06 ފެބުރުއަރީ 2018 - 11:20

މޮސްކޯ (ފެބްރުއަރީ 6) - ސީރިއާގެ އިދްލީބް ޕްރޮވިންސްގެ މަތިން އުދުހެނިކޮށް ވައްޓާލި ރަޝިޔާގެ ހަނގުރާމަ މަތީ ބޯޓުގެ ޕައިލެޓަށް އެ ގައުމުގެ ބަތަލުގެ އެވޯޑް ނުވަތަ ގޯލްޑް ސްޓާ މެޑަލްގެ ޝަރަފު ދީފި އެވެ.

ރަޝިޔާގެ މީޑިއާތަކުން ވެސް ބުނެފައި ވަނީ ބޯޓުގެ ޕައިލެޓަކީ ބަތަލެއް ކަމަށެވެ. ބޯޓު ވައްޓާލި ނަމަވެސް އޭނާ ވަނީ ވައި ކުޑައިގައި ސަލާމަތުން ބޯޓުން ނުކުމެފަ އެވެ. އެކަމަކު ހަނގުރާމަވެރިންގެ އަތްދަށުގައި ނުވުމަށްޓަކައި ޕައިލެޓް ވަނީ ގްރެނޭޑް ޕިނަށް ދަމައިގަތުމަށް ފަހު އަމިއްލަ އަށް މަރުވެފަ އެވެ. އެކަމަކު ކުރިން އާއްމު ކުރި ރިޕޯޓްތަކުން ބުނި ގޮތުގައި ޕައިލެޓް މަރާލާފައި ވަނީ ހަނގުރާމަ ވެރިން ދިން ހަމަލާތަކުގަ އެވެ. ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ވެސް ކުރިން ބުނެފައި ވަނީ ހަނގުރާމަ ވެރިން ޕައިލެޓް އަތުލައިގަތުމަށް ފަހު އޭނާ މަރާލީ ކަމަށެވެ.
ރަޝިޔާގެ ސުކޮއ-25 ގެ ޖެޓް ވައްޓާލީ އިދްލީބުގައި ހަރަކާތްތެރިވާ ހަޔާތު ތަހްރީރް އަލް ޝާމް ކިޔާ ޖަމާއަތަކުންނެވެ. އެ ޖަމާއަތުން ބުނެފައި ވަނީ ރަޝިޔާގެ ބޯޓަށް ހަމަލާ ދިނީ މިސައިލުން ކަމަށެވެ. އެއީ އެ ބޯޓުން އިދްލީބުގެ މާސްރާން ޓައުނަށް ހަމަލާ ދިނުމުން ކަމަށެވެ.
ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނީ ބޯޓަށް މިސައިލް ހަމަލާއެއް އެރި ކަމަށް ޕައިލެޓް ވަނީ ރިޕޯޓްކޮށްފައި ކަމަށެވެ.
ވައްޓާލި ހާދިސާ އަށް ފަހު ރަޝިޔާ އިން ވަނީ އިދްލީބް ސަރަހައްދަށް ދޭ ވައިގެ ހަމަލާތައް ވަރުގަދަކޮށްފަ އެވެ.