ފާރިސް ދޫނުކުރާތީ ނަވާޒާއި ތިން ފުލުހަކަށް ފިޔަވަޅު އަޅަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި
ފާރިސް ދޫނުކުރާތީ ނަވާޒާއި ތިން ފުލުހަކަށް ފިޔަވަޅު އަޅަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ދޫކޮށްލާފައި ނުވާތީ، އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒާއި އިތުރު ފުލުހުންތަކެއްގެ މައްޗަށް ފިޔަވަޅު އަޅައިދިނުމަށް އެދި ފާރިސްގެ ވަކީލުން ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރުގައި ދޫކޮށްލަން އަންގާފައިވާ ނުވަ ބޭފުޅުންގެ ތެރޭގައި ފާރިސް ވެސް ހިމެނެ އެވެ. އެކަމަކު އެއިން އެއްވެސް ބޭފުޅަކު މިހާތަނަށް މިނިވަންކޮށްފައެއް ނުވެ އެވެ.

ފާރިސްގެ ވަކީލުން ސުޕްރީމް ކޯޓަށް މިއަދު ހުށަހެޅީ ނަވާޒާއި އިތުރު ތިން ފުލުހަކަށް ފިޔަވަޅު އަޅައިދިނުމަށެވެ. އެ މައްސަލައިގައި އެދިފައިވަނީ އެ ހަތަރު ބޭފުޅުން ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމާ ބެހޭ ގަވާއިދުގެ ދަށުން ވަގުތުން އަދަބު ކަނޑައަޅައި ދިނުމަށެވެ. މީގެ އިތުރުން ފާރިސް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ވަގުތުން މިނިވަން ކުރުމުގެ އަމުރެއް ނެރެދިނުމަށް ވެސް އެ މައްސަލައިގައި އެދިފައިވެ އެވެ.

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމާ ގުޅޭ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ކަންތައްތަކާ ގުޅިގެން ސުޕްރީމް ކޯޓުން އަންގާފައިވަނީ އެ އަމުރު ތަންފީޒު ކުރަން ހުރަސް އެޅޭ ކަމެއް ނެތް ކަމަށެވެ.