06 ފެބުރުއަރީ 2018 - 05:57

ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭ ކަމަށް ފިލްމީ ބަތަލާ ކަންގަނާ ރަނާވަތު ބުނެފި އެވެ.
ލަކްމޭ އިންޑިއާ ފެޝަން ވީކްގެ އެންމެ ފަހު ދުވަހު ޝޯސްޓޮޕާއެއްގެ ގޮތުގައި ޑިޒައިނާ ޝާމަލް ބޫމިކާގެ ހެދުންތަކެއް ދައްކާލަން ކަންގަނާ ވަނީ ރޭމްޕްގައި ހިނގައިފަ އެވެ. ޝޯ ނިމުނުތަނާ ނޫސްވެރިން ވަނީ ކަންގަނާ މިދިޔަ އަހަރު ވީ ވައުދެއް އޭނާއަށް ހަނދާން ކޮށްދީފަ އެވެ. އެއީ 2017 ނިމުމުގެ ކުރިން ކައިވެނި ކުރަން ނިންމާފައިވާ ކަމަށް ބުނެ ކަންގަނާ ދެއްކި ވާހަކަ އެވެ.
ކަންގަނާ ބުނީ މިދިޔަ އަހަރު ކައިވެނި ނުކުރެވުނަސް ވަރަށް އަވަހަށް ކައިވެނި ކުރަން ނިންމާފައިވާ ކަމަށެވެ.
"އަހަންނަށް ޑެޑްލައިނެއް ދީބަލަ އަންނަ އަހަރުގެ ފެބްރުއަރީ އާ ހަމަޔަށް،" ކަންގަނާ ބުންޏެވެ.
އެންމެ ކުރިން ކަންގަނާ ދެމުންދިޔަ އިންޓަވިއުތަކުގައި ބުނަމުން ދިޔައީ ކައިވެންޏަކީ އޭނާ ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ. އޭނާއަކީ ކައިވެނިކުރުމާ ކަނޑައެޅިގެން ދެކޮޅު މީހެކެވެ. ނަމަވެސް ކުއްލިއަކަށް މިދިޔަ އަހަރު އޭނާގެ ޚިޔާލު ބަދަލުވެ ކައިވެނި ކުރަން އުޅޭ ކަމަށް ބުނަން ފެށީ އެވެ.
ކަންގަނާ މިހާރު ކުޅެމުން އަންނަނީ "މަނިކަރްނިކާ: ދަ ކުއީން އޮފް ޖާންސީ" އެވެ.