05 ފެބުރުއަރީ 2018 - 15:24

ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވީ، ރިޝްވަތުގެ ތުހުމަތުގައި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ޖަލު ގޮޅީގައި "ފްރީޒްކުރި ގޮތަށް" އޭނާއާ ދޭތެރޭގައި ވެސް އަމަލުކުރަން ކަމަށް ދަގެނތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ބަންދުގެ މުއްދަތު އިތުރުނުކޮށް ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލުމުން، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ "މިއަދަކީ އުފާވެރި ދުވަހެއް" ކަމަށެވެ. އެއީ، ރާއްޖޭގެ ކޯޓުތައް މިނިވަންކަމާ އެކު މަސައްކަތް ކުރާ މަންޒަރު ފެންނާތީ ކަމަށް ވެސް ވިދާޅުވި އެވެ.
"ބޭނުންވީ ފާރިސް ގޮތަށް އަޅުގަނޑު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބަހައްޓަން. އެކަމަކު އެކަމެއް ނުވި،" އިލްހާމް ވިދާޅުވި އެވެ.
ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށް ފާރިސް ޖަލުގައި ބަންދުކޮށްފައި ހުންނަތާ ހަ މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ދާދި ފަހުން ދޫކޮށްލުމަށް ފަހު ވެސް އަނެއްކާ ވަނީ ހައްޔަރުކޮށް ޖަލަށް ލައިފަ އެވެ.
ފާރިސް ބަންދުން ވީއްލައިދޭން ހުށަހެޅި މައްސަލަ އޭނާއާ އެއްކޮޅަށް ނިމިފައި ނުވަނީ، ފާރިސް މިނިވަންކޮށްފައި ބަހައްޓަން ސަރުކާރުން ބޭނުން ނުވާތީ ކަމަށް ވަކީލުން ވަނީ ވިދާޅުވެފަ އެވެ.
ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭން ބޭރުގައި އުޅުއްވުމަށް ފަހު، އިލްހާމް އިއްޔެ ރާއްޖެ ވަޑައިގަތުމުން އޭނާ ހައްޔަރުކުރީ ރިޝްވަތުގެ ތުހުމަތުގަ އެވެ. އިލްހާމްގެ އިތުރުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ހައްޔަރުކުރީ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި، ފާރިސްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.
ރައީސް ޔާމީނާ ކުރިން އެންމެ ގާތުން މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިލްހާމާއި ސިނާނަކީ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އިދިކޮޅު 12 މެމްބަރުންގެ ތެރޭގައި ހިމެނޭ ދެ ބޭފުޅުންނެވެ. ނަމަވެސް 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިހާރު ވަނީ ކަނޑައަޅައިފަ އެވެ.