ޓީވީ ތަރި ގޯތަމް އާއި ޕަންކުޅީ ކައިވެނިކޮށްފި
ޓީވީ ތަރި ގޯތަމް އާއި ޕަންކުޅީ ކައިވެނިކޮށްފި

ޓީވީ ތަރިން ކަމަށްވާ ގޯތަމް ރޯޑޭ އާއި ޕަންކުޅީ އަވަސްތީ ކައިވެނި ކޮށްފި އެވެ. މި މީހުން ކައިވެނިކުރީ ހޯމަ ދުވަހު ދިއްލީގެ އަލްވާރު ޓައުނުގައި ހުންނަ ތިޖާރާ ފޯޓް ޕެލަސްގަ އެވެ.

ގޯތަމް އާއި ޕަންކުޅީ ބައްދަލުވީ އެކުގައި ކުޅުނު ސިލްސިލާ ސޫރްޔަޕުތުރަ ކާން ކުޅުނުއިރު އެވެ. އެ ސިލްސިލާގައި ގޯތަމް ކުޅުނީ ކަރްނާގެ ރޯލެވެ. ޕަންކުޅީ ކުޅެފައިވަނީ ޑްރައުޕަދީގެ ރޯލެވެ. ފިލްމު ސެޓުގައި ދެ މީހުންގެ ލޯބީގެ މާތައް ފޮޅެމުން ދިޔައިރު އެ ވާހަކަ ގިނަ ބަޔަކު ދިޔައީ ދައްކަމުންނެވެ. ނަމަވެސް މިދިޔަ އަހަރާ ހަމައަށް މި މީހުން ވަނީ އެ ވާހަކަތަކަށް އިންކާރުކޮށްފަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރުގައި ކުއްލިއަކަށް ގޯތަމް ވަނީ އޭނާ އާއި ޕަންކުޅީގެ އެންގޭޖްމަންޓް އިއުލާންކޮށް އެމީހުންގެ ލޯބީގެ ވާހަކަ އަކީ ހަގީގަތެއްކަން ޔަގީން ކޮށްދީފަ އެވެ. އޭރު ގޯތަމް ބުނީ ޕަންކުޅީ އާއި އޭނާގެ ލޯބީގެ ވާހަކަ ސިއްރު ކުރުމުގެ އެއްވެސް ވިސްނުމެއް އޭނާ ނުގެންގުޅޭ ކަމަށެވެ. ނަމަވެސް ދެވޭ މިސްރާބު ޔަގީން ނުވާ ވާހަކައެއް ދެއްކުމުގެ ބޭނުމެއް ނެތީމާ އެ ވާހަކަ ނުދެއްކީ ކަމަށް ބުންޏެވެ. ނަމަވެސް ޕަންކުޅީ އަކީ އޭނާ މުޅި ހަޔާތް އެމީހަކާ އެކު ހޭދަކުރަން ބޭނުންވާ ބައިވެރިޔާކަން ޔަގީން ވުމުން އެކަން މުޅި ދުނިޔެއަށް ހާމަކުރީ ކަމަށް ބުންޏެވެ.

ގޯތަމް، 40، އަކީ ވަރަށް ގިނަ ސިލްސިލާތަކުގައި މަސައްކަތް ކޮށްފައިވާ އެކްޓަރެކެވެ. ނަމަވެސް އޭނާއަށް އެންމެ ބޮޑު މަޝްހޫރުކަމެއް ލިބުނީ ޖެނިފާ ވިންގެޓާ އެކު ކުޅުނު "ސަރަސްވަތީޗަންދުރަ" އިންނެވެ.

ޓީވީ ސިލްސިލާތަކުގެ އިތުރުން ގޯތަމް އަކީ މިހާރު ބޮލީވުޑް ފިލްމުތައް ވެސް ކުޅޭ އެކްޓަރެކެވެ. އެގޮތުން މިދިޔަ އަހަރު ނުކުތް "އަކްސަރް 2" ގައި ޒަރީން ޚާންއާ އެކު ހަރަކާތްތެރިވެފައިވެ އެވެ.

ޕަންކުޅީ، 26، މަޝްހޫރުވީ "ރަޒިއާ ސުލްތާން"ގެ ލީޑް ރޯލުންނެވެ. އޭގެ ފަހުން "ޔޭ ހޭ އާޝިގީ"ގައި ސައިމާގެ ރޯލު އަދާކުރި އެވެ. އަދި އެމްޓީވީ ފަނާ ސީޒަން 2 ގައި ސެހެރްގެ ރޯލު ކުޅެފައިވެ އެވެ.