07 ފެބުރުއަރީ 2018 - 06:43

އިންޑިއާގެ މަޝްހޫރު ކޮމޭޑިއަން ކަޕިލް ޝަރުމާގެ ޖޯކްތަކަށް ނު ހީ ހުރެވޭނެހެން ހިއެއް ނުވެ އެވެ. ކަޕިލްގެ އެންމެ ފަހު ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" ކުއްލިއަކަށް ވަނީ ހުއްޓާލައިފަ އެވެ. ކަޕިލް އާއި ޝޯގެ އެހެން ބައިވެރިއެއް ކަމަށްވާ ސުނިލް ގްރޯވަރާ ޖެހުނު މައްސަލަތަކަކާ އެކު ކަޕިލްގެ ޝޯގައި ބައިވެރިޔާ ގިނަ އެކްޓަރުންތަކެއް ސުނިލްއާ އެކު ޝޯ އިން ވަކިވުމުންނެވެ. މިހާރު އަނެއްކާވެސް އާ ޝޯ އަކާ އެކު ކަޕިލް އެނބުރި އަންނަން ތައްޔާރުވަނީ އެވެ.
ބޮލީވުޑް ޚަބަރުތައް ބުނާ ގޮތުން ކަޕިލްގެ އާ ޝޯގައި އޭނާގެ ކުރީގެ ޝޯގައި ބައިވެރިވި ހުރިހާ އެކްޓަރުން ބައިވެރިވާނެ އެވެ. ސުނިލް ގްރޯވަރު ފިޔަވަ އެވެ. ކަޕިލް އަލަށް ފަށާ ޝޯގައި ވެސް ސުނިލް ބައިވެރިއެއް ނުވާނެ އެވެ.
މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ކަޕިލް ބުނި ގޮތުގައި ޗެނަލުން ޝޯ އިއުލާން ކުރުމަށް ފަހު ނޫނީ ޝޯއާ ބެހޭ މާ ބޮޑު ތަފްސީލެއް ދެވޭކަށް ނެތެވެ. ނަމަވެސް އޭނާ އެނބުރި އަންނަނީ ކުރިން ދެއްކި ޝޯ އިން ނޫންކަމާއި މުޅިން އާ ޝޯ އަކުން ކަން ކަޕިލް ޔަގީންކޮށްދިނެވެ. ކުރީގެ ޝޯ އާއި މި ޝޯ ވަރަށް ތަފާތު ވާނެ ކަމަށް އޭނާ ބުންޏެވެ.
ޝޯއާ ބެހޭ މައުލޫމާތު ދިން އެހެން މީހަކު ބުނި ގޮތުގައި މިފަހަރުގެ ޝޯގައި ވެސް ސުނިލް ބައިވެރިނުވާނެ ކަން ޔަގީނެވެ. ނަމަވެސް "ދަ ކަޕިލް ޝަރުމާ ޝޯ" ގައި ބައިވެރިވި އެހެން ހުރިހާ އެކްޓަރުން ބައިވެރިވާނެ އެވެ.
މި ޝޯ އަށް ކިޔާނެ ނަމެއް ވެސް އަދި ނުނިންމަ އެވެ. ނަމަވެސް ކުރީގެ ޝޯ އަށް ވުރެ ބޮޑު އަދި މޮޅު އެއްޗަކަށް މި ޝޯ ހެދުމަށް ކަޕިލް އާއި ޓީމުން ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.