ޗޮކްލެޓަކީ އެހާ ގަދަ ފިނީގައި ބަހައްޓާ އެއްޗެއް ނޫން
ޗޮކްލެޓަކީ އެހާ ގަދަ ފިނީގައި ބަހައްޓާ އެއްޗެއް ނޫން

ދަށް ޓެމްޕްރޭޗަރުގައި ޗޮކްލެޓް ބެހެއްޓުމުން އޭގެ ހަގީގީ މީރުކަން ގެއްލޭ ކަމަށް ޗޮކްލެޓްގެ ތަޖުރިބާކާރުން ބުނެފި އެވެ.

އޮންލައިން ފިހާރަ "ޗޮކްލެޓް ބާ" ގެ ވެރިޔާ ލޫކް އޮވަން ސްމިތު ނިއު ޒިލެންޑްގެ ސްޓަފް ނޫހަށް ކިޔައިދީފައިވާ ގޮތުގައި ޓެމްޕްރޭޗަރު ދަށްކޮށް ޗޮކްލެޓް ބެހެއްޓުމުން އޭގެ ރަހަ ކެނޑޭނެ އެވެ. އަދި ބޭރު ކިތަންމެ ހޫނު ގަދަޔަސް ފްރިޖްގައި ބެހެއްޓުމަށް ވުރެ ރަނގަޅީ ބޭރުގައި ބެހެއްޓުން ކަމަށް ވެސް ބުންޏެވެ.

ޗޮކްލެޓް ބަހައްޓަން އެންމެ ރަނގަޅަކީ 15 ޑިގްރީ ސެލްސިއަސްގަ އެވެ. އެންމެ ރަނގަޅު ގޮތަކީ ފިނި، އަނދިރި ކަބަޑެއްގައި 10 އާއި 20 ޑިގްރީ ސެލްސިއަސްއާ ދެމެދުގެ ފިނި މިނެއްގައި ބެހެއްޓުމެވެ.

ގޭގެ ޓެމްޕްރޭޗަރަކީ 28 ޑިގްރީ ސެލްސިއަސް ނަމަ ފްރިޖަށް ޗޮކްލެޓް ލެވިދާނެ ކަމަށް ސްމިތު ބުންޏެވެ. ނަމަވެސް މިގޮތަށް ޗޮކްލެޓް ފްރިޖަށް ލާއިރުވެސް ރަނގަޅަށް މަތިބަންދުކުރެވޭ އެއްޗަކަށް ލާފައި ފްރިޖަށް ލުމަކީ އެންމެ ރަނގަޅު ގޮތެވެ. އޭގެ ރަހައަށް ބަދަލެއް ނައިސް ހުންނާނީ އޭރުންނެވެ. ކޮކޯ ބަޓާ އަކީ ރަހަ އާއި ވަސް އެބްސޯބްކުރާ އެއްޗެކެވެ.