ހަކުރުބަލި ޖެހުމުގެ ނުރައްކާ އިތުރުވާ ކާނާ
ހަކުރުބަލި ޖެހުމުގެ ނުރައްކާ އިތުރުވާ ކާނާ

ހަކުރުބަލީގެ ވޭން ބޮޑެވެ. އެހެންވެ އެ ބަލި ޖެހުމުގެ ކުރިން ސަމާލުވުމަކީ އެންމެ ރަނގަޅު ގޮތެވެ. ހަކުރުބަލި ޖެހުމުގެ ނުރައްކާ ކުޑަކުރުމަށްޓަކައި، ބަލި ޖެހެން މެދުވެރިވާ ސަބަބުތައް ހޯދައި އެ ސަބަބުތަކަށް ސަމާލުވުމަކީ އެންމެ ބުއްދިވެރި ގޮތެވެ.

ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކަންބަޅި، ގެރި، އޫރު އަދި ޕޯލްޓްރީ ކެއުން މަދުކޮށްލުމަކީ ވެސް ހަކުރުބަލީގެ ނުރައްކާ ކުޑަކުރެވޭނެ ކަމެކެވެ.

ސިންގަޕޫރުގެ މެޑިކަލް ސްކޫލެއްގެ ރިސާޗަރުން ހޯދި ހޯދުމަކުން ހާމަވެފައިވާ ގޮތުގައި ރެޑް މީޓް އާއި ޕޯލްޓްރީ ކާ މިންވަރު އިތުރުވާ ވަރަކަށް ހަކުރުބަލި ޖެހުމުގެ ނުރައްކާ އިތުރުވެ އެވެ. މީގެ ސަބަބަކަށް ވަނީ މި ބާވަތްތަކުގެ އެއްގަމުމަހުގައި ހުންނަ ހީމް އަޔަންގެ ސަބަބުންނެވެ.

ރެޑް މީޓް ކައިއުޅޭ މީހުންނަށް ހަކުރުބަލި ޖެހުމުގެ ނުރައްކާ 23 ޕަސެންޓް އިތުރުވާއިރު ޕޯލްޓްރީ ޕްރޮޑަކްޓްސް ބޭނުންކުރާ މީހުންނަށް ހަކުރުބަލި ޖެހުމުގެ ނުރައްކާ 15 ޕަސެންޓް އިތުރެވެ.

މި ހޯދުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ޑރ. ކޯ ވޫން ޕުއޭ ވިދާޅުވި ގޮތުގައި ރަތްކުލަ ހުންނަ ރެޑް މީޓް ކެއުން މުޅިން ހުއްޓާލާކަށް ނުޖެހޭނެ އެވެ. ކާ މިންވަރު މަދުކޮށްލުމުން ފުދޭނެ އެވެ. ރެޑް މީޓްގެ ބަދަލުގައި ކުކުޅު މަސް ކަނޑުމަސް/ޝެލްފިޝް ނުވަތަ ޕްލާންޓް-ބޭސްޑް ޕްރޮޓީން ފުޑް އާއި ކިރުން އުފައްދާ ބާވަތްތައް ބޭނުންކުރުން ރަނގަޅުވާނެ ކަމަށެވެ.

މިފަހަރުގެ ހޯދުން ހޯދި ޓީމުން އެނަލައިޒްކުރީ ބޮޑެތި މީހުންގެ 63،257 މީހުންނެވެ. މިއީ އުމުރުން 45 އަހަރާއި 74 އަހަރާ ދެމެދުގެ ބައެކެވެ. މި މީހުން ފުރަތަމަ އެނަލައިޒްކުރީ 1994 އަދި 1998 ގަ އެވެ. އޭގެ ފަހުން އެވްރެޖްކޮށް 11 ވަރަކަށް އަހަރު ވަންދެން ފޮލޯއަޕް ހަދަމުން ގެންގޮސްފައިވެ އެވެ.