07 ފެބުރުއަރީ 2018 - 06:45

ހާބަލް ރިމެޑީޒް އާއި ޑޮކްޓަރީ ބޭސް އެއްކޮށް ބޭނުންކުރުމުން ހީނުކުރާ ކަހަލަ ބޮޑެތި ނުރައްކާތަކާ ކުރިމަތިވާ ކަމަށް ފަހުގެ ހޯދުމަކުން ހާމަވެއްޖެ އެވެ. ރިސާޗަރުން ވަނީ މިކަހަލަ ވަރަށް ގިނަ ކޭސްތައް ހޯދައި ދިރާސާކޮށްފަ އެވެ. މި ހޯދުމުން ހާމަވި ގޮތުގައި ހާބަލް ރިމެޑީޒް ބޭނުންކުރަމުން ޑޮކްޓަރު ލިޔެދޭ ބޭސް ބޭނުންކުރުމުން ޑޮކްޓަރީ ބޭހުން ކުރަންވީ އަަސަރު ދިމާ އިދިކޮޅަށް ކޮށްފައިވެ އެވެ.
ހާބަލް އަދި ޑޮކްޓަރީ ބޭސް އެއްކޮށް ބޭނުންކުރުމުން، ބައެއް ފަހަރަށް ޑޮކްޓަރީ ބޭހުގައި ހުންނަ ބާރު ކެނޑެ އެވެ. ނުވަތަ އޭގެ ބާރު މާ ގަދަވެ އެވެ. ނުވަތަ ފުރާނައަށް ނުރައްކާވާ ފަދަ ސައިޑް އިފެކްޓްސްތަކެއް ދިމާވެ އެވެ.
ސައުތު އެފްރިކާގެ ޔުނިވަސިޓީއަކުން ކުރި މި ދިރާސާގައި މަސައްކަތްކުރި ޓީމުގައި ހިމެނޭ ޑރ. ޗާލްސް އަވޯޓްވޭ ވިދާޅުވީ އޭނާގެ ޓީމުން މި ދިރާސާ ކުރަން ގަސްތުކުރީ މިހާރަކަށް އައިސް ހާބަލް ރިމޭޑީޒް އާއި ޑޮކްޓަރީ ބޭސް އެއްފަހަރާ ބޭނުންކުރުން އާއްމު ކަމަކަށް ވެފައި ވާތީ އެވެ.
މި ހޯދުމަށް ޑރ. ޗާލްސް އާއި ޓީމުން ވަނީ ބޭސް ބޭނުންކޮށްގެން އާދަޔާޚިލާފު ގޮތްތަކެއް ދިމާވި ބަލިމީހުންތަކެއްގެ ކޭސްތަކެއް އެނަލައިޒްކޮށްފަ އެވެ. މިފަދަ 49 ކޭސް ރިޕޯޓެއް މި ޓީމުން ބަލާފައިވެ އެވެ. އަދި ބޭހެއްގެ ސަބަބުން ހަށިގަނޑަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ 15 ކޭސް އެއް ވެސް މި ޓީމުން ވަނީ ދިރާސާ ކޮށްފަ އެވެ.
މި ޓީމަށް ފާހަގަކުރެވުނު ގޮތުގައި އެނަލައިޒްކުރި ހުރިހާ ކޭސްތަކުގެ ތެރެއިން 60 ޕަސެންޓް ކޭހުގައި މިކަން ދިމާވެފައިވަނީ ހާބަލް ބޭހުގެ ސަބަބުންނެވެ.
ހާބަލް ބޭހުގައި ހުންނަނީ ނެޗުރަލް އިންގްރިޑިއަންޓްސް ނަމަވެސް އެއިން ވެސް ހަށިގަނޑަށް ވަރަށް ނޭދެވޭ އަސަރުތައް ފޯރާކަން މި ޓީމުން ފާހަގަ ކޮށްފައިވެ އެވެ.
"ހާބަލް ޓްރީމަންޓްތައް ހޯދާ މީހުންނަށް ޑޮކްޓަރީ ބޭހުން މާ ގިނަ ގެއްލުންތައް ލިބޭ. އެހެންވެ ހާބަލް ރިމެޑީޒްއެއް ބޭނުންކުރާ މީހުން ޑޮކްޓަރަކާ މަޝްވަރާ ނުކޮށް ޑޮކްޓަރީ ބޭސް ނުކެއުމަށް ހޭލުންތެރިކުރުވަން ޖެހޭ،" މި ޓީމުގައި މަސައްކަތް ކުރެއްވި ރިސާޗަރަކު ވިދާޅުވި އެވެ.
މި ދިރާސާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ޑިޕްރެޝަނަށް ކާ ބޭސް، އެޗްއައިވީ، އެޕިލެޕްސީ އަދި ހިތުގެ ބަލިތަކަށް ކާ ބޭހާއި ހާބަލް ރިމެޑިޒް އެކުވުމުން ވަރަށް ނުރައްކާތެރި ސައިޑް އިފެކްޓްސްތައް ދިމާވެފައި އެބަހުއްޓެވެ.
މި ރިޕޯޓުގައި ވަނީ 55 އަހަރުގެ މީހަކަށް ދިމާވި ހާދިސާއެއް މިސާލެއްގެ ގޮތުގައި ހިމަނއިފަ އެވެ. މި މީހާ ފަތަނިކޮށް ފިޓްޖެހި އަނގައިން ފޮނުއަރާފައި މަރުވީ އެވެ. މި މީހާގެ އޮޓޮޕްސީ ރިޕޯޓުން ހާމަވި ގޮތުގައި ވިސްނުމުގެ ގާބިލްކަން އިތުރުކުރުމަށްޓަކައި އޭނާ ބޭނުންކޮށްފައިވާ ގިންކޯ ބިލޯބާ ސަޕްލިމެންޓްސް އާއި އޭނާ ކަމުންދިޔަ ޑޮކްޓަރީ ބޭހަކާ ނުގުޅި ފުރާނައަށް ނުރައްކާވީ އެވެ.
ބްރިޓިޝް ޖާނަލް އޮފް ކްލިނިކަލް ފާމަކޮލޮޖީގައި ޝާއިއުކޮށްފައިވާ މި ރިޕޯޓުގައި ޑރ. ޗާލްސް ވިދާޅުވެފައިވާ ގޮތުގައި އެއްވެސް ކަހަލަ ހާބަލް ރިމެޑީޒް އެއް ބޭނުންކުރާނަމަ ޑޮކްޓަރު ކައިރީގައި އެ ވާހަކަ ބުނަން ޖެހޭނެ އެވެ. އަދި ޑޮކްޓަރަކަށް ނުދައްކާ އެއްވެސް ބޭހެއް ކައިގެން ނުވާނެ އެވެ.