05 ފެބުރުއަރީ 2018 - 10:46

ޓިއުރިން (ފެބްރުއަރީ 5) – އިޓާލިއަން ލީގުގެ އެންމެ ފުލުގައި އޮތް ބެނެވެންޓޯ އަތުން 2-0 އިން މޮޅުވެ އެއް ވަނައިގައި ނަޕޯލީން މަގާމް ދެމެހެއްޓިއިރު ސަސުއޮލޯ އަތުން 7-0 އިން ޔުވެންޓަސް މޮޅުވެއްޖެ އެވެ.
ނަޕޯލީ އެއް ވަނައިގައި އޮތީ 60 ޕޮއިންޓް ހަމަކޮށްގެންނެވެ. ޔުވެންޓަސް ދެ ވަނައިގައި އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތަކުން 59 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި 46 ޕޮއިންޓާ އެކު އޮތީ އެއް މެޗު މަދުން ކުޅެފައިވާ ލާޒިއޯ އެވެ.
ރަށުން ބޭރުގައި ބެނެވެންޓޯ އަތުން ނަޕޯލީ މޮޅުވި މެޗުގައި ލަނޑު ޖެހީ ބެލްޖިއަމް ފޯވާޑް ޑްރިއެސް މާޓިންސް އާއި ކެޕްޓަން މަރެޗް ހަމްސިޗް އެވެ.
އަމިއްލަ ދަނޑުގައި ސަސުއޮލޯ އަތުން ޔުވެންޓަސް މޮޅުވިއިރު ގޮންޒާލޯ ހިގައިން ވަނީ ހެޓްރިކެއް ހަދައިފަ އެވެ. ސާމީ ކެދީރާ ދެ ގޯލް ޖެހިއިރު އަނެއް ދެ ގޯލް ޖެހީ އަލެކްސް ސަންދްރޯ އާއި މިރެލަމް ޕިޔާނިޗެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ރޯމާ ވަނީ ހެލަސް ވެރޯނާ އަތުން 1-0 އިން މޮޅުވެފަ އެވެ. އެ ޓީމު އޮތީ 44 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. ހަތަރު ވަނައިގައި 45 ޕޮއިންޓާ އެކު އޮތީ ހޮނިހިރު ދުވަހު ކްރޮޓޯނޭއާ 1-1 އިން އެއްވަރުވި އިންޓަ މިލާނެވެ. ރޭ އޭސީ މިލާން ވަނީ އުދިނޭޒީއާ 1-1 އިން އެއްވަރުވެފަ އެވެ. މިލާން އޮތީ 35 ޕޮއިންޓާ އެކު އަށް ވަނައިގަ އެވެ.