05 ފެބުރުއަރީ 2018 - 16:38

މުއައްސަސާތައް ހިންގަން ތިބި މީހުންގެ ގާނޫނީ ޒިންމާ އަށް ހުރަސްއެޅޭ ގޮތަށް ސުޕްރީމް ކޯޓުން ކަންތައް ނުކުރުމަށް އެދިވަޑައިގެން ރައީސް އަބްދުﷲ ޔާމީން އަނެއްކާ ވެސް އެ ކޯޓަށް މިއަދު ސިޓީފުޅެއް ހުށަހަޅުއްވައިފި އެވެ.
ރައީސް މި މޭރުމުން ސިޓީފުޅެއް މި ފޮނުއްވެވީ، ޖަލުގައި ތިބި ސިޔާސީ ނުވަ ކުށްވެރިއަކު މިނިވަންކުރުމަށް ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އަމުރު ބަދަލުކޮށްދިނުމަށް އެދިވަޑައިގެން ރައީސް ޔާމީން މިއަދު ހެނދުނު އެ ކޯޓަށް ފޮނުއްވެވި ތިން ސިޓީ އެ ކޯޓަށް ބަލައިނުގަނެ އަނބުރާ ފޮނުވާލާފައިވަނިކޮށެވެ.
ރައީސްގެ ސިޓީ އާއްމު ކުރައްވަމުން ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ސުޕްރީމު ކޯޓުގެ އަމުރާ ގުޅިގެން، އެ އަމުރު ތަންފީޒު ކުރުމުގައި ދިމާވި މައްސަލަތަކާއި އެ އަމުރާ ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރާ ދައުލަތުގެ އެކި މަގާމުތަކުގައި ތިބި މުވައްޒަފުންގެ ދުސްތޫރީ އަދި ގާނޫނީ ވާޖިބުތަކަށް ހުރަސް އެޅޭ ގޮތަށް، ކޯޓުގެ ހުރުމަތް ރައްކާކުރުމާ ގުޅޭ ގަވައިދު ބޭނުންކޮށްގެން ހުރަސް އަޅާ ނަމަ، ދައުލަތުގެ މުއައްސަސާތައް ހިންގުމަށް ދަތިވެ، އެ މުއައްސަސާތަކުގެ މުވައްޒަފުންގެ ހައްގުތައް ގެއްލިގެންދާނެ ކަމަށެވެ.
އަދި މިހެން ކަން ހިނގަމުން ދާނަމަ ދައުލަތުގެ ހިންގުމުގެ ބާރުތައް މަސްހުނިވެ، ގާނޫނުއަސާސީން ކަނޑައަޅާފައިވާ އިންތައް ގެއްލި، ގާނޫނުއަސާސީގެ ބޭނުން އިސާހިތަކު ކެނޑިގެން ހިގައިދާނެ ކަމަށް ވެސްް ރައީސްގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
"މި ކަންތައްތައް ހައްލުކޮށް، ގާނޫނުއަސާސީގައިވާ ގޮތަށް ދިވެހި ދައުލަތާއި މުއައްސަސާތައް ހިނގާ ގޮތް ކަށަވަރު ކުރުމަކީ ގާނޫނުއަސާސީން ރައީސަށް މަތިކޮށްފައިވާ ޒިންމާއަކަށް ވީ ހިނދު، ސުޕްރީމު ކޯޓާއި ކޯޓުގެ ފަނޑިޔާރުންނަށް ލިބިދީފައިވާ ގާނޫނީ ބާރުތަކާއި އިމްތިޔާޒުތައް ގާނޫނު އަސާސީން އެހެން މުއައްސަސާތަކާއި މުވައްޒަފުންނަށް ލިބިފައިވާ ބާރުތަކާއި އިމްތިޔާޒުތައް ގެއްލޭ ގޮތަށް ބޭނުން ނުކުރުމަށް ދަންނަވަމެވެ." ސުޕްރީމު ކޯޓަށް ރައީސް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.
ރައީސް މިއަދު ކުރިން ފޮނުއްވި ސިޓީތައް ކޯޓުން ބަލައި ނުގަތް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް ވިދާޅުވީ ރަސްމީ ގަޑީގައި ރައީސް ޔާމީން ފޮނުއްވި ސިޓީ ބަލައިނުގަނެވޭނެ ކަމަށް އެންގި އިރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސިޓީފުޅެއް ސުޕްރީމް ކޯޓުން ބަލައިގެންފައިވާ ކަމަށެވެ.
"ދައުލަތުގެ އެންމެ އިސް ވެރިޔާ ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީއެއް ސުޕްރީމް ކޯޓުން ބަލައެއްނުގަތް. ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ ފޮނުވިޔަސް މިއަދު ދެން ބަލައެއްނުގަނެވޭނެއޭ،" ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަހީމް ވިދާޅުވި އެވެ.
މިހާރު ހިނގަމުންދާ ކަންކަމަކީ ގާނޫނު އަސާސީގެ އިމުގެ ތެރެއިން ހިނގަމުންދާ ކަންތައްތަކެއް ނޫން ކަމަށް ވިދާޅުވެ، އަބްދުއްރަހީމް ވިދާޅުވީ، ދަށު ކޯޓުތަކުގެ އެއްވެސް ބާރެއް މިހާރު ނެތް ކަމަށެވެ. އެގޮތުން ދަށު ކޯޓުތަކުގައި ހުރި ފައިލްތައް މިހާރު ސުޕްރީމް ކޯޓަށް ގެންދަމުންދާ ކަމަށާއި ހުކުމެއް ކޮށްފާނެ ކަމަށް ހީވާ ފަނޑިޔާރުން މަގާމުން ދުރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބައެއް ފަނޑިޔާރުންނާ މެދު ތުހުމަތު ކުރެވެމުންދާ ކަމަށާއި ވެސް އޭނާ ވިދާޅުވި އެވެ.