500 އަށް ވުރެ ގިނަ ޑޮކްޓަރުން ހޯދަން އަނެއްކާ ވެސް އިއުލާނުކޮށްފި
500 އަށް ވުރެ ގިނަ ޑޮކްޓަރުން ހޯދަން އަނެއްކާ ވެސް އިއުލާނުކޮށްފި

ފަސް ސަަތޭކަ އަށް ވުރެ ގިނަ ޑޮކްޓަރުން ހޯދަން ހެލްތް މިނިސްޓްރީން މިއަދު އަނެއްކާ ވެސް އިއުލާނުކޮށްފި އެވެ.

އެ މިނިސްޓްރީން މިއަދު ކުރި ތިން އިއުލާނުގައި ވަނީ ހޮސްޕިޓަލްތަކާއި ސިއްހީ ހިދުމަތް ދޭ ތަންތަނަށް، ސްޕެޝަލިސްޓް ޑޮކްޓަރުންނާއި މެޑިކަލް އޮފިސަރުންނާއި ސީނިއާ މެޑިކަލް އޮފިސަރުންގެ އިތުރުން ޑެންޓަލް އަދި ސީނިއާ ޑެންޓަލް އޮފިސަރުން ބޭނުންވާ ކަމަށެވެ. އެއީ ޖުމްލަ 500 އަށް ވުރެ ގިނަ ޑޮކްޓަރުންނެވެ.

ޝައުގުވެރިވާ ޑޮކްޓަރުން މި މަހު 15 ވަނަ ދުވަހުގެ ކުރިން އެ ކަމަށް އެދި ހުށަހަޅަންޖެހެ އެވެ. ޝަރުތު ހަމަވާ މީހުންގެ އިންޓަވިއު ވެސް މި މަހުގެ ތެރޭގައި އޮންނާނެ ކަމަށް އިއުލާނުގައިވެ އެވެ.

އިއުލާނުގައިވާ ގޮތުން އެނެސްތީއޮލޮޖީ އާއި ސާޖަރީ އާއި ޕީޑިއެޓްރިކްސް އާއި ޑާމަޓޮލޮޖީ އާއި އީއެންޓީ ފަދަ ސްޕެޝަލިސްޓް 162 ޑޮކްޓަރުން ބޭނުންވެ އެވެ. ދާއިމީ ޑޮކްޓަރުުންގެ ގޮތުގައި ވަޒީފާ ދޭން ހަމަޖައްސާފައިވާ އިރު އަސާސީ މުސާރަ އަކީ 30،990ރ. އެވެ. ސާވިސް އެލަވަންސަށް 10،200ރ. އާ އެކު އިތުރު އިނާޔަތްތައް ވެސް ލިބޭނެ ކަމަށް އިއުލާނުގައި ވެ އެވެ.

މެޑިކަލް އޮފިސަރުން އަދި ސީނިއާ މެޑިކަލް އޮފިސަރުންގެ ގޮތުގައި ހޯދަން އިއުލާނުކޮށްފައިވަނީ 331 ޑޮކްޓަރުންނެވެ. މުސާރަ އާއި އިނާޔަތްތައް ކަނޑައަޅަނީ ރޭންކަށް ބެލުމަށް ފަހުގަ އެވެ. ސީނިއާ މެޑިކަލް އޮފިސަރުންގެ މުސާރަ 19,230ރ އާއި 22,040ރ.އާ ދެމެދު އުޅޭއިރު ސާވިސް އެލަވަންސްގެ ގޮތުގައި 6150ރ. އާއި 8250ރ. ލިބޭނެ އެވެ. މެޑިކަލް އޮފިސަރުންގެ މުސާރަ އުޅެނީ 19،230ރ. އާއި 22،040ރ. އާ ދެމެދުގަ އެވެ. ސާވިސް އެލަވަންސްގެ ގޮތުގައި ލިބޭނީ 8،250ރ. އެވެ.

އިއުލާނުގައިވާ ގޮތުން ޑެންޓަލް އަދި ސީނިއާ ޑެންޓަލް 18 އޮފިސަރުން ބޭނުންވެ އެވެ. އެ މަގާމުގެ މުސާރަ ވެސް އުޅެނީ، މެޑިކަލް އޮފިސަރުންނާއި ސީނިއާ މެޑިކަލް އޮފިސަރުންގެ މުސާރައާ އެއްވަރެއްގަ އެވެ.

މިދިޔަ ނޮވެމްބަރު މަހު ވެސް މިނިސްޓްރީން ވަނީ 160 ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަން އިއުލާނުކޮށްފަ އެވެ. އެކަމަކު އެފަހަރު ހުޅުވާލި ފުރުސަތަށް އެއްވެސް މީހަކު ކުރިމަތިލާފައެއް ނުވެ އެވެ. އަދި 300 އަށް ވުރެ ގިނަ ޖެނެރަލް ޑޮކްޓަރުން ބޭނުން ވެގެން މިދިޔަ ނޮވެމްބަރު މަހު ކުރި އިއުލާނަށް ވެސް ކުރިމަތިލާފައިވަނީ އެންމެ ދެ ޑޮކްޓަރުންނެވެ.

ގިނަ އަދަދެއްގެ ޑޮކްޓަރުން ހޯދަން އިއުލާންކުރިއިރު، ސިއްހީ ދާއިރާ އަށް އަންނަމުންދާ ކުރިއެރުންތަކާ އެކު އެ ދާއިރާ އަށް މީހުން ބޭނުންވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރިއާ އެކު ރާއްޖޭގެ ސިއްހީ ދާއިރާ އިތުރު ހަރުފަތަކަށް ބަދަލުވާ އިރު، ދިވެހި ޑޮކްޓަރުންނާއި ނަރުހުންނަށް އިސްކަން ދޭނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

އެ އިމާރާތް މުޅިން ނިމި ހުޅުވަން ލަފާ ކޮށްފައި ވަނީ މި އަހަރުގެ ޖުލައި 26ގަ އެވެ. އެ އިމާރާތަކީ އެންމެ ރަނގަޅު ވަސީލަތްތައް ގާއިމުކުރެވޭނެ ހޮސްޕިޓަލަށް ވެގެންދާނެތީވެ، އައިޖީއެމްއެޗުން ވަކިވި ދިވެހި ޑޮކްޓަރުން ވެސް އެނބުރި ރާއްޖެ އައުމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ދައުވަތު ދެއްވައިފަ އެވެ.