ނޯތު ކޮރެއާގެ "ވެރިޔާ" ސައުތު ކޮރެއާ އަށް ފޮނުވަނީ
ނޯތު ކޮރެއާގެ "ވެރިޔާ" ސައުތު ކޮރެއާ އަށް ފޮނުވަނީ

ސޯލް (ފެބްރުއަރީ 5) - ނޯތު ކޮރެއާގެ ދައުލަތުގެ "ރަމްޒީ ވެރިޔާ" ސައުތު ކޮރެއާ އަށް ފޮނުވަން ނިންމައިފި އެވެ.

ސައުތު ކޮރެއާގެ ޔުނިފިކޭޝަން މިނިސްޓްރީން ބުނީ 22 މެންބަރުންގެ ވަފުދަކާ އެކު ކިމް ޖޮން-ނަމް ސައުތު ކޮރެއާ އަށް ވަޑައިގަންނަވާނީ ހުކުރު ދުވަހު ކަމަށެވެ. ސޯލްގައި ހުކުރު ދުވަހު ފަށާ ވިންޓަ އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި އޭނާ ބައިވެރިވެވަޑައިގަންނަވާނެ ކަމެއް އަދި ނޭނގެ އެވެ. ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ދެ ކޮރެއާގެ އެތުލީޓުން މާޗް ކުރާނީ އެއް ދިދައެއްގެ ދަށުންނެވެ.

ނޯތު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅިގެން އދ.ގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުގައި މިހާރު އޮތް ނޯތު ކޮރެއާ އިން ގޭމްްސްގައި ބައިވެރިވުމަކީ ޑިޕްލޮމެޓިކް ގޮތުން އެ ގައުމު ހޯދާ ކުރިއެރުމެއް ކަމަށް އޮފިޝަލުން ބުނެ އެވެ.

ކިމް ޔޮން-ނަމް އަކީ ނޯތު ކޮރެއާގެ ޕާލަމެންޓުގެ ރައީސް ވެސް މެ އެވެ. އަދި އޭނާ އަކީ ވޭތުވެދިޔަ ހަތަރު އަހަރު ދުވަހު ތެރޭ ސައުތު ކޮރެއާ އަށް ވަޑައިގަންނަވާ ނޯތު ކޮރެއާގެ އެންމެ ސީނިއާ އޮފިޝަލެވެ.

ފެބްރުއަރީ 9-25 އަށް ކުރިއަށްދާ ވިންޓަ އޮލިމްޕިކްސްގައި ނޯތު ކޮރެއާ ބައިވެރިވާނެކަން އިއުލާން ކުރީ އެ ގައުމުގެ ލީޑަރު ކިމް ޖޮން-އުން އާ އަހަރު ދެއްވި މެސެޖުގަ އެވެ.