ޕަދްމާވަތު: މެހުރުންނިސާގެ ރޯލުން އަދިތީ އަށް ތައުރީފު އޮހެނީ
ޕަދްމާވަތު: މެހުރުންނިސާގެ ރޯލުން އަދިތީ އަށް ތައުރީފު އޮހެނީ

"ޕަދްމާވަތު"ގައި އަދިތީ ރާއޯ ހައިދްރީ އަދާކުރި މެހުރުންނިސާގެ ރޯލަށް، ފިލްމު ބެލި ގިނަ ބަޔަކު ތައުރީފުކުރަމުންދާ ކަމަށް އަދިތީ ބުނެފި އެވެ. ފިލްމުގައި އަދިތީގެ ރޯލަކީ ކުރު އަދި އެހާމެ ނިކަމެތި އަންހެނެއްގެ ރޯލު ނަމަވެސް ފިލްމުގައި އަދިތީގެ ރީތިކަމާއި މޮޅުކަން ގިނަ ބަޔަކަށް ވަނީ ފާހަގަކުރެވިފަ އެވެ.

އަދިތީ ބުނި ގޮތުގައި "ޕަދްމާވަތު"ގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީއާ އެކު މަސައްކަތް ކުރުމަކީ ކުޑައިރުއްސުރެ އޭނާ ދެކެމުން އައި ހުވަފެނެކެވެ. އަދި މި ފިލްމުން އޭނާއަށް ލިބެމުން އަންނަ ތަރުހީބާ ދޭތެރޭ އޭނާ ހުރީ ބުނާނެ އެއްޗެއް ވެސް ނޭނގި ފައެވެ.

"އަހަންނަށް އެނގޭ މެހުރުންނިސާގެ ކެރެކްޓާ އަކީ ފިލްމަށް ވަރަށް މުހިއްމު ޚާއްސަ ބައެއްކަން. ބާންސާލީ އަހަރެން ގާތު ބުނި ފިލްމުގެ ސްކްރިޕްޓް ކިޔާފައި ކޮންމެ މީހަކުވެސް ސުވާލު ކުރެޔޭ މެހުރުންނިސާގެ ރޯލު އަދާކުރަނީ ކާކުހޭ؟ އެހެންވެ އަހަންނަށް ކުރިން ވެސް އެނގޭ ވަރަށް ކުޑަކުޑަ ރޯލެއް ނަމަވެސް އެއީ ފިލްމަށް ވަރަށް ޚާއްސަ ރޯލެއް ކަން،" އަދިތީ ބުންޏެވެ.

މެހުރުންނިސާގެ ކެރެކްޓާއަށް ލިބެމުން އަންނަ ތައުރީފުގެ ކްރެޑިޓް އަދިތީ ދެނީ ބާންސާލީ އާއި ލިޔުންތެރިންނަށް އަދި ޑައިރެކްޓާ އޮފް ފޮޓޯގްރަފީ އަށެވެ. އެ ކެރެކްޓާއަކީ އެމީހުންގެ އުފެއްދުމެއް ކަމަށް އަދިތީ ދެކެ އެވެ.

ކޮންމެ މަންޒަރެއްގައި ވެސް މެހުރުންނިސާގެ ކެރެކްޓާ ކިތަންމެ ބަސް މަދު ނަމަވެސް އެހާ ރީތިކޮށް ދައްކައިދީފައި ވަނީ ކެމެރާގެ ކުޅަދާނަކަމުން ކަމަށް އަދިތީ ދެކެ އެވެ.

ފިލްމުގައި ދީޕިކާ ޕަދުކޯން އާއި ޝާހިދު ކަޕޫރު އަދި ރަންވީރު ސިންގް ކަހަލަ ތަރިން މުހިއްމު ރޯލުތައް އަދާކުރި ނަމަވެސް އަދިތީގެ ކުޅުނު ބަޔަކީ ވެސް އެ ބަޔާ ނުލައި ފިލްމު ފުރިހަމަ ނުވާނެ ބައެކެެވެ.

ފިލްމުގައި އަދިތީ ކުޅުނީ އަލާއުއްދީން ޚިލްޖީ (ރަންވީރު ސިންގް)ގެ އަންހެނުންގެ ރޯލެވެ. އެހާ ވަރުގަދަ ރޯލެއް ކުޅެން ލިބުމުން ވަރަށް ހިތްހަމަޖެހުނު ކަމަށް އަދިތީ ބުންޏެވެ.

"އެހާ ނާޒުކު، އެހާ ބަލިކަށި، އެހާ ޝާހީ ގޮތްތަކެއް ހުރި ތޯހިރުކަމުގެ ނަމޫނާއެއް ފަދަ ކެރެކްޓާއެއް ކުޅެން ލިބުނުކަމީ ލިބުނު ވަރަށް ބޮޑު އުފަލެއް،" އަދިތީ ބުންޏެވެ.