05 ފެބުރުއަރީ 2018 - 17:58

ރުޅިވެރިކަމާއި ޒާތީ ކަންކަން ދޫކޮށްލުމަށް ފަހު، ގައުމުގެ ހައްގުގައި މަސައްކަތް ކުރުމަށް މުއައްސަސާތަކަށާއި ސިޔާސީ ލީޑަރުންނަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫން މިއަދު ގޮވާލައްވައިފި އެވެ.
ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން މިހާރު ހިނގަމުންދާ ކަންކަމާ މެދު، ކުރެއްވި ޓްވީޓެއްގައި ކުރީގެ ފޮރިން މިނިސްޓަރު އަދި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ ވިދާޅުވީ، ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އޭގެ ސަބަބުން ގައުމުގެ ހަމަޖެހުމަށް ހުރަސް އެޅިފައިވާ ކަމަށެވެ.
ހަމަނުޖެހުން އުފެއްދުމަކީ ފަސޭހަ ކަމެއް ކަމަށާއި އެކަމަކު އޭގެ ފަހުން ސުލްހަ ގެނައުމަކީ އުނދަގޫ ކަމެއް ކަން ފާހަގަ ކުރައްވައި، މުއައްސަސާތަކަށާއި ލީޑަރުންނަށް އެ ޓްވީޓްގައި ދުންޔާ ގޮވާލައްްވާފައި ވަނީ ޒާތީ ކަންކަމާއި ރުޅިވެރިކަން އެއް ފަރާތް ކުރުމަށް ފަހު ގައުމުގެ ހައްގުގައި އެންމެން މަސައްކަތް ކުރުމަށެވެ.
ބައްޕާފުޅު މައުމޫނާއި ކޮއްކޯފުޅު ފާރިސް މައުމޫންގެ އިތުރުން ކޮއްކޯފުޅު ޔުމްނާ މައުމޫން މިވަގުތު ހުންނެވީ އިދިކޮޅު ފަރާތްތަކާ އެކު އެވެ. ނަމަވެސް ދުންޔާ އާއި ކޮއްކޯފުޅު ޣައްސާން މައުމޫން ހުންނެވީ ބޮޑުބޭބޭފުޅު ރައީސް ޔާމީންގެ ފަހަތްޕުޅުގަ އެވެ.