ކުޅޭނީ މި މަހުގެ 24 ގަ އެވެ.