14 ޖުލައި 2016 - 13:31

ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އާއި ކައުންސިލް މެމްބަރު އައިމިނަތު ނާދިރާ އާއި އާއްމު މެމްބަރު ޒައިދުލްއަމީން ޕާޓީން ވަކިކުރަން ސުލޫކީ ކޮމެޓީން އަނެއްކާ ވެސް އެ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްއަށް އަންގައިފި އެވެ.
އެ މެމްބަރުން ވަކި ކުރަން ސުލޫކީ ކޮމެޓީން ކުރިން ނިންމި ނަމަވެސް ފަހުން ޕީޕީއެމުން ބުނެފައިވަނީ އެ މީހުންގެ ސުލޫކީ މައްސަލައެއް ކޮމެޓީ އަށް ހުށަހަޅާފައި ނެތް ކަމަށާއި އެހެންވެ، އަދިވެސް އެއީ ޕާޓީގެ މެމްބަރުން ކަމަށެވެ.
މިކަމާ ގުޅިގެން ސުލޫކީ ކޮމެޓީން ޕީޕީއެމްގެ ޑެޕިއުޓީ ސެކެޓަރީ ޖެނެރަލް އަބްދުލްއަލީމަށް އެޑްރެސްކޮށް ފޮނުވި ސިޓީއެއްގައި ބުނީ ޕާޓީގެ ސުލޫކީ ކޮމެޓީން ނިންމާ ނިންމުމެއްގެ ސައްހަ ކަމާ މެދު ސުވާލު އުފައްދައި، ގޮތް ކިޔުމުގެ ބާރު، އޭނާއަށް ވެސް އަދި ޕާޓީގެ އެހެން މީހަކަށް ވެސް ނޯންނާނެ ކަމަށެވެ. އަދި ސުލޫކީ ކޮމެޓީގެ ނިންމުން ތަންފީޒު ނުކޮށް، އިތުރު ލިޔުމެއް ހޯދަން އެސްޖީ އެދުމަކީ ޕާޓީގެ ގަވައިދާ ހިލާފަށް ކުރާ ކަމެއް ކަމަށް ބުނެފައި ވެ އެވެ.
"ޕާޓީގެ ސެކެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތާ މަނިކުފާނު ހަވާލުވެގެން،، ސުލޫކީ ކޮމެޓީން ނިންމާ ނިންމުންތަކަށް ގޮންޖަހައި ތަަފާތު ބަޔާންތައް ނެރެ، ސިޓީތަކަށް ޖަވާބުދޭތީ އެކަމާ ހިތާމަ ކުރަމެވެ. އަދި އެކަން ކުށްވެރި ކުރަމެވެ." އަބްދުލް އަލީމަށް ފޮނުވި ސިޓީގައި ބުނެފައި ވެ އެވެ.
ސުލޫކީ ކޮމެޓީން ބުނިގޮތުގައި އެ ކޮމެޓީން ނިންމާ ނިންމުމަކީ އެ ޕާޓީގެ އެންމެ ފުރަތަމަ ނިންމުމެވެ. އަދި އެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި އެކަން އިސްތިއުނާފް ކުރުމަށް ހުށަހެޅޭނެ ކަމަށް ވެސް ބުނެފައި ވެ އެވެ.
އެ ސިޓީގައި ބުނީ ފާރިސް އާއި ނާދިރާ އާއި ޒައިދުގެ މައްޗަށް ފިޔަވަޅު އަޅާފައިވަނީ ސުލޫކީ މައްސަލަތަކާ ބެހޭ ގަވައިދުގެ މަތިން ކޮމެޓީގެ މެމްބަރުންނަށް ލިބިފައިވާ އިހުތިޔާރުގެ ދަށުން އެ މީހުންގެ މައްސަލަތަކެއް ހުރި ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ. އެހެންވެ، އެ ނިންމުން ތަންފީޒު ކުރުމަށް ސިޓީގައި ތަކުރާރުކޮށް އެދިފައި ވެ އެވެ.
ޕީޕީއެމުން ކުރިން ނެރުނު ނޫސް ބަޔާނުގައި ބުނީ ޕާޓީގެ ސުލޫކީ މައްސަލައެއް އެއްވެސް މެމްބަރަކާ މެދު ފެންމަތި ކުރުވަން ބޭނުން ނަމަ އެކަން ޕާޓީގެ އޮފީހަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔުމުގެ ފުރުސަތު ޕާޓީގެ ކޮންމެ މެމްބަރަކަށް ވެސް އޮންނާނެ ކަމަށާއި ސުލޫކީ މައްސަލަތައް ހުށަހަޅަން ޖެހޭ ގޮތް ގަވައިދުގައި އޮތް ނަމަވެސް އެގޮތަށް އަމަލުކޮށްފައި ނެތް ކަމަށެވެ.