އިންޑިއާގެ ފަޅުވެރިން ތިބި ބޯޓު ކަނޑުފޭރޭ މީހުން ދޫކޮށްލައިފި
އިންޑިއާގެ ފަޅުވެރިން ތިބި ބޯޓު ކަނޑުފޭރޭ މީހުން ދޫކޮށްލައިފި

ޕޯޓޯ-ނޯވޯ (ފެބްރުއަރީ 6) - އިންޑިއާގެ 22 ފަޅުވެރިން ތިބި ތެޔޮ ޓޭންކަރު ކަނޑުފޭރޭ މީހުން ދޫކޮށްލާފައިވާ ކަމަށް އެ ޓޭންކަރު އޮޕަރޭޓް ކުރާ ކުންފުނިން ބުނެފި އެވެ.

ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ މެރިން އެކްސްޕްރެސްއާ މިދިޔަ ބުރާސްފަތި ދުވަހުގެ ފަހުން ނުގުޅެ އެވެ.

"މެރިން އެކްސްޕްރެސް އަށް ކަނޑުފޭރޭ މީހުން ހަމަލާދީފައި ވަނީ ފެބްރުއަރީ 1 ގައި ގަލްފް އޮފް ގިނީން. އެކަމަކު އެ ޓޭންކަރު މިހާރު ވަނީ ކެޕްޓަނާއި ކްރޫންގެ ކޮމާންޑުގެ ދަށުގައި،" ހޮން ކޮންގެ އެންގްލޯ-އީސްޓަން އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. "ބޯޓުގެ ހުރިހާ ފަޅުވެރިންގެ ހާލު ވެސް ރަނގަޅު. އަދި ބޯޓުގައި ހުރި 13،500 ޓަނުގެ ތެޔޮ ވެސް މަދެއް ނުވޭ."

ބޯޓުގެ ފަޅުވެރިންނާއި ކާގޯ ސަލާމަތް ކުރަން ކަނޑުފޭރޭ މީހުންނަށް ފައިސާ ދިން ކަމަށް ކުންފުނިން ނުބުނެ އެވެ. އަދި ކެޕްޓަނާއި ފަޅުވެރިންގެ ހިތްވަރަށް ތައުރީފް ކުރަމުން ކުންފުނިން ބުނީ ބޯޓު ހައިޖެކްކުރި ގޮތް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ގަލްފް އޮފް ގިނީގައި ހަރަކާތްތެރިވާ ކަނޑުފޭރޭ މީހުން ވަނީ ބައިނަލްއަގުވާމީ ޝިޕިން ރޫޓަށް ބުރޫ އަރުވާލައިފަ އެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ އިގްތިސާދަށް ބިލިއަން ޑޮލަރުގެ ގެއްލުން ދަނީ ލިބެމުންނެވެ.

ޓޭންކަރު ގެއްލުނު ސަރަހައްދުން ޖެނުއަރީ މަހު ވަނީ ބޯޓެއް ކަނޑު ފޭރިފަ އެވެ. ނަމަވެސް ކަނޑުފޭރުނު މީހުން ޑިމާންޑްކުރި އަދަދަށް ފައިސާ ދެއްކުމުން، ހަ ދުވަސް ފަހުން ބޯޓު ވަނީ ދޫކޮށްލައިފަ އެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖް ވިދާޅުވެފައި ވަނީ ޓޭންކަރު ގެއްލުނު ސަރަހައްދުގައި ހިމެނޭ ގައުމުތަކާ ގުޅިގެން އިންޑިއާ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.