ގައުމީ މަސްލަހަތު އިސްކުރަން އެޗްއާރުސީއެމުން ގޮވާލައިފި
ގައުމީ މަސްލަހަތު އިސްކުރަން އެޗްއާރުސީއެމުން ގޮވާލައިފި

ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތައް ފޯރުކޮށްދިނުމާއި ބޭނުންކުރުމުގައި ޒިންމާދާރުކަމާ އެކު އަމަލުކޮށް، ގައުމީ މަސްލަހަތު އިސްކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިރޭ ގޮވާލައިފި އެވެ.

ސުޕްރީމް ކޯޓުން ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް ކުރި އަމުރު ތަންފީޒުނުކޮށްގެން ކަންބޮޑުވުންފާޅުކުރަމުން ދަނިކޮށް، އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ "މިފަދަ ހުތޫރަތްތެރި ދަނޑިވަޅެއްގައި ހުރިހާ ފަރާތްތަކަކުން ވެސް ގައުމުގެ އަމާންކަން ދަމަހައްޓައި ނެގެހެއްޓުމަށް މަސައްކަތް ކުރަންޖެހޭ" ކަމަށެވެ.

އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ޒިންމާދާރުކަމާ އެކު ބޭނުންކުރަން ވެސް ބަޔާނުގައި އިލްތިމާސްކޮށްފައިވެ އެވެ. އެއްވުންތަކުގައި ބައިވެރިވާ މީހުންނަށް ހަމަހަމަ ގޮތެއްގައި ރައްކާތެރިކަން ކަށަވަރުކޮށްދީ، އެއްވުންތައް ރޫޅާލަން ޖެހިއްޖެ ހާލަތެއްގައި، ގާނޫނީ އިމުގެ ތެރެއިން އަމަލުކުރަން ސަލާމަތީ ބާރުތަކުގައި އެދިފައިވެ އެވެ.

"އަދި މި ހައްސާސް ދަނޑިވަޅުގައި ވެސް ރައްޔިތުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ މުހިއްމުކަން އެންމެހާ ފަރާތްތަކަށް ހަނދުމަކޮށް އަރުވަމެވެ. އަދި ސަލާމަތީ ބާރުތަކުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ހިމާޔަތްކުރުމަށް ގާނޫނީ އިމުގެ ތެރެއިން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް އެންމެހާ މުއައްސަސާތަކާއި ރައްޔިތުންނަށް އިލްތިމާސްކުރަމެވެ،" އެޗްއާރުސީއެމްގެ ބަޔާނުގައިވެ އެވެ.

މަސްރަހު އިތުރަށް ހޫނުކުރަން ސިޔާސީ ޕާޓީތަކާއި މީޑިއާ އިން މަސައްކަތް ނުކުރަން ވެސް އެ ކޮމިޝަނުން ގޮވާލާފައިވެ އެވެ.

"ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ފޫނުބެއްދޭނެ ފަދަ ގެއްލުމެއް ލިބިދާނޭ ފަދަ ގޮތަކަށް އަމަލުތައް ނުބެހެއްޓުމަށް އިލްތިމާސްކުރަމެވެ. އަދި މިހާރު ހިނގަމުންދާ ކަންކަން ކޮމިޝަނުން ވަރަށް ގާތުން ބަލައި މޮނިޓަ ކުރަމުންދާ ކަމުގައި ދަންނަވަމެވެ،" އެޗްއާރުސީއެމްގެ ބަޔާނުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ނުކޮށްގެން ބައިނަލް އަގުވާމީ ޕްރެޝަރު ސަރުކާރަށް ވަނީ ބޮޑުވެފަ އެވެ. ހުކުމް ތަންފީޒުކޮށްފި ނަމަ ދައުލަތް ހިންގުމުގެ ބާރުތައް އޮޅުންބޮޅުންވެ ގާނޫނުއަސާސީގެ ތަރުތީބު ގެއްލިދާނެ ކަމަށް ވިދާޅުވެ ރައީސް ޔާމީން މިއަދު ވަނީ ސުޕްރީމް ކޯޓަށް ހަތަރު ސިޓީއެއް ފޮނުއްވައިފަ އެވެ. އެކަމަކު އެ ސިޓީތައް ސުޕްރީމް ކޯޓުން ބަލައެއް ނުގަތެވެ.