ބޮޑެތި ތުހުމަތުތަކާ އެކު އަބްދުއްރަހީމްގެ އިންޒާރު އުއްތަމަ ފަނޑިޔާރަށް!
ބޮޑެތި ތުހުމަތުތަކާ އެކު އަބްދުއްރަހީމްގެ އިންޒާރު އުއްތަމަ ފަނޑިޔާރަށް!

ކޮރަޕްޝަނާއި ބޮޑެތި ތުހުމަތުތަކާއެކު ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްުދުﷲ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް މިއަދު އިންޒާރު ދެއްވައިފި އެވެ.

އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އަބްދުއްރަހީމް ވިދާޅުވީ، އުއްތަމަ ފަނޑިޔާރު ކަންބޮޑުވެވަޑައިގެން އެ އުޅުއްވަނީ، އެ މަނިކުފާނު ހިންގަވާފައިވާ ކޮރަޕްޝަނާއި ބައްލަވައިގެންފައިވާ ފްލެޓްތަކާއި ހޯއްދަވާފައިވާ ފައިސާތަކުގެ މައްސަލައިގެ ތަހުގީގު ފެށިދާނެތީ ކަމަށެވެ.

އެކަންކަމާ ކަންބޮޑުވެވަޑައިގަންނަވާ ނަމަ އިސްތިއުފާ ދެއްވުމަށް ފަހު، "ހިމާޔަތް ދީފައި ތިބި މީހުން" ކައިރި އަށް ވަޑައިގަތުމަށް އަބްދުއްރަހީމް ވަނީ އެދިވަޑައިގެންފަ އެވެ. ހިމާޔަތް ދީފައިވާ މީހުން ކަމަށް އޭނާ އެ އިޝާރާތް ކުރައްވަނީ، އިނގިރޭސި ވިލާތުގައި ދިރިއުޅުއްވަމުން އަންނަ އިދިކޮޅު ފަރާތްތަކަށެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންނަށް އިޝާރާތް ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ މިއީ ހަމައެކަނި ފަސް މީހެއްގެ ގައުމެއް ނޫން ކަމަށެވެ. އަދި ހަމައެކަނި އެ ކޯޓަށް މި ގައުމުގެ ދުވަސް ދުއްވައިނުލެވޭނެ ކަމަށާއި އެ މަންޒަރު ބަލަން ނުތިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ބާރުގައި މުޅި ގައުމު ހަލާކުގެ ތެރެއަށް ވައްޓައިލުމުގެ ފުރުސަތު ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުން ބޭނުން އެއްޗެއް ހަދަންދެނެއް އަޅުގަނޑުމެން ނުތިބޭނަން. މިއާއެކު ފާހަގަކޮށްލަން ސުޕްރީމް ކޯޓުގައި ވެސް ރަނގަޅު ފަޑިޔާރުން ތިބެފާނެ. އަބްދުﷲ ސައީދުގެ ބާރު މުޅި ގައުމުގައި ހިންގައިގެން މުޅި ގައުމު ހަލާކުގެ ތެރެއަށް ވައްޓާލަންދެން އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް ނުކޮށް ނުތިބޭނަން. ވަރަށް ކެރިގެން މި ބުނަނީ، ކޮންމެ އަމުރެއް އަޅުގަނޑުމެންގެ މައްޗަށް ނެރުނަސް ހެޔޮ ކަމަށް މި ވާހަކަ މި ދައްކަނީ. ތިމާ ތަންތަނުން ފްލެޓު ގަނެފައި، ތިމާ ތަންތަނަށް ދަތުރުކޮށްފައި، ތިމާގެ ޖީބު މުއްސަނދިކޮށްފައ، ނަގާފައި ހުރި ފްލެޓްތަކާއި ހޯދާފައި ހުރި ފައިިސާތަކާއި ހިންގާފައި ހުރި ކޮރަޕްޝަންގެ ތަހުގީގުތައް ހިންގަފާނެތީ ކަންބޮޑުވެގެން މި އުޅެނީ. އިސްުތިއުފާ ދީފައި ވަޑައިގަންނަވަންވީނުންތޯ ހިމާޔަތް ދީފައި ތިބި މީހުންގެ ގާތަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ބައެއްގެ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވަން މުޅި ދައުލަތް ފުނޑާލާފައިވާ ކަމަށާއި ތިން ބާރު ވަކިކޮށްފައިވާ ގާނޫނު އަސާސީގެ ބާރު ކަނޑުވާލާފައިވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެއް މައްސަލައެއްގައި ޖަލަށް ލުމަށް ހުކުމްކުރި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ދޫކޮށްލަން ކޯޓުން އަމުރު ނުކުރާ ކަމަށެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ހަމަ އެއް މައްސަލައެއްގައި ޖަލަށް ލުމަށް ހުކުމްކުރި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު ކަލޭފާނު ދޫކުރަން ކޯޓު އަމުުރުގައި ނުބުނާތީ، އެ އަމުރާ މެދު ރައްޔިތުން ވިސްނާލަން ޖެހޭ ކަމަށެވެ.

"މި އަމުރު ނެރެން ޖެހުނީ ކީއްވެގެންތޯ. ހަމަހަމަކަމާއެކު ނެރުނު އަމުރެއް ނަމަ ކީއްވެގެންތޯ އެއް މައްސަލައެއްގައި ހުކުމްކޮށްފައި ތިބި މީހުންގެ ތެރެއިން އެކަކު ދޫކޮށްލަންވީ. މިވާހަކަ އަޅުގަނޑުމެން އެބަޖެހޭ ވަރަށް ގިނައިން އާއްމު ރައްޔިތުންނަށް ކިޔައިދޭން. ރައްޔިތުންގެ ކަންބޮޑުވުންތަކަށް ލުއެއް ލިބޭނީ މި ވާހަކަތައް ކިޔައިދީގެން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"މި ވާހަަކަ މި ދައްކަނީ ޝަރުއީ މަރުހަލާއަށް އިތުބާރުނުކުރާތީކީ ނޫން. އެކަމަކު ކޮންމެ މަރުހަލާއަކުން ވިޔަސް ގާނޫނު އަސާސީގެ ބާރު ކަނޑުވާލާ ހިސާބަށް ދިޔައިމަ އަޅުގަނޑުމެން އެބަޖެހޭ އެ ވާހަކަ ދައްކަން،"

އަބްދުއްރަހީމް ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅިގެން، ގައުމުގެ ހިމާޔަތުގައި ބަޔަކު މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފުސީލެއް، ބައެއް މިނިސްޓަރުންނާއި މަޖިލީހުގެ މެމްބަރުންނާއި ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނުދެއްވަ އެވެ.