06 ފެބުރުއަރީ 2018 - 12:05

ރައީސް އަބްދުﷲ ޔާމީން ރޭ އިއުލާންކުރެއްވި ކުއްލި ހާލަތާއެކު ގާނޫނުއަސާސީ އުވި، ވެރިކަމުގެ ސައްހަކަމާ މެދު ގާނޫނީ ސުވާލުތަކެއް އުފެދިފައިވާ ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު 15 ދުވަހަށް ރައީސް ޔާމީން އިއުލާންކުރެއްވީ، ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓުގެ ބާރުތައް ހަނިކުރެއްވުމަށް ފަހު އެވެ. އޭގެތެރޭގައި ކުއްލި ނުރައްކަލުގެ ތެރޭގައި ވެސް އުނި ނުކުރެވޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާ ހައްގުތައް ވެސް ހިމެނެ އެވެ.

މި މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވަމުން ރާއްޖެ ޓީވީގައި ސުއޫދު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް، ސުޕްރީމް ކޯޓު ސަސްޕެންޑް ނުކުރެވޭނެ ކަމަށެވެ. އެހެންވެ ކުއްލި ހާލަތު ރައީސް އިއުލާންކުރެއްވީ، ދައުލަތުގެ ބާރުކަނޑުވާލައި ނެތިކޮށްލަން ކަމަށް ތުހުމަތުކުރެވޭނެ ޖާގަ އެބައޮތް ކަމަށް ސުއޫދު ވިދާޅުވި އެވެ.
"މިއީ، ގާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފު އިމަޖެންސީއެއް. މީގެ ބޭނުމަކީ ދިވެހި ރާއްޖޭގެ ފަނޑިޔާރުންނަށް ބިރުދެއްކުން ކަން އެންމެންނަށް ވެސް އެނގޭ،" ސުއޫދު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އެ ކޯޓު ތެރޭގައި ތިއްބަވަނިކޮށް، ސަލާމަތީ ބާރުތަކުން ވަދެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދު ވަނީ ހައްޔަރުކޮށްފަ އެވެ. މި އަމަލު ކުށްވެރިކުރައްވައި ސުއޫދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ތެރެއަށް ސަލާމަތީ ބާރުތަކަށް ވަދެވިގެން ނުވާނެ ކަމަށެވެ. އެކަމަކު ރޭ ފެނުނު މަންޒަރަކީ، ސަލާމަތީ ބާރުތަކުން ގާނޫނާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއަށް ވަދެގަތް ގޮތަށް، ސުޕްރީމް ކޯޓުގެ ތެރެއަށް ވެސް ވަނުން ކަމަށް ސުއޫދު ވިދާޅުި އެވެ.
"ގާނޫނުހަދާ މަޖިލީހާއި ސުޕްރީމް ކޯޓުގެ ތެރެއަށް ސަލާމަތީ ބާރުތަކުން ވަދެގަތުމުން ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އޮތް ކަމަކަށް މާނައެއް ނުކުރެވޭ. މިއަށް ގާނޫނީ ވެރިކަމެކޭ ނުކިޔޭނެ، މިލިޓަރީގެ އެހީގައި ދައުލަތް ހިންގަން ފެށުމުން ސައްހަ ކަމާ މެދު ސުވާލު އުފެދޭ،" އޭނާ ވިދާޅުވި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރާތާ 48 ގަޑިއިރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް އަންގަން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައިވާ ކަން ފާހަގަކުރައްވައި ސުއޫދު ވިދާޅުވީ މަޖިލީހުގެ ބާރު ކަނޑުވާލާފައިވާތީ އެކަން ވެސް ކުރެވެން ނެތް ކަމަށެވެ. އެހެންކަމުން، ރޭ އިއުލާންކުރި ކުއްލި ނުރައްކަލުގެ ގަރާރާ ގުޅޭގޮތުން ހުރި ގާނޫނީ މައްސަލަތަކަށް ވެސް "ހަދާނެ އެއްވެސް ގޮތެއް މި ގައުމުގައި ނެތް" ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާނޫނުއަސާސީ ދެމިއޮތް ނަމަ ހައްލު ހޯދޭނެ ގޮތްތަކެއް އެބަހުރި. ހައްލު ހޯދޭނެ ގޮތެއް ނެތުމަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީ މި ވަގުތަކު ނެތޭ،" ސުއޫދު ވިދާޅުވި އެވެ.
ސިޔާސީ ލީޑަރުންތަކެއް ދޫކޮށްލަން ސުޕްރީމް ކޯޓުން ނެރުނު ހުކުމް ތަންފީޒުނުކުރަންވެގެން އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތާ އެކު ދެ ފަނޑިޔާރުންގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.