ކޭން ޓޮޓެންހަމް ދޫކޮށްލާނެ ކަމަށް ރޫނީ ބުނެފި
ކޭން ޓޮޓެންހަމް ދޫކޮށްލާނެ ކަމަށް ރޫނީ ބުނެފި

ލަންޑަން (ފެބްރުއަރީ 6) - ކެރިއަރުގައި އާ ހަރުފަތަކަށް ދިއުމަށާއި ކާމިޔާބު ހޯދުމަށް ޓޮޓެންހަމް ހޮޓްސްޕާސްގެ ފޯވާޑް ހެރީ ކޭން އެ ކްލަބް ދޫކޮށްލާނެ ކަމަށް އިންގްލެންޑްގެ ކުރީގެ ކެޕްޓަން ވޭން ރޫނީ ބުނެފި އެވެ.

އާދިއްތަ ދުވަހުގެރޭ ލިވަޕޫލް ކޮޅަށް ކޭން ޖެހި ގޯލާ އެކު އޭނާ ވަނީ ޕްރިމިއާ ލީގުގައި 141 މެޗުން 100 ގޯލު ހަމަކޮށްފަ އެވެ. ކޭން އަށް ވުރެ އަވަހަށް ލީގުގައި 100 ގޯލު ހަމަކުރީ ކުރިން ނިއުކާސަލް ޔުނައިޓޭޑާއި ބްލެކްބާން ރޯވާސް އަށް ކުޅުނު އިނގިރޭސި ފޯވާޑް އެލަން ޝިއަރާ އެވެ. އޭނާ 100 ލަނޑު ހަމަކުރީ 124 މެޗުންނެވެ.

އެ މެޗަށް ފަހު ކޭން ބުނީ އޭނާ ޓޮޓެންހަމަށް އަނެއް 100 ލަނޑު ހަމަކުރާއިރު އުއްމީދަކީ ގިނަ ތަށިތަކެއް ހޯދުން ކަމަށެވެ. އުމުރުން 24 އަހަރުގެ ކޭން ހޯދަން ރެއާލް މެޑްރިޑުން މި ސީޒަނަށް ފަހު ބޮޑު ބިޑެއް ކުރާނެ ކަމަށް ބެލެވެ އެވެ.

ސްކައިސްޕޯޓްސްގެ މަންޑޭ ނައިޓް ފުޓްބޯލް (އެމްއެންއެފް) ޝޯ ގައި ވާހަކަ ދައްކަމުން ރޫނީ ބުނީ ކޭން އަކީ ޔޫރަޕްގައި މި ވަގުތު ހުރި އެންމެ މޮޅު ފޯވާޑް ކަމަށެވެ.

"ކޭން އަކީ މި ވަގުތު ޔޫރަޕްގެ އެންމެ މޮޅު ފޯވާޑް. އޭނާ އަށް ބޮޑެތި ހުށަހެޅުންތަށް އަންނާނެ މި ސީޒަނަށް ފަހު. މި ވަގުތު ކޭންގެ ހިތްހަމަ ޖެހުމަކީ ޓޮޓެންހަމަށް ގިނަ ލަނޑު ޖެހުން ނޫނީ މެޗުތަކެއް ކާމިޔާބު ކޮށްދިނުން ކަމަށް ވެދާނެ. އެކަމަކު ކުޅުންތެރިއެއްގެ ކުރިއެރުމަކީ ތަށި ހޯދުން. ކޭންގެ ވިސްނުން ވެސް ތަށި ހޯދުމަށް ބަދަލުވާއިރު އޭނާ ޓޮޓެންހަމްގައި މަޑުކުރުވަން އުނދަގޫވާނެ،" ރޫނީ ބުންޏެވެ.

އޭނާ ބުނީ ކޭން ކާމިޔާބު ހޯދާނަމަ އޭނާގެ ވާހަކަ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީއާ އެއް ފެންވަރެއްގައި މީހުން ދައްކަން ފަށާނެ ކަމަށެވެ.

"މިސާލަަކަށް ކޭން މި ސީޒަނުގައި މެންޗެސްޓާ ސިޓީ ޓީމުގައި ހުރެފައި އެ ޓީމުން ޕްރިމިއާ ލީގު ހޯދާއިރު މީހުން ވާހަކަ ދައްކާނެ ރޮނާލްޑޯ އާއި މެސީގެ އިތުރުން ކޭން އާ ބެހޭގޮތުން ވެސް،" ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ރޫނީ ބުންޏެވެ.

ވޯލްޑް ކަޕް އަހަރެއްގައި ކޭން ރަނގަޅު ފޯމެއްގައި ހުރުމަކީ އިންގްލެންޑުގެ ގައުމީ ޓީމަށް ވެސް އޭގެ ފައިދާ ކުރާނެ ކަަމަށް ރޫނީ ވަނީ ބުނެފަ އެވެ.