އިނގިރޭސި ޚާރިޖީ ވަޒީރުގެ މަގާމަށް ބޮރިސް ޖޯންސަން
އިނގިރޭސި ޚާރިޖީ ވަޒީރުގެ މަގާމަށް ބޮރިސް ޖޯންސަން

ލަންޑަން (ޖުލައި 14) - އިނގިރޭސި ވިލާތުގެ އާ ބޮޑު ވަޒީރު ތެރޭސާ މޭގެ ކެބިނެޓުގެ ޚާރިޖީ ވަޒީރުގެ މަގާމު ލަންޑަނުގެ ކުރީގެ މޭޔަރު ބޮރިސް ޖޯންސަން އަށް ދެއްވައިފި އެވެ.

އިނގިރޭސި ޚާރިޖީ ވަޒީރުގެ މަގާމަށް ބޮރިސް ޖޯންސަން
އިނގިރޭސި ޚާރިޖީ ވަޒީރުގެ މަގާމަށް ބޮރިސް ޖޯންސަން

އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމަށް އެންމެ ބޮޑަށް ކެމްޕޭން ކުރެއްވި ޖޯންސަން އަކީ ޑޭވިޑް ކެމަރަން އަށް ފަހު ބޮޑު ވަޒީރު ކަމަށް ވަޑައިގަންނަވާނެ ކަމަށް ގިނަ ބަޔަކު އުއްމީދު ކުރި ފަރާތެވެ. ނަމަވެސް ޖޯންސަން ވަނީ ބޮޑު ވަޒީރުކަމުގެ މަގާމަށް ވާދަ ނުކުރައްވާނެ ކަމަށް ފަހުން އިއުލާން ކުރައްވައިފަ އެވެ.

ބައިނަލްއަގުވާމީ ވިޔަފާރިއާ ބެހޭ ވަޒީރުގެ މަގާމު އުފައްދަވާ އެ މަގާމަށް ވަނީ ލިއާމް ފޮކްސް ހަމަޖައްސަވައިފަ އެވެ. ދިފާއީ ވަޒީރުގެ މަގާމު ދެއްވީ ކުރިން ވެސް އެ މަގާމުގައި ހުންނެވި މައިކަލް ފެލޮން އަށެވެ. އީޔޫ އިން ވަކިވުމާ ބެހޭ ކަންކަން ކުރިއަށް ގެންދިއުމުގެ ވަޒީރުގެ މަގާމަށް ވަނީ ޑޭވިޑް ޑޭވިސް ހަމަޖައްސައިފަ އެވެ.

ކެބިނެޓުގެ އިތުރު މަގާމުތަކަށް މިއަދު ބޭފުޅުން ހަމަޖައްސަވާނެ އެވެ. އޭގެ ތެރޭގައި ހެލްތު، އެޑިއުކޭޝަން އަދި ވޯކް އެންޑް ޕެންޝަން މިނިސްޓަރު ހިމެނެ އެވެ.

ބޮޑު ވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު މޭ ވަނީ ޔޫރަޕުގެ ގައުމުތަކުގެ ލީޑަރުންނަށް ގުޅުއްވާ އީޔޫ އިން އިނގިރޭސިވިލާތް ވަކިވުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދަވާނެ ކަމަށް އިއްޔެ ވިދާޅުވެފަ އެވެ. މޭ އިއްޔެ ވަނީ ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް އާއި ފްރާންސްގެ ރައީސް ފްރާންސުވާ އޮލެންޑާ އަށް ގުޅުއްވައިފަ އެވެ.