ކައިލީ ޖެނާ އަށް އަންހެން ކުއްޖެއް
ކައިލީ ޖެނާ އަށް އަންހެން ކުއްޖެއް

ބަނޑު ބޮޑުކަން ސިއްރުކޮށް މީޑިއާއަށް ފިލައިގެން އުޅުނު ކައިލީ ޖެނާ ވިހައިފިކަން އެންމެފަހުން އިއުލާނުކޮށްފި އެވެ. އިންސްޓަގްރާމްގައި އޭނާ ބުނެފައިވާ ގޮތުގައި އޭނާ އަށް މި މަހުގެ 1 ވަނަ ދުވަހު ލިބުނީ އަންހެން ކުއްޖެކެވެ.

އުމުރުން 20 އަހަރުގެ ކައިލީ އާއި އޭނާގެ ލޯބިވެރިޔާ ޓްރޭވިސް ސްކޮޓްއަށް، 25، އަށް މި ލިބުނު ދަރިފުޅުގެ ވާހަކަ ސިއްރުކޮށްފައި އޮތް ނަމަވެސް އިއްޔެ ވަނީ ބަލިވެ އިނދެ ކައިލީ ކުރި ތަޖުރިބާ ދައްކުވައިދޭ ވީޑިއޯއެއް އާންމުކޮށްފަ އެވެ.

މި ވީޑީއޯގައި އޭނާއަށް ދަރިފުޅު ފެނުނު ފުރަތަމަ ސްކޭންގެ މަންޒަރުތައް ވެސް ވަނީ ހިމަނައިފަ އެވެ. އޭގެ އިތުރުން ކައިލީގެ ބަނޑާއި އާއިލާއާ އެކު ހޭދަކުރި ބައެއް މަންޒަރުތަކުގެ އިތުރަށް ކިމް ކާޑޭޝިއަންގެ ތިންވަނަ ދަރިފުޅު ޗިކާގޯވެސްޓް ވެސް ވަނީ ފުރަތަމަ ފަހަރަށް މީޑިއާތަކަށް ފެނިފައެވެ.

ކުރިން މީޑިއާތަކުގައި ވާހަކަ ދެކެވުނު ގޮތާ ޚިލާފަށް ކައިލީގެ ވީޑީއޯއިން ފެންނަ މުހިންމު ހުރިހާ މަންޒަރުތަކެއްގައި ވެސް ޓްރޭވިސް ފެނިފައިވެއެވެ. ކައިލީ ވިހަން ހޮސްޕިޓަލްގައި ބޭއްވިއިރުވެސް ޓްރޭވިސް ހުރީ އޭނާއާ އެކުގައެވެ.

ފޭނުންނަށް ކައިލީ ދޫކުރި އެންމެ އަގުބޮޑު ހަދިޔާއަކަށްވާނީ އޭނާ ހިއްސާކުރި ވީޑިއޯގައި ދަރިފުޅުގެ އަޑާއި ބައެއް މަންޒަރު ވެސް ހިމަނާފައި ވެސް ވުމެވެ.

ކައިލީ ވަނީ އޭނާގެ ހަޔާތުގެ މިހާ މުހިންމު ދުވަސްތަކެއް އާންމުންނަށް ސިއްރުކުރެވުނީތީ މާފަށް އެދިފައެވެ. ނަމަވެސް އޭނާ ބޭނުންވީ މަންމައަކަށް ވުމަށްޓަކައި ވީ ތައްޔާރީތައް ވަރަށް ޕްރައިވެޓް ކުރުމަށްކަމަށް އޭނާ ބުނެފައިވެއެވެ. އަދި ބަނޑުބޮޑު ވުމަކީ އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލި ކަމެއް ކަމަށް ބުނެފައިވެ އެވެ.