06 ފެބުރުއަރީ 2018 - 10:23

ލަންޑަން (ފެބްރުއަރީ 6) - އާ އަހަރު ފަށާއިރު އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކަށް ލުޔެއް ދިނުމުގެ ގޮތުން ވިންޓަ ބްރޭކެއް ދިނުމަށް މަޝްވަރާކުރަން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޔޫރަޕްގެ ވަރުގަދަ ލީގުތަށް ކަމަށްވާ ސްޕެއިން، އިޓަލީ، ފްރާންސް އަދި ޖަރުމަނުގައި މިހާރު ވެސް އާ އަހަރާ ދިމާކޮށް ލީގު މެދުކަނޑާލުމަށް ފަހު ޓީމުތަކަށް ބްރޭކެއްދެ އެވެ. އެހެން ނަމަވެސް އެއާ ހިލާފަށް އިނގިރޭސި ޕްރިމިއާ ލީގުގައި އެ ދުވަސްތަކުގައި 14 ދުވަހުގެ ތެރޭގައި ފަސް ވަރަކަށް މެޗު ކޮންމެ ޓީމެއް ކުޅެން ޖެހެ އެވެ. މިއީ ޕްރިމިއާ ލީގުގެ ހުރިހާ ޓީމަކުން ކުރާ ޝަކުވާ އެކެވެ.
އެހެން ނަމަވެސް ރިޕޯޓްތައް ބުނާގޮތުގައި ޕްރިމިއާ ލީގުގެ އިނގިރޭސި އެފްއޭގެ ވިސްނުން ހުރީ ޖެނުއަރީ މަހުގެ ތެރޭގައި ކުޅުންތެރިންނަށް ބްރޭކެއް ދިނުމަށެވެ. އެއީ އާ އަހަރާ ދިމާކޮށް ކްރިސްމަސް ތެރޭގައި ޓީމުތަށް ކުޅެން ޖެހޭ މެޗުތަކަށް ބަދަލެއް ނުގެންނަ ގޮތަށެވެ.
އިނގިރޭސި އެފްއޭ އިން މީގެ ކުރިން ބުނީ މިހާރު ހަދާފައިވާ ޓީވީ ރައިޓްސް އެއްބަސްވުމުގެ މުއްދަތު 2019 ވަނަ އަހަރު ހަމަވުމުގެ ކުރިން ވިންޓަ ބްރޭކެއް ދިނުމަކީ ފަސޭހަކަމެއް ނޫނެވެ. އަދި ދެން 2019 އިން 2022ގެ ނިޔަލަށް ހަދާ ޓީވީ ރައިޓްސް އެއްބަސްވުމެއްގެ ތެރެއިން ކްލަބްތަކަށް ވިންޓަ ބްރޭކެއް ދޭ ގޮތަށް ރޭވިގެންދާނެ ކަމަށެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ މިހާރުގެ ޓީވީ ރައިޓްސް އެއްބަސްވުމަކީ 5.14 ބިލިއަން ޕައުންޑުގެ އަގުހުރި އެއްބަސްވުމެކެވެ. އަންނަ ހަފްތާގައި ޕްރިމިއާ ލީގުން ވިންޓަ ބްރޭކާ ގުޅޭގޮތުން ނިންމުމެއް އިއުލާންކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މީގެ ކުރިން މަޝްހޫރު ކޯޗުން ވަނީ އިނގިރޭސި ކްލަބްތަކަށް ވިންޓަ ބްރޭކެއް ނުލިބޭތީ އޭގެ ގޯސް އަސަރުކުރާ ކަމަށް ބުނެފަ އެވެ. އޭގެ ތެރޭގައި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯގެ އިތުރުން އާސެނަލްގެ ކޯޗު އާސެން ވެންގާ އަދި ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ހިމެނެ އެވެ.
އަދި ދުނިޔޭގެ ފުޓްބޯޅައިގެ ތަޖުރިބާކާރުން ގަބޫލުކުރާގޮތުގައި ވިންޓަ ބްރޭކެއް ނުލިބުމަކީ ޔޫރަޕްގެ ބޮޑެތި މުބާރާތްތަށް ކަމަށްވާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގައި އިނގިރޭސި ކްލަބްތަކުގެ ނަތީޖާ ދަށްވުމުގެ އެއް ސަބަބެވެ.