05 ފެބުރުއަރީ 2018 - 12:10

ޕްރިޓޯރިއާ (ފެބްރުއަރީ 5) - ވެރިކަންކުރާ އޭއެންސީގެ ސީނިއާ މެންބަރުންނާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު، ސައުތު އެފްރިކާގެ ރައީސް ޖެކޮބް ޒޫމާ އިސްތިއުފާ ދެއްވަން ޕްރެޝަރު ބޮޑުކުރަން ފަށައިފަ އެވެ.
ޕާޓީގެ ސީނިއާ މެންބަރުންގެ ބައްދަލުވުމާ ގުޅޭ ތަފްސީލްތައް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ކުއްލި ބައްދަލުވުމެއް މިއަދު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ކޮރަޕްޝަނުގެ ތުހުމަތުތައް ކޮށްފައިވާ ޒޫމާ ވަނީ މިދިޔަ ޑިސެމްބަރު މަހު ޕާޓީގެ ލީޑަރުކަމުން ވަކިކޮށްފަ އެވެ. އަންނަ އަހަރުގެ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވޭ އޭއެންސީގެ އާ ލީޑަރު ސިިރިލް ރަމަފޯސާ ވަނީ ޕަޓީގެ އެއްބައިވަންތަކަށް ގޮވާލައްވައިފަ އެވެ.
އޭއެންސީގެ އެންމެ ސީނިއާ ހަ މެންބަރަކު އިއްޔެ ވަނީ ޕްރިޓޯރިއާގައި ހުންނަ ޒޫމާގެ ގެކޮޅަށް ވަޑައިގެންފަ އެވެ. އެކަމަކު އެ ބައްދަލުވުމަށް ފަހު އެއްވެސް ބޭފުޅަކު ތަފްސީލް ހާމަކޮށްފައެއް ނުވެ އެވެ. ޕާޓީގެ ނޭޝަނަލް ވޯކިން ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބާއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ކުރީގެ އޭއެންސީ މެންބަރު އަދި މިހާރު އިދިކޮޅު ލީޑަރެއް ކަމަށްވާ ޖޫލިއަސް މަލެމާ ވިދާޅުވެފައި ވަނީ އިސްތިއުފާ ދެއްވަން ޒޫމާ ގެންދަވަނީ ދެކޮޅު ހައްދަވަމުން ކަމަށެވެ.
ޒޫމާގެ ވެރިކަމުގެ ދައުރު ހަމަވާނީ އަންނަ އަހަރު އެވެ. ނަމަވެސް އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލަތަކާ ގުޅިގެން އެކި ފަހަރު މަތިން ވަނީ އިތުބާރު ނެތްކަމުގެ މައްސަލަތައް ވެސް ޕާލަމެންޓަށް ވައްދައިފަ އެވެ.