ޕްރޮސްޓޭޓް ކެންސަރު: މަރުވާއިރުވެސް ލަދުން ފަރުވާއެއް ނުހޯދާ
ޕްރޮސްޓޭޓް ކެންސަރު: މަރުވާއިރުވެސް ލަދުން ފަރުވާއެއް ނުހޯދާ

ޕްރޮސްޓޭޓް ކެންސަރަކީ ފިރިހެނުންގެ އުރަވަޅިއަށް ޖެހޭ ނުރައްކާތެރި ކެންސަރެކެވެ. މިއީ ކިތަންމެ އާންމު ކެންސަރެއް ނަމަވެސް މި ބާވަތުގެ ކެންސަރުގައި ގިނަ މީހުން މަރުވަނީ ޑޮކްޓަރަށް ދައްކަން ލަދުގަންނާނީ އަޅާ ނުލައި ތިބެ މާ ބޮޑުވަރު ވެގެންނެވެ.

އިނގިރޭސި ވިލާތުގައި މިހާރު އުރަމަތީ ކެންސަރު ޖެހިގެން މަރުވާ އަންހެނުންނަށް ވުރެ ޕްރޮސްޓޭޓް ކެންސަރު ޖެހިގެން މަރުވާ ފިރިހެނުން ގިނަ އެވެ. އަދި ޕްރޮސްޓޭޓް ކެންސަރަކީ އެ ގައުމުގައި ތިން ވަނަ އަށް އެންމެ ގިނަ މީހުން މަރުވާ ބައްޔަށް ވަނީ ވެފަ އެވެ. މި ބަލި ބޮޑުވަނީ ގިނަ ދުވަހުން ކަމަށްވާތީ ކެންސަރު ޖެހިފައިވާކަން ގިނަ މީހުންނަށް ނޭނގި ވެސް އެތައް އަހަރެއް ފާއިތުވެ އެވެ.

މި ބަލި ހުއްޓަސް ދިގު އުމުރެއްގައި މާ ބޮޑު މައްސަލައެއް ނެތި ބައެއް މީހުން ދިރިއުޅެ އެވެ. ނަމަވެސް ޕްރޮސްޓޭޓް ކެންސަރު ޖެހިއްޖެ ނަމަ ހަށިގަނޑުގެ އެހެން ބައިތަކަށް ދަތުރުކުރުމުގެ ކުރިން އެ ހުއްޓުވަން ޖެހޭނެ އެވެ.

ޕްރޮސްޓޭޓް ކެންސާ ޔޫކޭ އިން އިންޒާރު ދިން ގޮތުގައި އަހަރަކު 11،000 ފިރިހެނުން، ޕްރޮސްޓޭޓް ކެންސަރު ޖެހިގެން މަރުވެ އެވެ. އަދި 2026 އާ ހަމައަށް ދާއިރު މި އަދަދު 15،000 އަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އުމުރުން ދުވަސްވީ މީހުން އާބާދީގައި ގިނަ ވުމަކީ ވެސް މި ބަލި ޖެހޭ މީހުން އިތުރުވާން ދިމާވާ މައްސަލަ އެކެވެ. އިނގިރޭސި ވިލާތުގައި ކެންސަރު ބަލީގައި މަރުވާ މީހުންގެ ތެރެއިން އެންމެ ގިނަ މީހުން މަރުވަނީ ފުއްޕާމެޔަށް ކެންސަރު ޖެހިގެންނެވެ. ދެ ވަނަ އަށް، ބޮޑުކަމުދާނިޒާމަށް ޖެހޭ ކެންސަރުގަ އެވެ. ޕްރޮސްޓޭޓް ކެންސަރު އުޅެނީ ތިން ވަނައިގަ އެވެ.

ސިއްހީ މާހިރުން ވިދާޅުވަނީ ގިނަ ފިރިހެނުން ލަދުން ޑޮކްޓަރު ކައިރީގައި އެ އުނދަގޫތައް ކިޔައިދޭކަށް ނުކެރެ އެވެ. އަދި ޑޮކްޓަރު ބަލަން ބޭނުން ވުމުން އެމީހުން ލަދުން އެކަމަށް ވެސް ހުއްދައެއް ނުދެ އެވެ.

"ބައެއް ފިރިހެނުންނަށް ހީވަނީ އެމީހުންނަކީ މާ ވަރުގަދަ ބައެކޭ. ބައްޔެއް ނުވާނޭ. އަދި ބަލިވެގެން އެހެން މީހެއްގެ އެހީތެރިކަމެއް ހޯދަން ދާކަށް އެމީހުން ބޭނުމެއް ނުވޭ. އެމީހުންނަށް ހީވަނީ އެހެން މީހެއްގެ ކައިރިއަށް އެހީތެރިކަމަކަށް ދިއުމަކީ މާ ފިނޑި މީހުންގެ ކަމެކޭ،" ތަޖުރިބާކާރު ވިދާޅުވި އެވެ.

ޕްރޮސްޓޭޓް ކެންސާ ޖެހޭތާ ކުރީކޮޅު ބަލި ނޭނގެނީ ގިނަ ފަހަރަށް މި ސަބަބާ ހުރެ އެވެ. އަދި ފަރުވާ ލަސްވުމުގެ ސަބަބުން މިފަދަ މީހުންގެ ފުރާނަ ސަލާމަތް ނުވުން އޮންނަނީ ވަރަށް ގާތުގަ އެވެ.

"ބައެއް މައްސަލަތަކަކީ ލަދު ގަންނަ ކަހަލަ މައްސަލަތަކަށް ވިޔަސް އެ ކަހަލަ މައްސަލަ ބޮޑުވަރުވަންދެން ހުރެ އަމިއްލަ ފުރާނައިން އަގު ދައްކަން ޖެހުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން،" އޭނާ ވިދާޅުވި އެވެ.