05 ފެބުރުއަރީ 2018 - 13:27

ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރަން އިންޑިއާގެ އެހީ އަށް ސުޕްރީމް ކޯޓުން އެދުނު ކަމަށް ބުނެ އިންޑިއާގެ ބައެއް ވެބްސައިޓްތަކުގައި ފަތުރަމުންދާ ވާހަކަތައް، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ދޮގުކޮށްފި އެވެ.
"ޓައިމްސް އޮފް އިންޑިއާ"ގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުން އިދިކޮޅު ލީޑަރުން ދޫކޮށްލަން ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އަމުރު ތަންފީޒު ކުރުމުގައި އިންޑިއާގެ އެހީ އަށް ސުޕްރީމް ކޯޓުން އެދުނެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ދަށުން ހިންގަމުންދާ ޑީޖޭއޭ އިން ބުނި ގޮތުގައި އެފަދަ އެއްވެެސް އެހީއަކަށް އެދިފައެއް ނުވާނެ އެވެ.
"ސުޕްރީމް ކޯޓުން ވެސް އަދި ޑީޖޭއޭ އިން ވެސް އެފަދަ ކަމަކަށް އެދިފައެއް ނުވާނެ. އެއީ ދޮގު ވާހަކަތަކެއް،" ޑީޖޭއޭގެ ސްޕޯކްސްޕާސަން ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް މިހާތަނަށް އެއްވެސް ބޭފުޅަކު މިނިވަންކޮށްފައެއް ނުވެ އެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ވަނީ އެ އަމުރާ ގުޅިގެން ބައެއް ގާނޫނީ ކަންކަން ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. އޭގެ ޖަވާބުގައި ސުޕްރީމް ކޯޓުން އަންގާފައިވަނީ އަމުރު ތަންފީޒު ކުރަން އެއްވެސް ހުރަހެއް ނެތް ކަމަށެވެ.