ރައީސްގެ ސިޓީފުޅު ސުޕްރީމް ކޯޓުން ބަލައެއްނުގަތް: އަބްދުއްރަހީމް
ރައީސްގެ ސިޓީފުޅު ސުޕްރީމް ކޯޓުން ބަލައެއްނުގަތް: އަބްދުއްރަހީމް

ޖަލުގައި ތިބި ސިޔާސީ ނުވަ ކުށްވެރިއަކު މިނިވަންކުރުމަށް ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އަމުރާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން އެ ކޯޓަށް މިއަދު ފޮނުއްވި ސިޓީތައް އެ ކޯޓުން ބަލައިނުގަތް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ އެ އަމުރާ ގުޅިގެން ރައީސް ޔާމީން މިއަދު ވަނީ ސުޕްރީމް ކޯޓަށް ތިން ސިޓީއެއް ފޮނުއްވައިފަ އެވެ. އެ ތިން ސިޓީ އަނބުރައި ފޮނުވައިލުމުން ރައީސްގެ ފަރާތްޕުޅުން ހަތަރު ވަނަ ސިޓީއެއް ވެސް މިއަދު ވަނީ ސުޕްރީމް ކޯޓަށް ފޮނުއްވައިފަ އެވެ.

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް ވިދާޅުވީ ރަސްމީ ގަޑީގައި ރައީސް ޔާމީން ފޮނުއްވި ސިޓީ ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން އަންގާފައިވާ ކަމަށެވެ. އެކަމަކު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސިޓީފުޅެއް ސުޕްރީމް ކޯޓުން ބަލައިގެންފައިވާ ކަމަށް ވިދާޅުވެ، އެކަމުގެ ކަންބޮޑުވުން އަބްދުއްރަހީމް ފާހަގަ ކުރެއްވި އެވެ.

"ދައުލަތުގެ އެންމެ އިސް ވެރިޔާ ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީއެއް ސުޕްރީމް ކޯޓުން ބަލައެއްނުގަތް. ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ ފޮނުވިޔަސް މިއަދު ދެން ބަލައެއްނުގަނެވޭނެއޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މިހާރު ހިނގަމުންދާ ކަންކަމަކީ ގާނޫނު އަސާސީގެ އިމުގެ ތެރެއިން ހިނގަމުންދާ ކަންތައްތަކެއް ނޫން ކަމަށް ވިދާޅުވެ، އަބްދުއްރަހީމް ވިދާޅުވީ، ދަށު ކޯޓުތަކުގެ އެއްވެސް ބާރެއް މިހާރު ނެތް ކަމަށެވެ. އެގޮތުން ދަށު ކޯޓުތަކުގައި ހުރި ފައިލްތައް މިހާރު ސުޕްރީމް ކޯޓަށް ގެންދަމުންދާ ކަމަށާއި ހުކުމެއް ކޮށްފާނެ ކަމަށް ހީވާ ފަނޑިޔާރުން މަގާމުން ދުރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބައެއް ފަނޑިޔާރުންނާ މެދު ތުހުމަތު ކުރެވެމުންދާ ކަމަށާއި ވެސް އޭނާ ވިދާޅުވި އެވެ.

"ކީއްވެގެންތޯ އަލީ ހަމީދާ ދޭތެރޭ ޒައިދުލްއަމީން އެ ދައްކާ ވާހަކަތައް ތަހުގީގުކޮށް ނުބެލިގެން މި އުޅެނީ. އެއީ ބަލަންޖެހޭ ކަމެއް. ވަކި ބަޔަކު ކުރީމައެއް ނޫން ކޮރަޕްޝަންގެ އަމަލަކަށް ވާނީ. ފުލުހުން އާންމުކުރި މައުލޫމާތުގައި އެބަހުރި އަލީ ހަމީދުގެ އަންހެނުންނާއި އަލީ ހަމީދުގެ ދަރިފުޅު ފްލެޓް ގަތް ވާހަކަ. އަބްދުﷲ ސައީދު ފްލެޓް ގަތް ވާހަކަ. މި މީސްމީހުންނާ ދޭތެރޭ އެބަޖެހޭ ތަހުގީގު ހިންގަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ މުއައްސަސާތަކުގެ ބާރު ކަނޑުވާލަން ބަޔަކު މަސައްކަތް ކުރާ ނަމަ ރައީސް އަބްދުﷲ ޔާމީނަށް ގާނޫނު އަސާސީން ލިބިދޭ ބާރު ބޭނުން ކުރަން މަޖުބޫރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.