ޕަދްމާވަތުން ދީޕިކާ ޕަދުކޯންގެ މަގާމު ވަރުގަދަވެއްޖެ
ޕަދްމާވަތުން ދީޕިކާ ޕަދުކޯންގެ މަގާމު ވަރުގަދަވެއްޖެ

ދީޕިކާ ޕަދުކޯން ބަތަލާގެ ރޯލު ކުޅުނު "ޕަދްމާވަތު" މިހާރު ވަނީ 200 ކްރޯޑު ރުޕީސް އަށް ވުރެ ގިނައިން ހޯދައިފަ އެވެ. ފިލްމު ރިލީޒްކުރިތާ ދެ ވަނަ ހަފުތާ އަށް އަޅާފައިވާއިރު އަދިވެސް ފިލްމުގެ ހިނގުމަށް މަޑުޖެހުމެއް ނާދެ އެވެ.

ޝާހްރުކް ޚާނާ އެކު "އޯމް ޝާންތީ އޯމް" އިން ތައާރަފްވި ދީޕިކާ މިހާރު ލޭބަލްކުރެވިފައި ވަނީ ބޮލީވުޑްގެ ހަތަރު ވަނަ ޚާންގެ ގޮތުގަ އެވެ. އެހާވެސް ގިނަ ކާމިޔާބު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާ ހޯދާފައިވެ އެވެ.

ހުނަރުން ފުރިފައިވާ ދީޕިކާގެ ކޮންމެ ފިލްމަކީ ވެސް އޭނާގެ އެކްޓިން ހުނަރު ދައްކާލަން ލިބުނު ފިލްމެކެވެ. ބޮލީވުޑް އެންމެ ކާމިޔާބު އެއް ބަތަލާއަށް އޭނާއަށް ވެވުނީ ޚިޔާރުކުރި ފިލްމުތައް ވެސް ރަނގަޅުކަމުންނެވެ.

ދީޕިކާގެ އެންމެ ފަހުން ރިލީޒްވި "ޕަދްމާވަތު" 200 ކްރޯޑަށް ވުރެ ގިނައިން ހޯދާފައިވާއިރު މިއީ 200 ކްރޯޑު ހޯދި ދީޕިކާގެ ތިން ވަނަ ފިލްމެވެ. އަދި ހިންދީ ފިލްމު ކުޅޭ އެއްވެސް ބަތަލާއަކަށް މިވަރުގެ ކާމިޔާބެއް ހޯދިފައެއް ނެތެވެ. އަނުޝްކާ ޝަރުމާ އާއި ކެޓުރީނާ ކައިފް އަދި ކަރީނާ ކަޕޫރުގެ ދެ ފިލްމެއް 200 ކްރޯޑު ހޯދާފައި ވެއެވެ. މިއީ ބޮލީވުޑްގެ ނަން މަޝްހޫރު އެކްޓަރުންގެ ތެރެއިން ވެސް މަދު މީހަކަށް ނޫނީ ނުހޯދޭ ކާމިޔާބެކެވެ.

އެންމެ ގިނަ 100 ކްރޯޑު ހޯދާފައިވާ ފިލްމުތައް ވެސް ހުރީ ދީޕިކާގެ އެވެ. ދީޕިކާގެ ހަތް ފިލްމެއް މިހާތަނަށް 100 ކްރޯޑު ވަނީ ހޯދައިފަ އެވެ. މިއީ ވެސް އޭނާ އަކީ ކިހާ ކާމިޔާބު ބަތަލާއެއްކަން ހާމަވާ ކަމެކެވެ.

ފިރިހެނުންގެ ބާރު އޮންނަ އިންޑަސްޓްރީއެއްގައި ދީޕިކާ ވަނީ އޭނާގެ ހުނަރުގެ އިތުރުން ބޮކްސް އޮފީހުގައި ވެސް އޭނާގެ ބާރު ހުރި ވަރު ހާމަކޮށްދީފަ އެވެ.