ތަހުގީގަށް ދިއުމުން މައުމޫންއާ ސުވާލެއް ނުކުރެވުނު: ޕޮލިސް
ތަހުގީގަށް ދިއުމުން މައުމޫންއާ ސުވާލެއް ނުކުރެވުނު: ޕޮލިސް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ގުޅޭގޮތުން ތަހުގީގުކުރަމުން އަންނަ މައްސަލައެއްގައި ސުވާލުކުރަން އެންދެރިމާގެ އަށް ދިއުމުން، އެމަނިކުފާނު ފުރުސަތު ނުދެއްވި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ކުރި ޓުވީޓެއްގައި ބުނީ ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގައި މައުމޫނާ ސުވާލުކުރަން އެމަނިކުފާނުގެ ގެކޮޅަށް ފުލުހުން ދިއުމުން ބައްދަލުކުރެވެން ނެތް ކަމަށް ވިދާޅުވި ކަމަށެވެ.

"...ފުލުހުން ދިއުމުން މިވަގުތު ބައްދަލު ކުރެވެން ނެތް ކަމަށާއިި ފަހުން ގުޅުއްވާނެ ކަމަށް ވިދާޅުވެ ފުލުހުންގެ މައުލޫމާތު ހޯއްދެވި އެވެ،" ފުލުހުން ބުންޏެވެ.

މައުމޫންއާ ގުޅޭގޮތުން ތަހުގީގު ކުރަނީ ކޮން މައްސަލައެއް ކަމެއް ފުލުހުން ނުބުނެ އެވެ.

އެކަމަކު، އެމަނިކުފާނު ގެކޮޅު ކައިރިއަށް ވަޅި ހިފައިގެން ރޭ ދަންވަރު ބަޔަކު އެއްވި މައްސަލަ ބަލަން ފުލުހުންނާއި ސިފައިންނަށް މައުމޫން ގޮވާލެއްވެވި އެވެ. އެއާއެކު، އެމަނިކުފާނު ގެކޮޅު ކައިރީގައި ފުލުހުން ވަނީ ފޯރިމަރަން ފަށައިފަ އެވެ.