މާރޭޒަށް އަދަބު ދިނުން ހައްގެއް ނޫން: އަލްޖީރިއާ ކޯޗު
މާރޭޒަށް އަދަބު ދިނުން ހައްގެއް ނޫން: އަލްޖީރިއާ ކޯޗު

ލަންޑަން (ފެބްރުއަރީ 5) – ނިމިގެން ދިޔަ ޓްރާންސްފާ މާކެޓްގެ ފަހު ދުވަހު މެންޗެސްޓާ ސިޓީ އަށް ބަދަލުވުމަށް ލެސްޓާ ސިޓީގެ ވިންގް ރިޔާދު މާރޭޒް އަމަލުކުރި ގޮތަށް ފާޑުކިޔުން އަމާޒުވެފައިވީ ނަމަވެސް، އޭނާ އަށް އަދަބެއް ހައްގުނުވާ ކަމަށް އަލްޖީރިއާގެ ކޯޗު ރަބާ މަޑްޖާ ބުނެފި އެވެ.

ސިޓީން މާރޭޒް ގަންނަން ހުށަހެޅި ހުރިހާ ބޮޑަކަށް ލެސްޓާ އިން ވަނީ ދެކޮޅު ހަަދައިފަ އެވެ. މާރޭޒް ވަނީ މި ސީޒަން ފެށުމުގެ ކުރިން އިޓަލީގެ ރޯމާ އަށް ބަދަލުވުމަށް ވެސް މަސައްކަތް ކޮށްފަ އެވެ. އެހެން ނަމަވެސް އެ ފަހަރު ވެސް އޭނާ ވިއްކާލަން ލެސްޓާ އިން ބޭނުމެއް ނުވި އެވެ. ދާދި ފަހުން ލެސްޓާގެ ކޯޗު ކްލައުޑް ޕުއެލް ބުނީ މާރޭޒްގެ އަގު 100 މިލިއަން ޕައުންޑަށް ވުރެ ދަށް ނުވާނެ ކަމަށެވެ.

ސިޓީ އަށް ބަދަލުވާން ކުރި މަސައްކަތް ކާމިޔާބު ނުވުމުން އެކަމާ ހިތްހަމަ ނުޖެހިގެން މި މަހު އެއް ވަނަ ދުވަހުން ފެށިގެން މާރޭޒް ވަނީ ލެސްޓާގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ދެކޮޅު ހަދައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ލެސްޓާ އިން އަންނަނީ މާރޭޒަށް އަދަބުދޭން ތައްޔާރުވަމުންނެވެ.

މަޑްޖާ ބުނީ މާރޭޒަކީ މޮޅު ކުޅުންތެރިޔެއް ކަމަށާއި އޭނާ އަށް ބޮޑު ޓީމަކަށް ކުޅުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށެވެ.

"ލެސްޓާ އަށް ވުރެން ބޮޑު ކްލަބަށް މާރޭޒް ކުޅެންވީ. އެކަމަކު ހަނދާނުގައި ބަހައްޓަން ޖެހޭ މާރޭޒް އެ ހިސާބަށް ގެންގޮސްދިނީ ވެސް ލެސްޓާ އިން ކަން. އަހަރެން ދެކޭ ގޮތުގައި މާރޭޒް އެބަޖެހޭ ލެސްޓާ ބޯޑުގައި އެދެން އޭނާ ބޭނުންވާގޮތް. ބައެއް ފަހަރު ކުޅުންތެރިޔާގެ މުސްތަގުބަލަށް ކްލަބުން ވިސްނަން ޖެހޭ ވަގުތު އޭނާ އަށް އަދަބެއް ދިނުން ހައްގެއް ނޫން،" މަޑްޖާ ބުންޏެވެ.

އޭނާ ބުނީ އަލްޖީރިއާ އަށް ބޮޑު މެޗުތަކެއް ކުރިއަށް ހުއްޓައި މާރޭޒަށް ކްލަބް ލެވެލްގައި ނުކުޅެވި ހުރުމަކީ ލިބޭނެ ގެއްލުމެއް ކަމަށެވެ.

"މާރޭޒަކީ ލެސްޓާ އެކޭ އެއްގޮތަށް އަލްޖީރިއާގެ ވެސް މުހިއްމު ކުޅުންތެރިޔެއް. ގައުމީ ޓީމުގެ މުހިއްމު މެޗުތަކެއް ކުރިއަށް ހުއްޓައި އަހަރެން ނޭދެން މާރޭޒް ކުޅުމުން ބާކީވެފައި ހުންނަން. މި ކަމަށް އަވަސް ހައްލެއް ބޭނުން،" މަޑްޖާ ބުންޏެވެ.