05 ފެބުރުއަރީ 2018 - 13:29

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސެން ރަޝީދު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ރައީސް އަބްދުﷲ ޔާމީނަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ހުސެން ވިދާޅުވި ގޮތުގައި އޭނާ މަގާމުން އިސްތިއުފާ ދެއްވީ ޖަލުގައި ތިއްބެވި ސިޔާސީ ބޭފުޅުން ދޫކޮށްލުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ކުރި އަމުރާ ގުޅިގެން ސަރުކާރުން އަމަލު ކުރަމުންދާ ގޮތް އޭނާގެ ޒަމީރަށް ގަބޫލުކުރަން ދަތިވުމުންނެވެ.
ސްޓޭޓް މިނިސްޓަރުގެ މަގާމުގެ އިތުރުން ހުސެން ވަނީ އޭނާ ހުންނެވި ނެޝަނަލް ޑްރަގް އެޖެންސީގެ ބޯޑު މެމްބަރު ކަމުންނާއި މަސްތުވާތަކެތި ކޮންޓްރޯލް ކުރާ ގައުމީ ފަންޑުގެ ގަވަނިން ބޯޑުގެ ވައިސް ޗެއާމަންކަމުން ވެސް އިސްތިއުފާ ދެއްވައިފަ އެވެ.
ރައީސަށް ފޮނުއްވި ސިޓީގައި ހުސެން ވިދާޅުވީ ދައުލަތެއްގެ އެންމެ އިސް ސިފައަކީ ދައުލަތުގެ ފެށުން ކަމުގައިވާ ރައްޔިތުންގެ އިންސާނީ އަދި އަސާސީ ހައްގުތައް ހިމާޔަތްކޮށްދިނުން ކަމަށެވެ. އަދި ރާއްޖޭގައި ގާއިމުވެފައިވަނީ ބާރުތައް ވަކިވެފައިވާ ޑިމޮކްރަސީއެއް ކަމަށާއި އެކަމަކު ސަރުކާރުގެ މުއައްސަސާތަކުގެ މައްޗަށް އެންމެ މަތީ ކޯޓުން ކުރި އަމުރާ ގުޅިގެން ކަންތައްތައް ކުރަމުންދާ ގޮތުން، ސުވާލު އުފެދޭ މައްސަލަތަކަށް ޖަވާބު ނުލިބި ދިގުލައިގެން ދިޔުމަކީ އޭނާގެ ޒަމީރު ގަބޫލު ކުރުން ދަތިކަމެއް ކަމަށް ވެސް ހުސެން ވިދާޅުވި އެވެ.
ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓްރީގެ އިތުރުން ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް އަންޑަ ސެކްރެޓަރީ ފައްޔާޒް ޝާތިރާއި އެޑިއުކޭޝަން މިނިސްޓްރީގެ އިސް ބޭފުޅަކު ވެސް ވަނީ މިދިޔަ ދެ ދުވަހުގެ ތެރޭގައި އިސްތިއުފާ ދެއްވައިފަ އެވެ.
ޖަލުގައި ތިއްބެވި ސިޔާސީ ލީޑަރުންނާއި ސިޔާސީ އެހެން ބޭފުޅުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ތަބާ ނުވާނެ ކަމަށް ސަރުކާރުން ވަނީ އަންގައިފަ އެވެ. އަދި އެއާ ގުޅިގެން މާލޭގައި ކޮންމެ ރެއަކު އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަމުން އަންނަ އިރު، އެ އަމުރާ އެއްގޮތަށް އަމަލު ކުރުމަށް ބޭރުގެ ގައުމުތަކުން އަންނަނީ ގޮވާލަމުންނެވެ.