ޖޫނިއާ އެތުލެޓިކްސް މުބާރާތް ށ. މިލަންދޫގައި
ޖޫނިއާ އެތުލެޓިކްސް މުބާރާތް ށ. މިލަންދޫގައި

މި އަހަރުގެ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް މި އަހަރުގެ މާޗު 26-29 އަށް ށ. މިލަންދޫގައި ބާއްވާ ގޮތަށް އެތުލެޓިކްސް އެސޯސިއޭޝަނުން ހަމަޖައްސައިފި އެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ފަހު ތާރީހަކީ މި މަހުގެ 20 ވަނަ ދުވަހެވެ.

މި މުބާރާތުގައި ދެ ޖިންސުން ތިން އުމުރުފުރާއަކުން 74 އިވެންޓް ބާއްވަން ވަނީ ނިންމައިފަ އެވެ. އުމުރުފުރާތަކަކީ 13 އަހަރުން ދަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށެވެ.

މުބާރާތުގެ އަންހެން އަދި ފިރިހެން ޗެމްޕިއަން ޓީމަށް 7000ރ.، ދެ ވަނަ ޓީމަށް 5000ރ. އަދި ތިން ވަނަ ޓީމަށް 3000ރ. ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މުޅި ރާއްޖޭގެ ސްކޫލްތަކަށް އަދި އެސޯސިއޭޝަނުގެ މެމްބަރު ކްލަބްތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތް މިދިޔަ އަހަރު ބޭއްވީ އައްޑޫ ސިޓީގަ އެވެ. އޭގެ ކުރިން ހދ. ކުޅުދުއްފުށްޓާއި ފުވައްމުލަކުގައި ވެސް ބޭއްވި އެވެ. މިލަންދޫ އަކީ އުތުރުގެ ރަށްތަކުގެ ތެރެއިން ގައުމީ ފެންވަރުގެ އެތުލެޓިކްސް މުބާރާތެއް ބާއްވާ ތިން ވަނަ ރަށެވެ. މީގެ ކުރިން ބާއްވާފައިވަނީ ކުޅުދުއްފުށީގެ އިތުރުން ހއ. ދިއްދޫގަ އެވެ.

އެތުލެޓިކްސް އަކީ ރާއްޖޭގައި ސްކޫލްތަކުގައި ވަރަށް ވާދަވެރިކޮށް ކުރިއަށްދާ ކުޅިވަރެކެވެ. ސްކޫލް މުބާރާތްތަކުން ފާހަގަވި ގިނަ އެތުލީޓުން މިހާރު އަންނަނީ ގައުމީ ފެންވަރުގައި ވާދަކުރަމުންނެވެ.