ޖަރުމަނުގެ އުސޫލުތައް އިންގްލެންޑުން ބަލައިގަންނަން ޖެހޭ: ލަމްޕާޑް
ޖަރުމަނުގެ އުސޫލުތައް އިންގްލެންޑުން ބަލައިގަންނަން ޖެހޭ: ލަމްޕާޑް

ލަންޑަން (ޖޫލައި 14) - ޓީމު ހަވާލުކުރާނެ ކޯޗެއް ނިންމުމުގައި އިންގްލެންޑުން ދެން ކަންތައް ކުރަންވީ ޖަރުމަނުން ގެންގުޅުނު އުސޫލަށް ކަމަށް އިންގްލެންޑުގެ ކުރީގެ ކުޅުންތެރިޔާ ފްރޭންކް ލަމްޕާޑް ބުނެފި އެވެ.

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުން އިންގްލެންޑް ކެޓުމާ އެކު ކޯޗުކަމުން ރޯއީ ހޮޖްސަން ވަނީ ވަކިވެފަ އެވެ. ލަމްޕާޑް ބުނީ އާ ކޯޗެއް ނަގާއިރު ވިސްނަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

"ނަން މަޝްހޫރު ކޯޗެއް ގެނައުމަށް ވުރެ ބޮޑަށް ޓީމަށް ފައިދާ ކުރާނެ ގޮތަކަށް ވިސްްނަން އެބަޖެހޭ. މިސާލަކަށް ޖަރުމަނުން ގެންއުޅޭ އުސޫލުން ކަންކުރެވިދާނެ. ތަޖުރިބާކާރު ކޯޗެއްގެ ދަށުން އޭނާ އަށް ޒުވާން ކޯޗެއްގެ އެހީ ހޯދިދާނެ. ޖަރުމަން ޓީމުން ވެސް ފެނުނީ އެ ތަފާތު އައިތަން. ޔާގަން ކްލިންސްމަން ކޯޗަކަށް ހުރިއިރު ޔޮއަކިމް ލޯ އެސިސްޓަންޓަކަށް ހުރީ. މިހާރު ލޯ އެ ހުރީ ކޯޗަކަށް. އޭނާ ވަނީ އެ ޓީމަށް ވޯލްޑް ކަޕް ހޯދައިދީފި،" ލަމްޕާޑް ބުންޏެވެ.

ލަމްޕާޑް ބުނީ އިނގިރޭސި ލީގުގައި ތަޖުރިބާކާރު ގިނަ ކޯޗުން އެބަތިބި ކަމަށާއި އާ ކޯޗަކު ނެގުމުގެ ކުރިން އިނގިރޭސި އެފްއޭ އިން ޕްރިމިއާ ލީގުގައި ތިބި ތަޖުރިބާކާރު ކޯޗުންނާ މަޝްވަރާކުރުން މުހިއްމު ކަމަށެވެ.

"އިނގިރޭސި ކޯޗަކު ހޯދަންވީ. އެބަތިބި ފެންވަރު ރަނގަޅު ތަޖުރިބާހުރި ކޯޗުން. އެކަމަކު އެ ކޯޗުން ތިބީ ކްލަބްތަކާ ހަވާލުވެގެން. އާ ކޯޗަކު ނަގާއިރު އެފްއޭ އިން އެބަޖެހޭ މި ކޯޗުންގެ ހިޔާލާއި ވިސްނުން ހުރި ގޮތެއް ވެސް ހޯދަން،" ނިއު ޔޯކް ސިޓީ އަށް ކުޅޭ މިޑްފީލްޑަރު ބުންޏެވެ.

އިނގިރޭސި އެފްއޭ އިން ވަނީ ކުރިން ގިނަ ކްލަބްތަކަށް ކޯޗުކޮށްދިން ހެރީ ރެޑްނެޕާއި މިހާރު ސަންޑަލެންޑުގެ ކޯޗަަކަށް ހުރި ސޭމް އެލަޑައިސްއާ މަޝްވަރާކޮށްފަ އެވެ. އަދި މީގެ އިތުރުން ލިވަޕޫލްގެ ކުރީގެ ކެޕްޓަން ސްޓީވަން ޖެރާޑާއި މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ޕައުލް ސްކޯލްސްއާ ވެސް ވާހަކަ ދެއްކި އެވެ.