05 ފެބުރުއަރީ 2018 - 10:01

ރައީސް ދެއްކެވި ވާހަކަފުޅުގެ ޚުލާސާ: މިރޭގެ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ އެމަނިކުފާނު އެ ޖަލްސާ އަށް ވަޑައިގަތީ ފަހަރެއްގައި ވެސް ސިޔާސީ ވާހަކަފުޅުތަކެއް ދައްކަވަން ނޫން ކަމަށް. އަދި އެމަނިކުފާނު ވަޑައިގަތީ މި ހާލަތުން އަރައިގަތީތީ އެކަމާ ހަމްދު ކުރުމަށާއި ޝުކުރު ކުރުމަށް ކަމަށް. ރައީސް ވިދާޅުވީ މި ހާލަތުން އަރައިގަތީ އެމަނިކުފާނު ކަމެއް ކުރައްވައިގެން ނޫން ކަމަށާއި އެއީ ﷲގެ މިންވަރުފުޅުގައި އެގޮތަށް އެކަން އޮތުމުން ވީ ގޮތް ކަމަށް. އަދި މިކަމުގެ ހުރިހާ މަސައްކަތެއް ކޮށްދިން އެންމެ މުހިންމު ދެ ފަރާތަކީ ސިފަންނާއި ފުލުހުން ކަމަށް ތަކުރާރުކޮށް ވިދާޅުވި.
ވަރަށް ވަރުބަލިކަން އިހުސާސް ކުރައްވައި ވާހަކަފުޅު ދައްކަވަމުން، ތަކުރާރުކޮށް ރައީސް ވިދާޅުވީ މިއީ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މެދުވެރިކުރައްވައި އެހެން ބޭފުޅުންތަކެއް ގެންނެވި ބަޣާވާތެއް ކަމަށް. އަދި ވިދާޅުވީ އެކަން ރާވައި ހިންގެވި ބޭފުޅުންގެ އަތްޕުޅުގައި އޭގެ ކޮންޓްރޯލް ނެތް ކަމަށާއި އެހެން ނަމަ، ދެން ވީހީ ފެބްރުއަރީ 7 ގައި ވެސް ވީ ގޮތް ކަމަށް. އަދި އަމުރު ތަންފީޒު ކޮށްފި ނަމަ އެއީ އަނެއް ފެބްރުއަރީ 7 ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ އެ ހާލަތުން ސަލާމަތްވީ ވަރަށް ގިނަ ބައެއްގެ މަސައްކަތުން ކަމަށާއި އެ އެންމެންނަށް ޝުކުރު ދަންނަވާ ކަމަށް.
ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ބޭބޭފުޅު އަދި މި މައްސަލައިގެ ތެރޭގައި ހައްޔަރު ކޮށްފައި ހުރި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ބެހޭ ގޮތުން ނަން ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެއް ނުވޭ. އެކަމަކު ކުރީގެ ރައީސުން އެ ދައްކަވަނީ ރީތި މަގެއް ނޫން ކަމަށް ވިދާޅުވެ، ސިޔާސީ ލީޑަރުންނަކީ ކިޔަވާ ކުދިންނަށް ނަމޫނާއަކަށް ދައްކަން ހެޔޮވާ ވަރުގެ ބައެއް ނޫން ކަމަށް ވިދާޅުވި. ރައީސް ވިދާޅުވީ އެބޭފުޅުން ދެއްކެވި ވާހަކަތަކާ އަމަލުތައް މިހާރު ދިމާނުވާ ކަމަށް.

ރައީސް: އަޅުގަނޑަކީ ޒުވާނެއް ނޫން. މި ވޭތުވެދިޔަ ފަސް ދުވަހު ހަ ގަޑިއިރުގެ ނިދި އަޅުގަނޑަކަށް ނުލިބޭނެ. ހަގީގަތުގައި ވެސް އަޅުގަނޑު ވަރުބަލި ވެއްޖެ.

ރައީސް: އަޅުގަނޑު ވަރުބަލިވެއްޖެ. ހަގީގަތުގައި ވެސް ވަރުބަލިވެއްޖެ

ރައީސް: އަޅުގަނޑުމެން ނޭވާހޮޅި އަށް އެޅުނު ވަގުތު ކޯޓުތަކަށް ހުށަހަޅާފައި ހުރިހާ އެއްޗެއް ބާތިލް ކުރަމުން ދިޔަ. އިންސާފު ގާއިމް ކުރަން ތިބި މީހުން ކަންބޮޑެއް ނުވި.

ރައީސް: ފާރިސް މައުމޫންގެ ރިޝްވަތާ ގުޅޭ ހެކި ފުލުހުން ހޯދި.

ރައީސް: މިކަން އަދިވެސް ނިމުނީ ކަމެއް އަޅުގަނޑަކަށް ނޭނގެ.

ރައީސް: އަޅުގަނޑުމެންނަށް މިހާރު މި ފެންނަނީ ކިޔަވާ ކުދިންނަށް ވެސް ދައްކަން ހެޔޮ ނުވާ ވަރުގެ ސިޔާސީ ލީޑަރުން

ރައީސް: އެކަމަކު އެ ބޭފުޅުން އެކަމެއް ހަނދާނެއް ނެތޭ. އަޅުގަނޑަށް އަބަދު ވެސް ކެހި ދެނީ އަޅުގަނޑާ އެންމެ ކައިރީގައި ތިއްބަވާ ބޭފުޅުން

ރައީސް: ހަމަ އެ މަރުހަލާގައި އަބްދުﷲ ސައީދު ވެސް ހިމެނީ އަޅުގަނޑު އެދިގެން.

ރައީސް: އިންތިގާލީ މަރުހަލާގައި އަލީ ހަމީދު ބެންޗުގައި ހިމެނުނީ އަޅުގަނޑު ރުހުން ދީގެން.

ރައީސް: އަޅުގަނޑަށް އަސަރު ކުރަނީ ދިވެެހި ޒައާމަތާ ހެދިއެއް ނޫން. އެކަމަކު މި ޒައާމަތް ބަދަލުވާންވީ ގުޅަކުޅޭ ފަސްގަނޑުންތޯ

ރައީސް: ބޭރުގެ ސިފައިނެއް ނޫން ގެންނަންވީ. ފިލާ ތިބި މީހުން ވެސް ޖުމްހޫރީ މައިދާނަށް އައިސް ތާއީދު އޮތްތޯ ބަލަންވީ.

ރައީސް: މުތުލަގު ބާރެއް ދިނުމުން އެ ބާރު ނަހަމަ ގޮތުގައި ބޭނުން ކުރީމަ އެކަން ބެލޭނެ ގޮތެއް ގާނޫނުއަސާސީގައި އޮތް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން.

ރައީސް: ރައީސް ނަޝީދު، އަބްދުﷲ ގާޒީ ހައްޔަރު ނުކުރާ މީހަކަށް ވީތޯ. އަހުމަދު އަދީބު އަޅުގަނޑު އަވަހާރަކޮށްލަން ނޫޅޭ ކަމަށް ވީތޯ

ރައީސް: މި މައްސަލަ ނިމުނީ ކޮން އިރަކުންތޯ މިހާރު ކިހިނެއްތޯ އެނގޭނީ.

ރައީސް: ހުކުރު ވިލޭރޭގެ އަމުރުތޯ މިރޭގެ އަމުރުތޯ (ރަނގަޅީ) ދިވެހި ރައްޔިތުން ސުވާލު ކުރަންވީ.

ރައީސް: ކިހިނެއްތޯ ކަރާމާތާއި ޝަރަފާ އެކު ސުޕްރީމް ކޯޓު ގެންގުޅޭނީ. އެ ބޭފުޅުން އެބަޖެހޭ ތައުބާ ވާން.

ރައީސް: ސުޕްރީމް ކޯޓުގެ އަމުރުތަކުގެ ސައްހަ ކަމާ މެދު ވިސްނާ ފިކުރު ކުރުމުގެ ޖާގަ މިހާރު އެބައޮތް.

ރައީސް: އެތައް ދުވަހެއް ވަންދެން ހުށަހެޅިފައި ހުރި މައްސަލަތަކެއް އެންމެ ރެއަކުން ފިލާ ތިބެގެން ދެ ގަޑިއިރުގެ ތެރޭގައި ބަދަލުކޮށްލުމުން ކޮން ސައްހަ ކަމެއްތޯ އޮންނާނީ.

ރައީސް: ދައުލަތުގެ އެންމެ ވެރިޔަކީ ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރެއް ނޫން. އެއީ އިންތިހާބު ކޮށްފައި ހުރި މީހެއް ނޫން.

ރައީސް: އެ އަމުރު ތަންފީޒު ކުރި ނަމަ އެއީ އަނެއްކާ އަނެއް ފެބްރުއަރީ 7

ރައީސް: ދާއިމަށް ވެސް ދޭން ބެނުންވާ ނަސޭހަތަކީ ކޮންމެ މީހަކީ ގާނޫނު އެނގޭ މީހަކަށް ނުހަދާށޭ.

ރައީސް: މިކަމުގައި އެންމެ ބޮޑު މަސައްކަތެއް ކޮށްދެއްވި މީހުންނަކީ ދިވެހި ފުލުހުންނާއި ސިފައިން.

ރައީސް ޔާމީން: ސިޔާސީ ކަންކަމަކީ ވަރަށް ޑާޓީ ކަމެއް. މިއީ ކީއްކުރަން ކުރަން ޖެހޭ ކަމެއް ބާއޭ އަޅުގަނޑު ހިތަށް އެރި

ރައީސް ޔާމީން: އަޅުގަނޑާ އެކު ހަމަ ގައުމީ ޖިހާދެއް ކުރެއްވި ބޭފުޅުން އެބަތިއްބެވި. ރެއާ ދުވާލު މަސައްކަތް ކުރެއްވި ބޭފުޅުން ހިމެނޭ. އޭގެ ތެރޭގައި އަޅުގަނޑުގެ އަންހެނުން ހިމެނޭ. ޕާޓީގެ އިސް މީހުން ހިމެނޭ. ޑިފެންސް މިނިސްޓްރީ ހިމެނޭ.

ރައީސް ޔާމީން: މި ހާލަތް އުފެއްދި ސިޔާސީ ބޭފުޅުންނަށް ވެސް މި އެތި ކޮންޓްރޯލެއް ނުކުރެއްވުނު

ރައީސް ޔާމީން: ނެތި މަދު ދުވަސްތަކެއް އަޅުގަނޑު ހޭދަކުރިން. ހެނދުނު ހައެއް ޖަހަންދެން އަޅުގަނޑު ޑިފެންސް މިނިސްޓްރީގައި ހޭދަކުރިން. އަނެއްކާ އަނެއް ދުވަހު 8:30 ގައި އެނބުރި ޑިފެންސް މިނިސްޓްރީ އަށް ދިޔައިން. ބައެއް ފަނޑިޔާރުން މެދުވެރިކޮށް ބައެއް ފަރާތްތަކުން ކުރައްވަން އުޅުނު ކަންތައް ނަތީޖާ ކޮންޓްރޯލެއް ނުކުރެއްވުނު.

ރައީސް ޔާމީން: ސިޔާސީ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާނީ އެއްވެސް މީހަކު އެމީހަކަށް ދޭން ބޭނުން ނުވާ މުސީބާތެއް އެހެން މީހުންނަށް ދޭން އެދޭކަށް ނުވާނެ

ރައީސް ޔާމީން: އަޅުގަނޑު މިހުރީ އުފާވެރިކަމަކު ނޫން. އަދި އަޅުގަނޑު މި ހުރީ މާ މޮޅު ކަމެއް ކުރެވިގެނެއް ވެސް ނޫން.

ރައީސް ޔާމީން: އަޅުގަނޑު އަބަދު ވެސް ސުޕްރީމް ކޯޓަށް އިހުތިރާމް ކުރަން. އަޅުގަނޑު ހުންނާނެ ރެލީ ތަކުގައި ސުޕްރީމް ކޯޓަށާއި ހުކުމަށް ފާޑު ނުކިޔާށޭ ބުނެފައި.

ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ: ހުރިހާ އެންމެންނަށް ޝުކުރު ދަންނަވަން. ﷲ އަށް ހަމްދު ކުރަން

ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރު މިރޭ ބަދަލުކުރުމުން އެކަމަށް ސަރުކާރުން މަރުހަބާ ކިޔައިފި. ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރުގައިވާ، ސިޔާސީ މީހުން ވަގުތުން މިނިވަން ކުރުމުގެ ބަޔާއި އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނާ ބެހޭ އެއްވެސް މައްސަލައެއް އެޖެންޑާކޮށް ބެލުމުގެ އެއްވެސް ބާރެއް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ލިބިގެން ނުވާ ކަމަށް ކަނޑައަޅާފައިވާ ބައި މިރޭގެ އަމުރުގައި ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފައި.

ޕީޕީއެމްގެ ޖަލްސާގައި ރައީސް ވެސް ބައިވެރިވެ ވަޑައިގަންނަވާ

އިދިކޮޅު ފަރާތްތަކުން އެމްޑިޕީ ހަރުގޭގައި ބާއްވަން އުޅުނު ޖަލްްސާ އަށް ފުލުހުން ހުރަސް އަޅައިފި. އެ ސަރަހައްދަކަށް އެއްވެސް މީހަކަށް ނުވަދެވޭ. އެކަމަކު ހަރުގެ ތެރޭގައި ތިބި އެއްވެސް މީހަކު ފުލުހުން ނުނެރޭ. އިދިކޮޅު ޖަލްސާ އަށް ފުލުހުން ހުރަސް އަޅަމުން ގެންދާއިރު ޕީޕީއެމް ޖަގަހައިގައި މިހާރު ދަނީ ޕީޕީއެމްގެ ޖަލްސާ ބާއްވަމުން،

ޕީޕީއެމްގެ ޖަގަހަ، ރުމާލު 2 ގައި އެ ޕާޓީގެ ޖަލްސާއެއް ބާއްވަމުން އެބަގެންދޭ

ބުރާސްފަތި ދުވަހުގެ ރޭ ކުރި އަމުރުގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ގެއްލޭ ބައި މިރޭގެ އަމުރުގައި ބާތިލްކޮށްފައެއް ނުވޭ.

ސުޕްރީމް ކޯޓުން ދެންމެ ޝާއިއުކޮށްފައިވާ އަމުރުގައި ބުނެފައިވާ ގޮތުން ބުރާސްފަތި ދުވަހު އެ ކޯޓުން ނެރެފައިވާ އަމުރުގައި ހިމެނޭ، ސިޔާސީ މީހުން މިނިވަން ކުރުމުގެ ބަޔާއި ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީ އަށް ނުބެލޭ ބައި ވަނީ ބާތިލްކޮށްްފައި. އެ އަމުރުގައި ސޮއިކުރައްވާފައި ވަނީ ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ތިން ފަނޑިޔާރުން.

އިދިކޮޅު ލީޑަރުން މިނިވަން ކުރަން އަމުރުކުރި ބައި ސުޕްރީމް ކޯޓުން ބާތިލްކޮށްފި

ސަސްޕެންޑް އުވާލި ހުރިހާ ވަކީލުންނަކީ ވެސް ސަރުކާރާ ދެކޮޅު ބޭފުޅުން. މި ބޭފުޅުން ސަސްޕެންޑްކޮށްފައި ވަނީ ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން. އޭރު ސަސްޕެންޑްކުރި ބައެއް ވަކީލުންގެ ސަސްޕެންޝަން މީގެ ކުރިން ވަނީ ނިމުމަކަށް ގެނެސްފައި. މި ހަތް ވަކީލުންނަކީ ސަސްޕެންޑް ކުރި ވަކީލުންގެ ތެރެއިން މިހާރު ސަސްޕެންޑްގައި ތިއްބެވި ހަމައެކަނި ބޭފުޅުން.

ސަސްޕެންޝަން އުވާލައިފައި ވަނީ ހުސްނުއްސުއޫދުގެ އިތުރުން، މާރިޔާ އަހުމަދު ދީދީ، އަލީ ހުސެއިން، މަހުފޫޒު ސައީދު، އަނަސް އަބްދުއްސަތާރު، އިމްތިޔާޒު ފަހުމީ، އަދި ހަސަން ލަތީފު. މީގެ ތެރެއިން ހުސްނުއްސުއޫދުގެ ސަސްޕެންޝަން ވަނީ ރޭ އުވާލައިފައި.

މަޝްހޫރު ވަކީލުންތަކެއްގެ ސަސްޕެންޝަން ޖުޑީޝަލް ސާވިސް އެޑްމިނިސްޓްރޭޝަނުން ދެންމެ އުވާލައިފި

ރާއްޖޭގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި އދ.ގެ ސެކްރެޓަރީ ޖެނެރަލް ވެސް ބަޔާނެއް ނެރުއްވައިފި. ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްގެ ފަރާތުން އޭނާގެ ތަރުޖަމާނު ނެރުއްވި ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ ހާލަތު ގޯސްވަމުން ދާތީ އާއި އަދި ހާއްސަކޮށް، ސުޕްރީމް ކޯޓަށް ސިފައިން ވަދެ ކުއްލި ހާލަތު އިއުލާނުކޮށްފައި ވާތީ ކަންބޮޑުވާ ކަމަށް. ސެކްރެޓަރީ ޖެނެރަލްގެ ބަޔާނުގައި ސަރުކާރުން ގާނޫނު ނަގަހައްޓައި ރައްޔިތުންނާއި ޖުޑީޝަރީގެ ބޭފުޅުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގޮވާލާފައިވޭ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ރޭ ހައްޔަރުކޮށްފައި ވިޔަސް ދެން ތިއްބެވި ތިން ފަނޑިޔާރުންނާ އެކު ސުޕްރީމް ކޯޓުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ބުނެފައިވޭ.

މިއީ ކުއްލި ހާލަތުގެ ގަރާރަށް މިއަދު ގެނައި ދެ ވަނަ އިސްލާހު، މިއަދު ހެނދުނު ގެޒެޓްކުރި އިސްލާހުގައި ވަނީ ހައްޔަރުކުރާ މީހުންގެ ހައްގުތައް ހަނިކޮށްފައި.

ގާނޫނު އަސާސީގެ 145 ވަނަ މާއްދާގެ (ނ) ކުއްލި ހާލަތުގެ އަމުރުގެ ގަރާރުން އުނިކޮށް ސުޕްރީމް ކޯޓަށް ބާރު ދީފި. އެ އަކުރުގައި ބުނަނީ ގާނޫނު އަސާސީ އާއި ގާނޫނު މާނަކުރުމުގައި އަދި ޝަރީއަތުން ބަލާ އެ ނޫން ވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް.

ގާސިމްގެ ދޮށީ ފިރިހެން ދަރިކަލުން އިބްރާހިމް ސިޔާދު ހައްޔަރުކޮށްފި. ގާސިމްގެ ވިޔަފާރީގައި އެންމެ އިސްކޮށް ހުންނަވަނީ ސިޔާދު

ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން އީޔޫއިން ވެސް ބަޔާނެއް ނެރެފި. އެ ބަޔާނުގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ހައްޔަރުކުރުމާއި ކުރީގެ ރައީސް މައުމޫން ހައްޔަރުކޮށްފައި ވުމުން ކަންބޮޑުވާ ކަމަށް. އެ ބަޔާނުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކޮށްފައިވާ ހުކުމް ބާތިލްކޮށް، ޖަލުގައި ތިބި ސިޔާސީ ބޭފުޅުން މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަށް ސަރުކާރުން ތަބާވާނެ ކަމަށް އަދިވެސް އުންމީދުކުރާ ކަމަށް. އަދި ކުއްލި ހާލަތުގެ އަމުރު ވީހާވެސް އަވަހަކަށް އުވާލާނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެފައިވޭ.

އިންޑިއާގެ ބަޔާން: ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ނިންމި ނިންމުމަކަށް ފަހު ދިވެހިރާއްޖޭގައި ކުއްލި ހާލަތުގެ އަމުރު އިއުލާންކުރުމުންނާއި ރައްޔިތުންގެ ގާނޫނީ ހައްގުތައް ހިފަހައްޓާފައި ވާތީ ކަންބޮޑުވަމެވެ. އަދި ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށްފައި ވާތީ އެކަމާ ވެސް ކަންބޮޑުވެ އެވެ. އިންޑިއާ ސަރުކާރުން މި އަންނަނީ ރާއްޖޭގެ ހާލަތު ގާތުން ބަލަމުންނެވެ.

ގާސިމް އިބްރާހިމްގެ ވިލާ އިން ހިންގާ ޕެރަޑައިސް އައިލެންޑް ރިސޯޓަށް ފުލުހުން އަރައިފި. އެ ރިސޯޓުން ވާހަކަ ދެއްކި މީހަކު ބުނީ 10 ވަރަކަށް ފުލުހުން އަރައި އެކި ތަންތަން ފާސްކުރަމުންދާ ކަމަށް.

ވިލާ ބިލްޑިންގަށް ފުލުހުން ވަދެ ފާސްކުރަމުން ދާއިރު އެތަނުގެ މުވައްޒަފަކު ހައްޔަރުކޮށްފި. އޭނާ ހައްޔަރުކުރީ ފުލުހުންނާ ދިމާލަށް އެއްޗެކޭ ބުނެގެން ކަމަށް ވަނީ އެނގިފައި.

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް، ޕީއެސްއެމަށް ދެއްވި އިންޓަވިއު: މި ނުރައްކާތެރި ހުތޫރަތްތެރި ދަނޑިވަޅުގައި ރައްކާތެރިކަމަށްޓަކައި އަޅަން ޖެހޭ އެންމެ މުހިންމު ފިޔަވަޅުތައް އެވަނީ އަޅުއްވާފައި. [އެހެންކަމުން] ބަޔަކު ގެންނަން އުޅުނު ބަގާވާތުގެ ހުރިހާ ކަމެއް މިވަނީ ފޭލްކުރެވިފައި...ރައީސް ޔާމީންގެ ޒައާމަތުގައި ރާއްޖެއަށް އެކި ކަހަލަ ބަގާވާތް ކުރަން މަސައްކަތްކުރެވިއްޖެ. އޭގެ ތެރެއިން މިފަހަރު ވެރިކަން ބަދަލުކުރަން އުޅުނު ހަރަކާތް ފޭލްކޮށްލުމުގައި ސަލާމަތީ ހިދުމަތްތަކުން [ވަރަށް މުހިންމު ރޯލެއް އަދާކުރި].

ކުރީގެ ރައީސް މައުމޫންގެ ވާހަކަ ކޮބާ؟: ކުއްލި ނުރައްކަލުގެ ހާލަތުގައި ރާއްޖޭގެ ވަރަށް މަތީ ތިން ބޭފުޅަކު ހައްޔަރުކުރި އިރު، އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމާ ބެހޭ އެއްވެސް ވާހަކައެއް، ރައީސް ޔާމީންގެ ވާހަކަފުޅުގައި ހިމަނާފައެއް ނުވޭ. ރައީސްގެ އެއްބަފާ ބޭބޭފުޅު ހައްޔަރުކުރީ ގިނަ ތުހުމަތުތަކެއްގައި. އޭގެ ތެރޭގައި ޓެރަރިޒަމާއި ސަރުކާރު ވައްޓާލަން އުޅުމާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުމުގެ ކުށް ހިމެނޭ. ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ހައްޔަރުކޮށްގެން ގެންދިޔަ ތަނުގެ އެއްވެސް މަންޒަރެއް އާންމު ނުވިޔަސް މައުމޫންގެ ގެކޮޅުގައި އެމަނިކުފާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަނުގެ ވީޑިއޯ ވެސް ވަނީ މީޑިއާއާ ހިއްސާކޮށްފައި. މައުމޫން ހުންނެވީ ހިނިތުންވެވަޑައިގެން، ހަމަޖެހިވަޑައިގެންފައި. އުމުރުފުޅުން 81 އަހަރުފުޅުގައި، ކޮއްކޯފުޅުގެ ވެރިކަމުގައި، ދޫނިދޫ ޖަލަށް ގެންދިޔަ ނަމަވެސް މައުމޫންގެ އަޒުމަށް ބަދަލު އައި ތަނެއް ނުފެނޭ. އެންމެ ފަހުން ވެސް އެމަނިކުފާނު ވިދާޅުވީ އިސްލާހީ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށް. މިއީ ސިޔާސީ ކަމެއްގައި މައުމޫން ހައްޔަރުކޮށް ޖަލަށް ލި ތިން ވަނަ ފަހަރު. ޒުވާން އިރު ޖަލުގައި ހައްޔަރުކުރީ، ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި 1973 އަދި 1974 ގައި.

ސޯޝަލް މީޑިއާ އިން: ރައީސް ޔާމީން މިހާރު އެވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެއްވި ސަބަބުތައް ހާމަކޮށްދެއްވާފައި. ރައީސް ޔާމީންގެ އަރިސް ބޭފުޅުން ތައުރީފްގެ ބަސްތައް އޮއްސަވަމުން ގެންދަވާ އިރު، އިދިކޮޅު ބޭފުޅުންގެ ބަހަކީ އެމަނިކުފާނު ވަނީ ގާނޫނުއަސާސީއާ ހިލާފުވެވަޑައިގެންފައޭ. ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދުގެ ޓްވީޓްގައި ވިދާޅުވީ "ތިޔަ މޮޔަ، ބޭކާރު ވާހަކަތައް ހުއްޓާލައްވާށޭ" އެވެ. "ގާނޫނުއަސާސީގައި މަނިކުފާނަކީ އެއް ބާރެވެ. އަދި އެ ގާނޫނުއަސާސީ ބަލަހައްޓަން ޖެހޭ ފަރާތެއް ނޫނެވެ." ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲގެ ތައުރީފްގެ ވިސްނުމުގައި ގައުމަށް ބޭނުންވަނީ "ރައީސް ޔާމީން ފަދަ ގައުމަށް ވަފާތެރި، ރައްޔިތުންނަށް އޯގާތެރި ވެރިއެކެ"ވެ. މި ވަގުތު ހަނދާންކޮށްލަން ޖެހޭނެ އެއް ތަންކޮޅަކީ ރައީސް ޔާމީންގެ ވާހަކަ ފުޅުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު، ފްލެޓެއް ބައްލަވައިގެންނެވި މައްސަލަ ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި ނެންގެވި އިރު، އަބްދުއްރަހީމް އިއްޔެ ވަނީ މާލެ އިން އެންމެ މަތީ ފެންވަރުގެ ދެ ފްލެޓް ބައްލަވައިގެންނެވި ކަމަށް އެއްބަސްވެވަޑައިގެންފައި ކަމެވެ. ދެ ފްލެޓްގެ އަގަކީ 9 މިލިއަން ރުފިޔާ އެވެ!

ރައީސް: މިގޮތަށް ދޫކޮށްލާކަށް އަޅުގަނޑު ބޭނުމެއް ނޫން. އެހެންވެ ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރު ވެސް އަދި އަލީ ހަމީދު ވެސް ނެގީ.

ރައީސް: ފުލުހުން މިހާރު ވެސް ބައެއް ކަންތައްތައް ހޯއްދަވައިފި. އިރުކޮޅަކުން އެކަން އެނގޭނެ.

ރައީސް: ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ ފަނޑިޔާރު ޖަވާބުދާރީ ކުރެވޭނެ ގޮތެއް ނެތިގެން. މިއީ ކިހާ ވަރެއްގެ ބަޣާވާތެއްކަން ކިހާ ހިސާބަކުން އައި ބަޣާވާތެއްކަން އަޅުގަނޑު ދެނެގަންނަން ބޭނުންވެގެންް.

ރައީސް: ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ މި މައްސަލަތަކަށް ހައްލެއް ގެންނަން އެކަނި. މިއަކު ނޯންނާނެ ކާފިއުއެއް. އާންމު ދިރިއުޅުމަށް މިިއިން އެއްވެސް އަސަރެއް ނުކުރާނެ.

ރައީސް: ބަންޑާރަ ނައިބު ވަކިކޮށްފިއްޔާ ގާނޫނުއަސާސީގައި ބުނާ ލަފާ އަޅުގަނޑަށް ދޭނީ ކާކުތޯ؟

ރައީސް: އުއްތަމަ ފަނޑިޔާރަށް އަޅުގަނޑު ދެންވިން އިއްޔެ ބައްދަލުކުރަން ވެސް ދެންނެވިން. އެކަމަކު ބައްދަލެއް ނުކުރެއްވި.

ރައީސް: ހަތަރު އެންގުމެއް، ހަތަރު އަމުރެއް އަޅުގަނޑު ސުޕްރީމް ކޯޓަށް ކުރިން.

ރައީސް: ދިވެހިރާއްޖެ ސަލާމަތް ކުރުމުގެ ޒިންމާ އުފުލަންޖެހޭ މީހަކީ ރައީސުލްޖުމްހޫރިއްޔާ.
ރައީސް: ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކުރައްވާ ކަންތައްތައް ވެސް ބެލެން ވާނެ. ބެލެން ޖެހޭނެ.
ރައީސް: ކޮން ނުފޫޒެއްގެ ދަށުންތޯ އަލީ ހަމީދާއި އަބްދުﷲ ސައީދުގެ ވިސްނުން މި ބަދަލުވީ އަޅުގަނޑުމެން ބަލަން ބޭނުންވީ
ރައީސް: އަޅުގަނޑު ވަކިކުރި ޕޮލިސް ކޮމިޝަނަރު (އަރީފް) އަނބުރާ އެ މަގާމަށް ގެންނަން ވެސް ސުޕްރީމް ކޯޓުން ރިވިއު ކުރި. އަދި ފަހުން އެ މަގާމަށް ހަމަޖެއްސި ސައުދީ ވެސް އަލުން މަގާމަށް ގެންނަން ވާހަކަ ދެއްކި.
ރައީސް: ހަސަން ސައީދުގެ މައްސަލަ ހުއްޓާލަން އެންގުމުން އަޅުގަނޑު ހަމަ ވަރަށް ހައިރާންވި.
ރައީސް: ގާނޫނުގައި މިއޮންނަނީ ފަނޑިޔާރަކު ހާޒިރު ކުރެވޭނީ ސުޕްރީމޯ ކޯޓުން އަމުރެއް ދޭން. އެކަމަކު ހަސަން ސައީދުގެ މައްސަލަ ސުޕްރީމް ކޯޓުން ބާތިލް ކުރުމުން އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްސަލައިގައި ސުޕްރީމް ކޯޓުގެ އަމުރެއް ހުއްދައެއް ލިބޭނެ ކަމަކަށް ނުބެލެވޭ
ރައީސް: އެއްވެސް މީހެއް ނުބެލި އޮވެގެން ނުވާނެ. ހަސަން ސައީދު މި މައްސަލައިން ބަރީއަ ވަންޏާ އިސްތިއުނާފު މަރުހަލާއިން ކުރިއަށް ދާންްވީ.
ރައީސް: އޭނާ ހައްޔަރުގައި ބަހައްޓައިގެން ހާޒިރު ކުރެވޭނެ ގޮތެއް ނުވި. އަނެއްކޮޅުން ފެނިގެން ދިޔައީ ކްރިމިނަލް ކޯޓުން އަމުރުތަކެއް ބާތިލް ކުރަމުން ދިޔަ ތަން.
ރައީސް: އަޅުގަނޑުމެން ބަލަން ބޭނުންވީ ފަނޑިޔާރުގެ މައްސަލަތަކެއް ނޫން. އަޅުގަނޑުމެން ބަލަން ބޭނުންވީ ހަސަން ސައީދުގެ މައްސަލަ. އެކަމަކު ހަސަން ސައީދު ފިލީ.
ރައީސް: އެ ހިސާބުން އަޅުގަނޑުމެން ވިސްނީ ސުޕްރީމް ކޯޓަށް މި އުޅެނީ ކޮން ނުފޫޒެއް އައިސްގެންތޯ. އަޅުގަނޑުމެން ބެލިއިރު ޖޭއެސްސީގެ އިސްބޭފުޅާ ހަސަން ސައީދު ހުޅުމާލެއިން ފްލެޓް ގަންނަން ފޮނުއްވާފައި އޮތް އެޕްލިކޭޝަނެއް. ދެން ފެނިގެން ދިޔައީ ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މަސްލަހަތު ހުރި ފްލެޓްތަކެއްގެ އެޕްލިކޭޝަންތަކެއް.
ރައީސް: އަމުރު ތަންފީޒު ނުކޮށްފިއްޔާ ކޮންޓެމްޕްޓް އޮފް ކޯޓު އަތުވެދާނެ ކަމުގެ ބިރު އޮތް.
ރައީސް: ދައުލަތުގެ ބަންޑާރަ ނައިބު ވަކިކުރަން ވެސް ސުޕްރީމް ކޯޓުން ވާހަކަ ދެއްކި
ރައީސް؛ ޖޭއެސްސީ ބޭއްވޭނެ ގޮތެއް ނެތް. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޖަވާބުދާރީ ކުރެވޭނެ ގޮތެއް ނެތް. އެކަމަކު ސުޕްރީމް ކޯޓަށް މައްސަލަތައް ބަލައިގަންނަމުން ދިޔަ. އޭގެ ތެރޭގައި ހުކުރު ދުވަހު ބަލައިގަތް އެއް މައްސަލަ އަކީ ރައީސް އަޒުލް ކުރުމުގެ މައްސަލަ. އެކަމަކު އެއީ ސުޕްރީމް ކޯޓުގެ ބޭރުގައި އޮތް މައްސަލައެއް. އެ ހިސާބުން އަޅުގަނޑުމެން ވަރަށް ސީރިއަސް.
ރައީސް: ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރަން ބާރު އަޅަމުން ދިޔަ. ފުލުހުން ތިބީ މި އަމުރު ތަންފީޒު ކުރަން ތައްޔާރަށް.
ރައީސް: ބަންޑާރަ ނައިބާއި ޕީޖީގެ ލަފާ އަޅުގަނޑު ހޯދިން. އެ ބޭފުޅުންގެ މަސްއޫލިއްޔަތު އުފުއްލަވާކަށް މި އަމުރުން ފަސޭހައެއް ނޫން.
ރައީސް: ސުޕްރީމް ކޯޓުގެ އަމުރަކަށް ތަބާވާއިރު، އެއީ ގާނޫނުއަސާސީ އާ އެއްގޮތަށް ކުރިއަށްދާ ކަންތައްތަކެއްތޯ ސަރުކާރުން ބަލަން ޖެހޭ. ސަބަބަކީ ކުށްވެރިންތަކެއް ދޫކޮށްލާއިރު އެންމެންނަށް އިންސާފު ލިބޭތޯ ބަލަން ޖެހޭ.
ރައީސް: ދައުލަތަށް ލިބުނު ފުރުސަތަށް ބަލާއިރު ބަންޑާރަ ނައިބަކަށް، ޕްރޮސެކިއުޓާ ޖެނެރަލަކަށް އަދި ޖޭއެސްސީ އަށް ވެސް ސުވާލެއް ކުރުމުގެ ފުރުސަތެއް ނުލިބުނު
ރައީސް ޔާމީން: މި ލިބުނު ކޯޓު އަމުރުގައި ވަރަށް ވަރުގަދަ ކަންތައްތަކެއް އޮތީ ނިންމާފައި. އެކަމަކު އެއީ ކީއްވެގެންތޯ ސުވާލެއް ކޮށްލުމުގެ ޖާގައެއް ވެސް ނުދޭ.
ރައީސް ޔާމީން: ދޫކޮށްލަން އޮތް 9 މީހުން ޓައިޓްލް ކޮށްފައި އޮތީ ސިޔާސީ ކުށްވެރިންގެ ގޮތުގައި.
ރައީސް ޔާމީން: ގަބޫލު ކުރަން ދަތިވާ ވަރުގެ ބަޔަކު ދޫކޮށްލަން އެ އަމުރުގައި އޮތް. އެއީ އެންމެ ހައިރާން ކުރުވަނިވި ކަންތައް.
ރައީސް ޔާމީން ގައުމާ މުހާތަބު ކުރައްވަނީ: ފެބްރުއަރީ 1 ވަނަ ދުވަހުގެ ރެއަކީ އެހާ ފަސޭހަ ރެއަކަށް ނުވ. އަޅުގަނޑުމެން ހައިރާން ކުރުވަނިވި އަމުރެއް ސުޕްރީމް ކޯޓުން ނެރުއްވި. އެ އަމުރު ދިރާސާކޮށްލި އިރު ދައުލަތް ހިންގުމަށް ދަތިތައް ހުރި.
ކުއްލި ނުރައްކަލުގެ ހާލަތު ގާނޫނު އަސާސީއާ ޚިލާފު ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުން މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި.
ފުލުހުންގެ ވެހިކަލަށް އަރުވައިގެން ނާޒިމް ގެންގޮސްފި.
11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ނާޒިމް ގޭބަންދުގައި ހުންނަވާތާ ދުވަސްކޮޅެއް ވެއްޖެ.
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ގޭބަންދުގައި ހުންނެވި މ. ސީނުކަރަންކާގެ ކައިރީގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވާން ފަށައިފި.
ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު އިނގިރޭސި ބަހުން ކުރެއްވި ޓްވީޓް: ސުޕްރީމް ކޯޓަށް ބިރު ދެއްކުމާއި ގާނޫނާ ހިލާފަށް އުއްތަމަފަނޑިޔާރާއި ފަނޑިޔާރު އަލީ [ހަމީދު]، އަދި ކުރީގެ ރައީސް މައުމޫން ހައްޔަރުކުރުމުން، ސަރުކާރު އެވަނީ ގާނޫނީ ހުރިހާ އިމަކުން ބޭރުވެފައި. މިއީ ރާއްޖޭގެ މޮޑަން ތާރީހުގެ އެންމެ ކަޅު އެއް ވަގުތުކޮޅު. މިއީ އާންމުން ފަނޑިޔާރުން ހިމާޔަތްކުރަން ޖެހޭ ވަގުތު އަދި ހުދުމުހުތާރު ވެރިޔާއާ ދެކޮޅަށް ބައިނަލްއަގުވާމީ މުޖުތަމައު އިން ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ވަގުތު.
ރައީސް އަބްދުﷲ ޔާމީން މިއަދު 1:30 ގައި ގައުމާ މުހާތަބު ކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އިބްރާހިމް މުއިއްޒު ވިދާޅުވެއްޖެ
ޑީޖީއޭ: ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ލަފައާއި އިރުޝާދުގެ ދަށުން ސުޕްރީމް ކޯޓުގެ މަސައްކަތް ކުރިއަށްދޭ.
ރައީސް މައުމޫނާ މިއަދު ހެނދުނު ޖަލުން ބައްދަލު ކުރެއްވި ގާނޫނީ ވަކީލު މައުމޫން ހަމީދު ދެންމެ "މިހާރު" އަށް ވިދާޅުވީ ރައީސް މައުމޫން ހުންނެވީ ހެޔޮހާލުފުޅުގައި ކަމަށް. އަދި ޖަލަކީ އެމަނިކުފާނަށް އާ ތަނެއް ނޫން ކަމަށް ވިދާޅުވި ކަމަށާއި އެމަނިކުފާނު ހުންނެވީ ހިތްވަރާއި ސާބިތު ކަމާ އެކު ކަމަށް ވިދާޅުވި. ވަކީލް ވިދާޅުވީ ޓެރަރިޒަމުން ފެށިގެން ގިނަ ކުށްތަކެއްގެ ތުހުމަތު ރައީސް މައުމޫންގެ މައްޗަށް ކުރާ ކަމަށް. އެހެން ނަމަވެސް މިހާތަނަށް އައިއިރު ތަހުގީގުގެ އެއްވެސް ސުވާލެއް މައުމޫނަށް ކުރައްވާފައި ނުވާ ކަމަށް ވަކީލް ވިދާޅުވި. ރައީސް މައުމޫން ތަކުރާރުކޮށްް އަދިވެސް ވިދާޅުވަނީ ހައްޔަރު ކުރަން ޖެހޭ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ވަކީލް ވިދާޅުވި. ވަކީލް ވިދާޅުވީ މައުމޫން ހައްޔަރުކޮށްފައި ހުރީ ދޫނިދޫގައި ކަމަށާއި ބަހައްޓާފައި ހުރީ ގޮޅިއެއްގައި ނޫން ކަމަށް.
ގާނޫނުއަސާސީގެ 48 ވަނަ މާއްދާއިން ހަނިކޮށް/ހިފެހެއްޓި ބައިތައް:
(ހ) މީހަކު ހައްޔަރުކުރެވުނު ސަބަބު ވަގުތުން އެ މީހަކަށް އަންގާންވާނެ އެވެ. އަދި ގިނަވެގެން 24 ގަޑިއިރު ތެރޭގައި ހައްޔަރުކުރެވުނު ސަބަބު ލިޔުމުން އެ މީހަކަށް ދޭންވާނެ އެވެ.
(ނ) ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މަޢުލޫމާތެއް ނުދީ ހަނުހުރުމަކީ އެ މީހަކަށް ލިބިގެންވާ ހައްގެއްކަން އެ މީހަކަށް އަންގައި، އެ ޙައްޤު ލިބިގަތުމުގެ ފުރުޞަ ތު އެ މީހަކަށް ދޭންވާނެ އެވެ.
(ރ) ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައި ވަނީ ޤާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށް، އެ މީހަކު ހައްޔަރުކުރެވުނުތާ ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި،
ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރާން ވާނެއެވެ. އަދި ޝަރުޠަކާ އެކު ނުވަތަ ޝަރުޠަކާ ނުލައި އެ މީހަކު ދޫކޮށްލުމަށް، ނުވަތަ ބަންދުގައި ބެހެއްޓުމަށް އަމުރެއް ނެރުމުގެ ބާރު އެ
ފަނޑިޔާރަކަށް ލިބިގެންވެ އެވެ.
މި މާއްދާގައި ހިމެނޭ (ށ)، ގަރާރުގެ އިސްލާހުގައި ހިމަނާފައެއް ނުވޭ. ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު ދީފައިވާ މި އަކުރަކީ ކުއްލި ނުރައްކަލުގެ ހާލަތުގައި އުނިނުކުރެވޭނެ ހައްގެއް ކަމަށް ގާނޫނުއަސާސީގައި ބުނެފައިވޭ. އެކަމަަކު ރައީސްގެ ގަރާރުގައި، ކުއްލި ނުރައްކަލުގެ ހާލަތުގައި ހަނިނުކުރެވޭނެ އެހެން އެތައް ކަމެއް ވަނީ ހިމަނާފައި. އޭގެ ތެރޭގައި ޝަރުއީ ނިޒާމާއި ރައްޔިތުންގެ މަޖިލިހުގެ ބައެއް ބާރުތައް އުނިކުރުން ވެސް ހިމެނޭ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު އިސްލާހުކޮށް، ހިފެހެއްޓޭ ނުވަތަ ހަނިކުރެވޭ މާއްދާތަކަށް ގާނޫނު އަސާސީގެ 48 ވަނަ މާއްދާގެ ހ، ނ އަދި ރ އިތުރުކޮށްފި. އެއީ ހައްޔަރުކުރެވޭ މީހުންނާއި ބަންދުކުރެވޭ މީހުންގެ ހައްގުތައް ހިމެނޭ މާއްދާ. މި އިސްލާހު ގެޒެޓްކޮށްފައި ވަނީ މިއަދު.
އިނގިރޭސި ވިލާތުން މިހާރު ވަނީ އެ ގައުމުގެ ރައްޔިތުން ރާއްޖެ ދާއިރު މި ދުވަސްވަރު ސަމާލުވާން އެދިފައި. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވާތީ، މީހުން އެއްވެ އުޅޭ އެއްވެސް ތަނަކަށް ނުދިއުމަށް، މާލޭގައި ތިބި އިނގިރޭސި ރައްޔިތުންނަށް އިިނގިރޭސި ފޮރިން މިނިސްޓްރީން ވަނީ އަންގާފައި. އެކަމަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ރިސޯޓްތަކާއި އެހެން ރަށްރަށަށް މިހާރުގެ ހާލަތުގެ އެއްވެސް އަސަރެއްކޮށްފައިވާ ކަމުގެ ރިޕޯޓް ލިބިފައި ނެތް ކަމަށް ވެސް ބުނެފައިވޭ.
މާޒީގެ ތެރެއަށް: މީގެ ހަ އަހަރު ކުރިން ފެބްރުއަރީ 6، 2012 އަށް ޖެހިލާ އިރު ފެންނަނީ އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ އަމުރަށް، އޭރުގެ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމުން އޭނާ ދޫކޮށްލަން ގޮވާލާ އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާތައް. ރައީސް ނަޝީދު، ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާނެއް ނުކުރައްވާ. ކޮންމެ ރެއަކު އިދިކޮޅު ފަރާތްތަކާއި އެމްޑީޕީގެ ސަޕޯޓަރުން އާޓިފިޝަލް ބީޗާއި އެމްއެމްއޭ ސަރަހައްދުގައި މުޒާހަރާކުރި. އިދިކޮޅު ލީޑަަރުންގެ ތެރޭގައި މިހާރުގެ ރައީސް އަަބްދުﷲ ޔާމީން ހިމެނިވަޑައިގަންނަވާ އަދި އިސް ގާޒީ ހައްޔަރުކުރުމަކީ ގާނޫނުއަސާސީ އާއި ރާއްޖޭގެ ގާނޫނުތަކާ ހިލާފަށް ނަޝީދު ކުރެއްވި ކަމެއް ކަމަށް ބުނެ، މިހާރު ވެސް ޕީޕީއެމްގެ މަޖިލިހުގެ ބައެއް މެމްބަރުން އަޑުއުފުއްލެވި. ފެބްރުއަރީ 6 ވަނަ ދުވަހުގެ ރޭ އުފެދުނު ހަމަނުޖެހުން ފެބްރުއަރީ 7 އަށް ދެމިގެންގޮސް، ރައީސް ނަޝީދު އިސްތިއުފާ ދެއްވި. މިއަދު، ފެބްރުއަރީ 6، 2018 އައި އިރު ރައީސް ޔާމީން މި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވާފައި އަދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ބޮޑުބޭބޭފުޅު ކުރީގެ ރައީސް މައުމޫން ވެސް ހައްޔަރުކޮށްފައި.
ޖަލުތަކުގައި ހައްޔަރުކޮށްފައި ތިބި މީހުންގެ ތެރެއިން މިއަދު ކޯޓަށް ހާޒިރުކުރަންޖެހޭ އެއްވެސް މީހަކު ކޯޓަށް ހާޒިރުކޮށްދެވެން ނެތް ކަމަށް ކަރެކްޝަނަލް ސާވިސް އިން ކޯޓުތަކަށް ވަނީ އަންގާފައި. ސަބަބެއް ކަމަށް ބުނެފައި ވަނީ ކުއްލި ހާލަތާ ގުޅިގެން "ހުރިހާ ޖަލުތަކެއް އެލާޓްކޮށްފައި ވާތީ"
މިހާރު ގައުމު މި އޮތް ހާލަތުގައި އުފެދޭ ސުވާލުތަކެއް: ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ބާރެއް ނަމަވެސް އެ ހާލަތުގައި ރައްޔިތުންގެ މަޖިލިހަށް ކުރެވިދާނެ ކަންކަން ގާނޫނުއަސާސީގެ 257 ވަނަ މާއްދާގައި ބުނެފައިވޭ. އޭގެ ތެރޭގައި 1- ގަރާރުގެ ވަކި ބައެއް ނުވަތަ މުޅި ގަރާރު ފާސްކުރުން. 2- މުއްދަތު އިތުރުކުރެވޭ ކޮންމެ ފަހަރަކު 30 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ގަރާރުގެ މުއްދަތު އިތުރުކުރުން. 3- ގަރާރު ބާތިލްކުރުން. އެކަމަކު ރައްޔިތުންގެ މަޖިލިސް މި އަހަރަށް އަދި ހުޅުވާފައި ނުވުމާއި ހުޅުވުން ލަސްކޮށްފައި ވާތީ، އެކަން ކުރާނީ ކިހިނެއްތޯ މި ވަނީ ސުވާލު އުފެދިފައި. ކުއްލި ނުރައްކަލުގެ ހާލަތު 15 ދުވަހަށް ނެރެފައި އެވަނީ، އެއީ މަޖިލިހުގެ ދައުރެއް ހިނގަމުން ނުދާ ވަގުތެއް ނަމަ، ގަރާރު ހުށަހަޅަން ރައީސުލްޖުމްހޫރިއްޔާ އަށް ލިބޭ އެންމެ ދިގު މުއްދަތަކީ 14 ދުވަސް ކަމަށް ވާތީ. ގާނޫނުއަސާސީ ބުނާ ގޮތުން އާ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނާ އެކު. އެހެންކަމުން ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ހުށަހެޅުމާއި ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ދައުރުގެ އެންމެ ފަހު ރިޔާސީ ބަޔާން އިއްވެވުމާ މިހާރު މި އޮތީ އެއްވަގުތަކާ ދިމާވެފައި. ރައްޔިތުންގެ މަޖިލިހުގައި އަގުލަބިއްޔަތު މި ވަގުތު އޮތީ އިދިކޮޅު ފަރާތްތަކުގެ އަތްމަތީގައި. އެކަމަކު ބޭނުން އިރަކު ބޭނުން ބަޔަކު ހައްޔަރުކުރަމުން ދާތީ ރައްޔިތުންގެ މަޖިލިހުގައި އެ ފުރުސަތު އިދިކޮޅު ފަރާތްތަކަށް ލިބޭނެތޯ ވެސް އެއީ ބޮޑު ސުވާލެއް.
ހުލާސާ: ކުރީގެ ރައީސް މައުމޫން އަބްދުލްގަޔޫމް ހައްޔަރުކުރުމަކީ ވެސް އޭގެ ޒާތުގައި ބޮޑު ކަމެއް. މީގެ ކުރިން ރާއްޖޭގެ ވެރިކަން ކުރެއްވި ރައީސުންގެ ތެރެއިން ހަައްޔަރުކޮށްފައި ވަނީ ރައީސް މުހައްމަދު އަމީނާއި ރައީސް މުހައްމަދު ނަޝީދު. މައުމޫން ވަނީ ވެރިކަމަށް ވަޑައިގަތުމުގެ ކުރިން، ރައީސް އިބްރާހިމް ނާސިރުގެ ސިޔާސަތަށް ފާޑުވިދާޅުވެގެން ދެ ފަހަރެއްގެ މަތިން (1973، 1974) ގައި ހައްޔަރުކޮށްފައި. އޭގެ ތެރެއިން 1974 ގައި މާލޭ ޖަލުގައި 50 ދުވަސް ހޭދަކުރެއްވި. ރޭ އުމުރުފުޅުން 81 އަހަރުފުޅުގައި ހައްޔަރުކުރުމުގެ ކުރިން އެމަނިކުފާނު ވިދާޅުވީ އިސްލާހީ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށް. އެންމެ ފަހު ވަގުތު ވެސް ފެނުނީ ހިނިތުންވުމާއި، ހަމަޖެހިވަޑައިގެން ހުންނެވި މަންޒަރު.
ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކުރި ފާރިސް މައުމޫން ދޫކޮށްލައިފި ކަމަށް އޭނާގެ ވަކީލް ހުސައިން ޝަމީމް ވިދާޅުވެއްޖެ.
ހުލާސާ: ރާއްޖޭގެ ތާރީޚުގައި މިއީ ބޮޑު ދުވަހެއް. ތިން ބާރުގެ ތެރެއިން ޝަރުއީ ނިޒާމުގެ އެންމެ މަތީ ފަރާތް ކަމަށްވާ އުއްތަމަފަނޑިޔާރު ހަައްޔަރުކުރުމަކީ މީގެ ކުރިން ހިނގާފައިވާ ކަމެއް ނޫން. އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަަބްދުލްގައްޔޫމް ވެސް ވަނީ ހައްޔަރުކޮށްފައި. ކުއްލި ނުރަައްކަލުގެ ހާލަތު ރޭ އިއުލާންކުރީންސުރެ އިދިކޮޅު ފަރާތްތަކުން ގެންދަނީ އޭގައި ހުރި ގާނޫނީ ބޮޑެތި މައްސަލަތަކެއް ނަގަމުން. އޭގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ނުހިފެހެއްޓޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާ އެތައް ހައްގެއް އުނިކުރުން ހިމެނޭ. އަދި މިނިވަން އަނެއް ދެ ބާރު ކަމަށްވާ ރައްޔިތުންގެ މަޖިލިހާއި ޝަރުއީ ނިޒާމުގެ ބައެއް ބާރުތައް ހިފެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ދީފައިވާ ބާރެއް ނޫން ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައި.
ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، ސުޕްރީމް ކޯޓުގެ އަމުރުތަކަށް ތަބާވުމަށް އެމެރިކާއިން ރާއްޖެއަށް މިރޭ ގޮވާލައިފި. އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ނެރުނު ބަޔާނެއްގައި ވަނީ ކުއްލި ހާލަތު ރާއްޖޭގައި އިއުލާން ކުރުމަކީ އެމެރިކާއިން ވަރަށް ކަންބޮޑުވެ، ހައިރާންވާ ކަމެއް ކަމަށާއި އޭގެ ސަބަބުން ގިނަ ހައްގުތަކެއް ހިފެހެއްޓިގެންދާ ކަމަށް. އަދި ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރަން ސަރުކާރުން ދެކޮޅު ހަދާފައިވާ ކަން އެ ބަޔާނުގައި ފާހަގަކޮށްފައިވޭ. އެ ބަޔާނުގައި، ރައީސް ޔާމީނަށާއި ސަލާމަތީ ބާރުތަކަށް ގޮވާލާފައި ވަނީ ސުޕްރީމް ކޯޓުގެ އަމުރުތަކަށް ތަބާވުމަށާއި ކުއްލި ނުރައްކަލުގެ ހާލަތާ އެކު ހިފަހައްޓާފައިވާ ހައްގުތައް އަނބުރާ ދިނުމަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ފުރުސަތު ތަނަވަސްކޮށް ދިނުމަށް. އެމެރިކާގެ ރިިޔާސީ ގަނޑުވަރު ކަމަށްވާ ވައިޓްހައުސްގެ ގައުމީ ސަލާމަތާ ބެހޭ ކައުންސިލުން ވެސް މިރޭ ވަނީ ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރިއަށް ގެންދިއުމަށް ގޮވާލައި، އަދި ރާއްޖޭގެ ކަންކަން ބަލަމުންދާ ކަމަށް ބުނެފައި.
ކުއްލި ހާލަތު އިއުލާން ކުރުމާއެކު، ސިފައިންނާއި ފުލުހުން ސުޕްރީމް ކޯޓަށް ވަދެ، އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ހައްޔަރުކުރީ ގާތްގަނޑަކަށް ހަތް ގަޑިއިރު ފަހުން. އެ ހުރިހާ އިރަކު އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ތިއްބެވީ ސުޕްރީމް ކޯޓުގެ އެތެރޭގައި ކަމަށް އެނގިފައިވޭ. މި ދެ ބޭފުޅުންގެ އިތުރުން ކުރީގެ ރައީސް މައުމޫނާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދާއި މައުމޫންގެ ދަރިކަނބަލުން ޔުމްނާގެ ފިރިކަލުން ނަދީމް ވެސް ވަނީ ހައްޔަރު ކޮށްފައި. މައުމޫނާއި ނަދީމް ހައްޔަރުކުރީ ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތާއި ރިޝްވަތުގެ ތުހުމަތުގައި. މި ހަތަރު ބޭފުޅުން ވެސް ގެންދިޔައީ ދޫނިދު އަށް.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހައްޔަރުކުރި ސަބަބެއް އަދިއެއް ނޭނގޭ. ނަމަވެސް ފުލުހުން ބުނެފައި ވަނީ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން މާލެއިން ފްލެޓެއް ގަންނަން ހިންގެވި މުއާމަލާތުތަކުގެ ތެރެއިން، އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ ދެ ބޭފުޅަކު ހިންގެވި މުއާމަލާތްތަކުގައި ރިޝްވަތުގެ ތުހުމަތު ކުރާއިރު، އޭގެ ކިތާބީ ހެކި ހިމެނޭ މައްސަލައެއް ހުށަހަޅާފައިވާ ކަމަށް. އަދި އެކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވޭ. ނަމަވެސް އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދާއި ހަސަންގެ އާއިލާގެ ފަރާތްޕުޅުން ވާހަކަ ދެއްކެވި ބޭފުޅަކު ވަނީ އެކަން ދޮގު ކުރައްވާފައި.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވެސް ހައްޔަރުކޮށްފި. ފުލުހުން ކުރި ޓުވީޓެއްގައި ބުނީ އުއްތަމަ ފަނޑިޔާރު ވެސް ހައްޔަރުކުރީ ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް.
ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފި ކަމަށް ފުލުހުން ދެންމެ ބުނެފި. ފުލުހުން ކުރި ޓުވީޓެއްގައި ބުނީ ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން އަލީ ހަމީދު ހައްޔަރު ކޮށްފައިވާ ކަމަށް.
މިރޭ ހައްޔަރުކުރި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ދިރިއުޅުއްވާ ގެއަށް ފުލުހުން ވަދެއްޖެ. އެނގިފައިވާ ގޮތުގައި ހެންވޭރު އޮފްރޯޑް ކައިރީގައި ހުންނަ މި ގެއަށް ވަދެފައި ވަނީ ތަހުގީގުކުރާ ފުލުހުން. ހަސަން މިރޭ ހައްޔަރު ކުރުމުގެ ކުރިން، އިއްޔެ ވެސް ފުލުހުން ވަނީ އެ ގެއަށް ވަދެ ފާސްކޮށްފައި.
ސުޕްރީމް ކޯޓުގެ ސަރަހައްދު އަދިވެސް ބަންދުކޮށްފައިވާއިރު، ސިފައިންނާއި ފުލުހުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން. އެކަމަކު އުއްތަމަ ފަނޑިޔާރު އަދި އެ ކޯޓުގެ އެހެން ފަނޑިޔާރުން އެތެރޭގައި ތިއްބެވި ކަމެއް ނޭނގޭ.
އިނގިރޭސި ހާރިޖީ ވަޒީރު ބޮރިސް ޖޯންސަން: ކުއްލި ނުރައްކަލުގެ ހާލަތު ސުލްހަވެރިކަމާ އެކު ނިންމާލައި، ގާނޫނުއަސާސީގެ ހުރިހާ މާއްދާއަކަށް އަލުން އަމަލްކުރަން ފެށުމަށާއި ސުޕްރީމް ކޯޓުގެ އަމުރަށް ފުރިހަމައަށް އަމަލްކުރުމަށާއި އެއްވެސް ހުރަހެއް ނެތި މިނިވަންކަމާ އެކު ރައްޔިތުންގެ މަޖިލިސް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދިނުމަށް ރައީސް ޔާމީނަށާއި ދިވެހި ސަރުކާރަށް އަޅުގަނޑު ގޮވާލަން.
ސުޕްރީމް ކޯޯޓުގެ ފަސް ފަނޑިޔާރުން ކޯޓުގައި ތިއްބެވި އިރު ފުލުހުންނާއި ސިފައިން އަދިވެސް ގެންދަނީ ސުޕްރީމް ކޯޓުގައި ހަރަކާތްތެރިވަމުން. އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރި ކަމަށް އަޑު ފެތުރުނަސް އެކަން ކަށަވަރެއް ނުވޭ. އަދި ފުލުހުންނާއި ސިފައިން ރާއްޖޭގެ އެންމެ މަތީ ކޯޓު ތެރޭގައި ކުރަމުން ދަނީ ކޮން ކަމެއް ކަމެއް ވެސް ހާމައެއް ނުކުރޭ.
އިދިކޮޅު ފަރާތްތަކުގެ ޕްރެސް ކޮންފަރެންސްގައި މުހައްމަދު އަމީތު: ގާނޫނީ އެއްވެސް އިމަކަށް ލެވެން ނެތް ގޮތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ. މި ގޮތަށް ހުދުމުހުތާރުކަމުގައި ރައީސް ޔާމީނަށް ވެރިކަމަކު ނުހުންނެވޭނެ.
މަހުލޫފު: ގައިރު ގާނޫނީ އަމުރުތަކަށް ނޫނެކޭ ބުނުމުގެ ހިތްވަރު ސިފައިންނާއި ފުލުހުންގެ ހުންނަން ޖެހޭނެ.
އިދިކޮޅު ފަރާތްތަކުގެ ޕްރެސް ކޮންފަރެންސްގައި އަހުމަދު މަހުލޫފް: މިހާރު ސަރުކާރުން ހިންގާ ކަންކަމުގައި ބއިވެރިވާ ފަރާތްތަކުން ކޮންމެވެސް ދުވަހަކުން އޭގެ އަަގު އަދާންކުރަން ޖެހޭނެ. އަޅުގަނޑުމެންގެ އެއް ލީޑަރު މައުމޫން ހައްޔަރުކޮށް، ފަނޑިޔާރުން ހައްޔަަރުކޮށް ހިންގީމާ އަޅުގަނޑުމެންގެ މަސައްކަތް ހުއްޓުވޭނެ ކަމަށް. އެއީ ވަރަށް ބޮޑު ކުށް ހީއެއް.
މައުމޫން ހައްޔަރުކޮށްގެން ދޫނިދު އަށް ގެންގޮސްފި. އެމަނިކުފާނާ އެކު ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހަންމަދު ނަދީމް ވެސް ދޫނިދު އަށް ވަނީ ގެންގޮސްފައި.
ޖުޑީޝަލް ސާވިސް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދަކީ ޖުޑިޝަރީގެ އިދާރީ ކަންތައްތަކާ ބެހޭ އެންމެ އިސްވެރިޔާ. އޭނާ ހައްޔަރު ކުރީ އޭނާ ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރު އިއްޔެ ބާތިލް ކޮށްފައިވަނިކޮށް. ހަސަން ސައީދުގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ ފްލެޓެއް ގަތުމުގައި ހިންގާފައިވާ ކޮރަޕްޝަން.
ޖުޑީޝަލް ސާވިސް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހައްޔަރުކޮށްފި
ފުލުހުންގެ ބެލުމުގެ ދަށަށް މައުމޫން ގެންދިޔައިރު ބައެއް ފުލުހުން ވަނީ އެމަނިކުފާނަށް ސެލިއުޓް ކޮށްފައި. އެމަނިކުފާނު ގެންދިޔައިރު އާއިލާގެ ބޭފުޅުން ވެސް ތިއްބެވި. އެ ބޭފުޅުންނާ މައުމޫން ސަލާމް ކުރައްވައި، ބައްދަވާ ހެއްދެވި. މައުމޫން ފެނުނީ ހިނިތުންވުމާ އެކު.
ފުލުހުންގެ ޓްވީޓް: ފުލުހުން ތަހުގީގުކުރަމުން ގެންދާ މައްސަލައަކާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ މިރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި
ރައީސް މައުމޫންގެ ގާނޫނީ ވަކީލުން ވިދާޅުވެފައިވާ ގޮތުގައި މައުމޫން ހައްޔަރުކުރީ ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތާއި ރިޝްވަތުގެ ތުހުމަތުގައި. އަދި އެމަނިކުފާނު ގެންދަން ހަމަޖެހިފައި ވަނީ ދޫނިދޫ އަށް ކަމަށްވޭ.
ރައީސް މައުމޫން ގެކޮޅުން ނެރެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ކްރިމިނަލް ކޯޓަށް ވެސް ފުލުހުން ވަދެ، ބައެއް ފަނޑިޔާރުންނާއި ބައެއް މުވައްޒަފުން އިރުގަނޑެއް ވަންދެން ހިފެހެއްޓިކަން ވަނީ އެނގިފައި. އެކަމަކު މިހާރު ފުލުހުން ވަނީ އެތަނުން ގޮސްފައި.
އިދިކޮޅު ޕީޖީ ބައްދަލުވުން/ އިބްރާހިމް މުހަންމަދު ސޯލިހު: އަޅުގަނޑުމެން މަސައްކަތް ނިންމާލާނީ މި އަނިޔާވެރި ވެރިކަން ނިންމާލައިފައި. މި ހާލަތުގައި އަޅުގަނޑުމެން މަސައްކަތް ކުރާނެ ގޮތްތަކަކާ ބެހޭ ގޮތުން އަޅުގަނޑުމެން ދެންމެ ވާނީ މަޝްވަރާ ކޮށްފައި
އިދިކޮޅު ޕީޖީ ބައްދަލުވުން/ މުހަންމަދު ވަހީދު (ވައްޑެ): މި ގަރާރާ މެދު މިއޮތީ ސުވާލު އުފެދިފައި. މި ސައްހަ ކަމަށް ގޮތެއް ނިންމަން އޮތީ ސުޕްރީމް ކޯޓު. ކޮބައިތޯ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު. އެތަން މަސައްކަތް ނުކުރެވޭ ވަރަށް ފެންވަރަށް ގެންގޮސްްފައި އޮތީ.
އިދިކޮޅު ޕީޖީ ބައްދަލުވުން/ އަނާރާ ނައީމް: މަޖިލީހުގެ ދައުރު އަދާކުރުމަށް މަޖިލީހަށް ވަދެވޭނެ ގޮތް ހަދައިދިނުމަށް އަޅުގަނޑު ގޮވާލަން.
އިދިކޮޅު ޕީޖީ ބައްދަލުވުން/ އަނާރާ ނައީމް: ރައްޔިތުންގެ މަޖިލީހަށާއި ޝަރުއީ ދާއިރާ އަށް ލިބިފައިވާ ވަރަށް ގިނަ ބާރުތަކެއް ވެސް ހަނި ކުރެވިފައިވާ ގަރާރެއް މިއީ.
އިދިކޮޅު ކޯލިޝަންގެ މަޖިލިހުގެ މެމްބަރުން މ. ކުނޫޒުގައި ނޫސްވެރިންގެ ބައްދަލުވުމެއް ކުރިއަށް ދާއިރު އެތަނުގެ ދޮރުމަތީގައި އެސްއޯ ފުލުހުން ތިބީ ތައްޔާރީ ހާލަތުގައި. ހަނދާންކޮށްލަން ޖެހޭ ކަމަކީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނީ ކޯޓު އަމުރެއް ނެތި މީހުން ހައްޔަރުކުރެވޭ ގޮތަށް ކަން. އެހެންކަމުން މެމްބަރުން ވެސް ހައްޔަރުކުރެވިދާނެ..
އިދިކޮޅު ޕީޖީ ބައްދަލުވުން/ އަބްދުﷲ ރިޔާޒް: ފާރިސް ހައްޔަރު ކުރަން ނެރުނު އަމުރު ކްރިމިނަލް ކޯޓުން ބާތިލް ކޮށްފައިވާތީ އެ އަމުރު ތަންފީޒު ކުރުމަށް ފުލުހުންނަށް ގޮވާލަން.
އިދިކޮޅު ޕީޖީ ބައްދަލުވުން/ އަބްދﷲ ރިޔާޒް: މިފަދަ ހާލަތެއްގައި އަބަދު ވެސް އެންފޯސް ކުރާނީ ފުލުހުންނާއި ސިފައިން. އަޅުގަނޑު ދަންނަވަން އޮތީ ސިފައިންނާއި ފުލުހުން ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރައްވާށޭ.
އިދިކޮޅު ޕީޖީ ބައްދަލުވުން/ އަބްދﷲ ރިޔާޒް: ކުއްލި ނުރައްކަލުގެ ހާލަތަށް ހިލާފެއް އުފެދިއްޖިއްޔާ ދާން އޮތީ ސުޕްރީމް ކޯޓު. އެކަމަކު އެ ބާރު ވެސް ހަނިކޮށްފައި މިއޮތީ.
އިދިކޮޅު ޕީޖީ ބައްދަލުވުން/ އަބްދުﷲ ރިޔާޒް: އަޅުގަނޑު ދެކޭ ގޮތުގައި މި ހާލަތަކީ ރައްޔިތުންގެ ރައްކަލާއި ސަލާމަތަށް ނެރޭ ހާލަތެއް. އެކަމަކު މިހާރު މިއޮތީ އެހެނެއް ނޫން.
އިދިކޮޅު ޕީޖީ ބައްދަލުވުން/ އިބްރާހިމް މުހަންމަދު ސޯލިހު: މިހިސާބަށް އައިއިރު ދައުލަތުގެ ދެ ބާރު ވަނީ ޕެރެލައިޒް ކޮށްްފައި. މިހާރު މި ފެނިގެން ދަނީ ހުދުމުހުތާރު ވެރިއެއްގެ އަނިޔާވެރިކަން. އަޅުގަނޑުމެން ގެއަށް ވަންނާނީ މިކަން ނިންމާފައި.
އިދިކޮޅު ޕީޖީ ބައްދަލުވުން/ އިބްރާހިމް މުހަންމަދު ސޯލިހު: ރައީސް މައުމޫން ހައްޔަރުކުރުން އަޅުގަނޑުމެން ކުށްވެރިކުރަން.
އިދިކޮޅު ޕީޖީ ބައްދަލުވުން/ އިބްރާހިމް މުހަންމަދު ސޯލިހު: ގާނޫނުއަސާސީ ފުރިހަމަ އަށް ހިންގޭނެ ހުރިހާ މާއްދާއެއް ވަނީ ހިފަހައްޓާފައި. އެކަމަކު މި ގަރާރު މިހެން އޮތް ކަމުގައި ވީ ނަމަވެސް އަޅުގަނޑުމެންގެ ހިތްވަރަކަށް ބަދަލެއް ނާންނާނެ. އަޅުގަނޑުމެން ކުރިއަށް ދާނީ ގާނޫނު އަސާސީގެ ތެރެއިން.
އިދިކޮޅު ޕީޖީ ބައްދަލުވުން/ އިބްރާހިމް މުހަންމަދު ސޯލިހު: ސުޕްރީމް ކޯޓަކީ އެންމެ ފަހު ބަސް ބުނާ ފަރާތް. އެ މާއްދާ ވަނީ ހިފަހައްޓާފައި.
އިދިކޮޅު ޕީޖީ ބައްދަލުވުން/ އިބްރާހިމް މުހަންމަދު ސޯލިހު: ރައްޔިތުންގެ މަޖިލީހުގެ ވަރަށް ގިނަ ބާރުތައް ވަނީ ހިފަހައްޓާފައި. އޭގެ ތެރޭގައި މީހުން ހާޒިރުކުރުން ހިމެނޭ. އެއީ ހިފެހެއްޓޭނެ ބާރެއް ކަމަކަށް ނުދެކެން. ރައްޔިތުންގެ މަޖިލީހުގެ އެންމެ މުހިންމު ބާރުތައް މި ވަނީ ހިފަހައްޓާފައި.
އިދިކޮޅު ޕީޖީ ބައްދަލުވުން/ އިބްރާހިމް މުހަންމަދު ސޯލިހު: ގަރާރުގައި ވަރަށް ގިނަ ހައްގުތަކެއް ވަނީ ހިފަހައްޓާފައި. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަައި ވަނީ އެކަހަލަ އެއްވެސް ހާލަތެއް މެދުވެރި ނުވެ. ހަމައެކަނި އޮތް ހާލަތަކީ ސުޕްރީމޯ ކޯޓުގެ އަމުރަކަށް އަމަލު ކުރަން ޖެހުން.
އިދިކޮޅު ޕީޖީ ބައްދަލުވުން/ އިބްރާހިމް މުހަންމަދު ސޯލިހު: ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ ގަރާރަކީ ގާނޫނީ އިމުގެ ތެރޭގައި އިއުލާންކޮށްފައިވާ ގަރާރެއް ކަމަކަށް ނުބެލެވޭ
އިދިކޮޅު ޕީޖީ ގުރޫޕުގެ ކުއްލި ބައްދަލުވުމެއް ކުނޫޒްގައި ދެންމެ ބާއްވައިފި. ބައްދަލުވުމާ ބެހޭ ގޮތުން އިރުކޮޅެއްގެ ތެރޭގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ
މައުމޫންގެ ވަކީލް ހުސެއިން ޝަމީމް: މައުމޫން ހައްޔަރު ކުރަނީ ވެރިކަން ވައްޓާލަން އުޅުމާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުމުގެ ތުހުމަތުގައި.
މައުމޫންގެ ވަކީލް ހުސެއިން ޝަމީމް: މައުމޫން ގެންދަން ހަމަޖެހިފައި ވަނީ ދޫނިދޫއަށް ކަމަށް ފުލުހުން ވަނީ ބުނެފައި.
ރައީސް މައުމޫން ފުލުހުން ހައްޔަރުކޮށްފި ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވިދާޅުވެއްޖެ. އެހެން ނަމަވެސް މައުމޫން އަދިވެސް އެމަނިކުފާނުގެ ގެކޮޅަކުން ނުގެންދޭ.
މައުމޫންގެ ވީޑިއޯ: ޕޮލިސް ބަލާ އައީމަ އަޅުގަނޑު މި ދަނީ. ކޮން ތުހުމަތެއްގައި ކަމެއް ނޭނގެ. އަޅުގަނޑު ހައްޔަރު ކުރާ ކަހަލަ އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ. އެކަމކުގެ ޔަގީންކަން އަރުވަން. އަޅުގަނޑު މިހުރީ ހިތްވަރާއި ސާބިތު ކަމާ އެކު.
މައުމޫނާއި ނަދީމް މިހާރު ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގައި އަދި އެ ދެބޭފުޅުންގެ ފޯނު ވެސް ވަނީ ހިފަހައްޓާފައި. ފުލުހުން މިހާރު ގެންދަނީ މައުމޫންގެ ކޮޓަރިކޮޅު ފާސްކުރަމުން.
ސުޕްރީމް ކޯޓު ކައިރިން އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ކުރިމަތީގައި ހުންނަ ކެފޭ އަލްފްރެސްކޯއަށް ފުލުހުން ވަދެ، އެތަނުން މީހުން ނެރެން ފަށައިފި. އެތަނުގައި ތިބެގެން ނޫސްވެރިން ގެންދިޔައީ ސުޕްރީމް ކޯޓުގެ މަންޒަރުތައް މަތިން ނަގަމުން. އެކަމަކު އެންމެން ނެރުމުން މި ވަގުތު ސުޕްރީމް ކޯޓުގެ އެއްވެސް މަންޒަރެއް ނެގޭ ވަރަށް ވުރެ ދުރަށް މީހުން ވަނީ ފޮނުވާލާފައި.
ކުރީގެ ރައީސް އަދި ބައްޕާފުޅު މައުމޫން އަބްދުލްގައްޔޫމާއި ފިރިކަލުން މުހަންމަދު ނަދީމް ހައްޔަރު ކުރަން ފުލުހުން އެބަ މަސައްކަތް ކުރާ ކަމަށް ޔުމްނާ ވިދާޅުވެއްޖެ
އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ފަރާތު ބޮޑުދައިތާފުޅު ޒުބޭދާ ހުސެއިން، 86، މިރޭ އަވަހާރަވެއްޖެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދިރިއުޅުއްވާ މ. އެންދެރިމާގޭގެ ދޮރު ވައްޓާލުމަށް ފަހު އެ ގޭތެރެއަށް ފުލުހުން ދެންމެ ވަދެއްޖެ. ފުލުހުން އެގެއަށް ވަނީ އެ ގޭ ކައިރީގައި ވަރަށް ގިނަ ވަގުތު ތިބުމަށް ފަހު. އެނގިފައިވާ ގޮތުގައި އާދައިގެ ހެދުމުގައި ތިބި ބައެއް ފުލުހުން ވެސް އޭގެތެރޭގައި ހިމެނޭ. މައުމޫން ހައްޔަރު ކޮށްފާނެ ކަމުގެ ވާހަކަތަކެއް ފެތުރިފައިވާއިރު، އެމަނިކުފާނު ދާދިދެންމެއަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ގިނަ އަދަދެއްގެ ފުލުހުން އެބަތިބި ކަމަށާއި އެއީ ހައްޔަރު ކުރަން ކަމެއް ނުވަތަ ހިމާޔަތް ކުރަން ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް.
ކުރީގެ ރައީސް މައުމޫންގެ ހަޔާތްޕުޅުން: މީގެ ކުރިން ދެ ފަހަރެއްގެ މަތިން، ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި މައުމޫން ވަނީ ހައްޔަރުކޮށްފައި. އެގޮތުން ނާސިރުގެ ސިޔާސަތަށް ފާޑުވިދާޅުވެގެން 1973 ގައި ހައްޔަރުކޮށް، ހަތަރު އަހަރަށް އަރުވާލަން ހުކުމްކުރި. އެކަމަކު ހދ. މަކުނުދޫގައި ފަސް މަސް ދުވަސް ހޭދަކުރެއްވި ތަނުން، ނާސިރުގެ ދެ ވަނަ ދައުރު ފެއްޓެވުމުގެ މުނާސަބަތުގައި ދެއްވި އަފޫއާންމެއްގައި މިނިވަންވެވަޑައިގެންނެވި. ދެ ވަނަ ފަހަރަށް މައުމޫން ހައްޔަރުކުރީ 1974 ގައި. އެ ފަހަރު މާލޭ ޖަލުގައި 50 ދުވަހު އޮންނެވި.
ކުރީގެ ރައީސް މައުމޫން: ގިނަ އަދަދެއްގެ ފުލުހުން އަޅުގަނޑުގެ ގޭ ސަރަހައްދުގައި އެބަތިބި. އަޅުގަނޑު ހިމާޔަތް ކުރަން ކަމެއް ނުވަތަ ހައްޔަރު ކުރަން ކަމެއް ނޭނގެ.
ރާއްޖެ ޓީވީގެ ތިން ޓްވީޓާ އެކައުންޓެއް ހެކްކޮށްފި. އެއީ ރާއްޖެ ޓީވީ ލޯކަލް އިންގްލިޝް އަދި ސްޕޯޓްސް. އަދި އެ ތިން އެކައުންޓުން ކުރަމުން އަންނަ ޓްވީޓްތަކަކީ ރާއްޖެ ޓީވީގެ ޓްވީޓްތަކެއް ނޫން ކަމަށް ވެސް އެ ޓީވީ ސްޓޭޝަނުން ބުނޭ
މައުމޫން ދިރިއުޅުއްވާ އެންދެރިމާގޭގެ ދޮރުގައި ފުލުހުން ޓަކި ޖަހަމުން ދިޔަ ނަމަވެސް އެ ދޮރެއް އަދިވެސް ނުހުޅުވާ. އެ ގޭގެ ބޭރުގައި އަދިވެސް ގިނަ އަދަދެއްގެ ފުލުހުން އެބަ ހަރަކާތްތެރިވޭ.
އެސްއޯ ފުލުހުން މައުމޫންގެ ގެކޮޅު، އެންދެރިމާގެއަށް ވަންނަން މަސައްކަތް ކުރަނީ.
ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމާއި ގާނޫނީ ވެރިކަން ދަމަހައްޓަން ޖެހޭނެ ކަމަށާއި ދުނިޔެ އޮތީ ބަލަހައްޓައިގެން ކަމަށް ބުނެ، ވައިޓް ހައުސްގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން އިންޒާރު ދީފި. އަދި ބުނެފައި ވަނީ އެމެރިކާ އޮތީ ދިވެހިންނާ އެކު ކަމަށް.
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން: ސަލާމަތީ ބާރުތަކުން ސުޕްރީމް ކޯޓުތެރެއަށް ގަދަކަމުން ވަދެގެންފި.
ގާނޫނީ ވަކީލު ހުސްނުއްސުއޫދުގެ ސަސްޕެންޝަން ދެންމެ އުވާލައިފި
ކުއްލި ނުރައްކަލުގެ ހާލަތު އުވާލަދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅަން އިދިކޮޅު ފަރާތްތަކުން ހިނގައްޖެ
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދިރިއުޅުއްވާ މ. އެންދެރިމާގެ އަށް ވިއްސަކަށް އެސްއޯ ފުލުހުން ހިނގައްޖެ.
ގަޑި ބުރު ކައިރިން ފެށިގެން އޯކިޑް މަގަށް ނުވަދެވޭ ގޮތަށް ފުލުހުން މަގު ބަންދުކޮށްލައިފި
ލޮރީއަކުން ދިޔަ ގިނަ އަދަދެއްގެ ސިފައިން ސުޕްރީމް ކޯޓުގެ ތެރެއަށް ދެންމެ ވަދެއްޖެ
އެސްޓީއޯ ސުޕަމާޓް ކައިރިއަށް މީހުން އެއްވެއްޖެ.
ރައީސް ޔާމީން ހިލާލީގެއިން ދެންމެ ވަޑައިގެންފި. ވަޑައިގެންނެވި ތަނެއް ސާފެއް ނޫން.
ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ލޮރީއެއްގައި އައިސް ސުޕްރީމް ކޯޓު ކުރިމައްޗަށް ފައިބައިފި. އަދި އެ ސަރަހައްދުގައި ތިބި ހުރިހާ ނޫސްވެރިންނާއި ކެމެރާމަނުން ޖަސްޓިސް ބިލްޑިންގާ ހަމައަށް ދުރަށް ޖައްސައިފި.
ޕީޕީއެމްގެ ޕްރެސް ކޮންފަރެންސް ނިންމާލައިފި.
އަބްދުއްރަހީމް: އަބްދުﷲ ސައީދު ބުންޏަސް އަލީ ހަމީދު ބުންޏަސް އެއްވެސް ތަނަކަށް ނުދާތި. އެއްވެސް ގޯހެއް ނުހައްދަވާތި. ވަރަށް ރީއްޗަށް، ބަސްއަހައިގެން ތިއްބަވާ. ސަލާމަތީ ހިދުމަތްތަކަކީ ދުނިޔޭގައި ނެތްވަރުގެ ސާބިތު ހިދުމަތެކޭ. އެއީ ކޮންމެ ކަމެއް ވިޔަސް ދިވެހި ރައްޔިތުންގެ ހައްގުގައި ސަލާމަތީ ޚިދުމަތްތަކުން އެ ދައްކަވާ ސާބިތުކަމަށްޓަކައި ޕީޕީއެމް ކޯލިޝަންގެ ނަމުގައި ޝުކުރު ދަންނަވަން.
ހައުސިން މިނިސްޓްރު ޑރ. މުއިއްޒު: ރައީސް ކަންކަން އެ ކުރައްވަނީ ވަރަށް ކެތްތެރިކަމާއެކު. މިއީ ގައުމީ މަސްލަހަތަށްޓަކައި ކުރައްވާ ކަމެއް. މަޖިލީހުގެ ކޯލިޝަން މެމްބަރުން ތިއްބެވީ ރައީސް ޔާމީނާއެކު ވަރަށް ސާބިތުކަމާއެކު. ސަރުކާރުން މިހާރު ވަކިވަނީ މާ ކުރިއްސުރެ އިދިކޮޅު މީހުންނާ ގުޅިގެން އުޅުނު ބައެއް. އެއީ ރައީސް ޔާމީނަށް އިޚުލާސްތެރި ބައެއް ނޫން.
އަބްދުއްރަހީމް: ރައީސް ޔާމީން ގުޅުއްވީމާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ފޯން ނުނަންގަވާ. އެކަމަކު އިނގިރޭސި ސަފީރު ގުޅުއްވީމާ ފޯނު އެބަ ނަންގަވާ. ހުރިހާ ބޭފުޅުންނަށް ދަންނަވަން ސާބިތުކަމާއެކު ތިއްބަވާށޭ. ގައުމަށް ކުރިއެރުން ލިބޭނީ އޭރުން.
ހެލްތު މިނިސްޓަރު ނާޒިމް: ރައީސްގެ މި ނިންމެވުމަށް މުޅި ގައުމު ސެލިއުޓް ކުރާނެ. މި ގައުމުގެ ދުސްތޫރީ އޮނިގަނޑު ފުނޑާލުމުގެ މަސައްކަތް ކުރަމުން ދިޔަ ތަން މި ފެންނަނީ. މި ގައުމަށްޓަކައި އަޅުއްވަން ޖެހިވަޑައިގެންނެވި ކޮންމެ ފިޔަވަޅެއް ވެސް ރައީސް ޔާމީން ފަހު ވިންދާ ހަމައަށް ވެސް ކުރައްވާނެ ކަން މިއިން މި އެނގެނީ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލް: ރައީސް ޔާމީން މިހާ ހިސާބަށް ވެސް ގެންދެވީ ވަރަށް ކެތްތެރިކަމާއެކު، ގާނޫނީ އެކަށީގެންވާ ހައްލެއް ހޯއްދެވުމަށް މަސައްކަތް ކުރައްވަމުން. ރައްޔިތުންނަށް ސަލާމަތްތެރިކަން ހޯދައި ދިނުމަށް ރައީސް ގެންދަވަނީ ކޮންމެ ފިޔަވަޅެއް ވެސް އަޅުއްވަމުން. ބޭރުގެ ނުފޫޒުތަކުން ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމަކީ ވަރަށް ބޮޑު ނުރައްކަލެއް. ރާއްޖޭގެ ހަމަނުޖެހުން ނަގާލަން މަސައްކަތް ކުރަނީ ކޮރަޕްޓް ބޭފުޅުންގެ ކަންތައްތަކެއް ފަޅާއެރުމުން ނަފުސު ދިފާއު ކުރުމުގެ ކަންތައްތަކެއް. އަޅުގަނޑު މި ދަނަނީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ ވާހަކަ. މިކަންކަން ބެލުމަށް އަޅުގަނޑު ގޮވާލަން.
ސުޕްރީމް ކޯޓު ކައިރީގައި ތިބި މީޑީއާގެ މީހުން އެ ސަރަހައްދުން ދުރައް ޖައްސައިފި. އަދި ނޫސްވެރިން ގެންގުޅޭ ފޮޓޯ ކެމެރާތައް ނިވާލުމަށް ވެސް ފުލުހުން އެންގި.
ކުއްލި ހާލަތުގައި ރައީސާއި ވަޒީރުން ރައްޔިތުންގެ މަޖިލީހުން ވަކިކުރުމުގެ ބާރު ވަނީ ހިފަހައްޓާފައި. އަދި ރައްޔިތުންގެ މަޖިލީހަށް މީހުން ހާޒިރު ކުރުމުގެ ބާރު ވެސް ވަނީ ހިފަހައްޓާފައި.
ސުޕްރީމް ކޯޓުގެ ބޭރުގައި ފުލުހުން މިހާރު އަންނަނީ ހަރަކާތްތެރިވަމުން. އަދި ސުޕްރީމް ކޯޓުގެ އެތެރޭގެ ގޯތިތެރޭގައި ވެސް ވަރަށް އަދަދެެއްގެ ސިފައިން އެބަތިބި. ސުޕްރީމް ކޯޓުގެ ސަރަހައްދު މިހާރު ވަނީ ބަންދުކޮށްފައި.
ޕީޕީއެމްގެ ޕްރެސް ކޮންފަރެންސް/ އަހުމަދު ނިހާން: ސުޕްރީމް ކޯޓުގައި އިސްކޮށް ތިއްބެވި ދެ ފަނޑިޔާރުން ގުޅިގެން ހިންްގަވާ ޖަރީމާއެއް މިއީ
ޕީޕީއެމްގެ ޕްރެސް ކޮންފަރެންސް/ އަބްދުއްރަހީމް: މި ސަރުކާރުން ކޮރަޕްޝަން ހުއްޓުވި ވަރަށް އެއްވެސް ބަޔަކު މަސައްކަތް ކޮށްފައެއް ނެތް.
ޕީޕީއެމްގެ ޕްރެސް ކޮންފަރެންސް/ އަބްދުއްރަހީމް: ކޮރަޕްޝަން ހުއްޓުވަން ރައީސް ޔާމީން ކުރައްވާ މަސައްކަތަށް އުއްތަމަ ފަނޑިޔާރު އެއްބާރުލުމެއް ނުދެއްވާ
ޕީޕީއެމްގެ ޕްރެސް ކޮންފަރެންސް/ އަބްދުއްރަހީމް: ރައީސް މައުމޫން ވަނީ ކޮރަޕްޝަން ހިންގަވާފައި. ކޮރަޕްޝަނަށް ހިތްވަރު ދެއްވާފައި. (އޭގެ ބައެއް މިސާލުތައް އަބްދުއްރަހީމް ވިދާޅުވި)
ޕީޕީއެމްގެ ޕްރެސް ކޮންފަރެންސް/ އަބްދުއްރަހީމް: ރައީސް އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތަށް ޕީޕީއެމްގެ ކޯލިޝަންގެ ފަރާތުން ތާއީދު ކުރަން.
ސުޕްރީމް ކޯޓު ހިމެނޭ ސަރަހައްދު އާންމުންނަށް ބަންދުކޮށްފައިވާ އިރު، ސުޕްރީމް ކޯޓު ކައިރީގައި ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން މިހާރު ދަނީ ހަރަކާތްތެރިވަމުން. އަދި ގްރީން ޒޯން ސަރަހައްދު ވެސް މިހާރު އޮތީ އާންމުންނަށް ބަންދުކޮށްފައި.
ރައީސްގެ ގަރާރުގައި ގާނޫނުއަސާސީގެ 45 ވަނަ މާއްދާ ސަސްޕެންޑްކުރުމުން އޭގެ މާނައަކީ ކޯޓު އަމުރެއް ނެތި ބޭނުން އިރަކު ކޮންމެ މީހަކު ވެސް ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބުން. އެ މާއްދާގައި ބުނެފައިވަނީ "ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާ ގާނޫނަކާ އެއްގޮތްވާ ގޮތުގެ މަތިން މެނުވީ، އެއްވެސް މީހެއްގެ ގަޔަށް އަތްލައި، ހިފައި، ހައްޔަރުކޮށް، އަދި ބަންދުކޮށްގެން ނުވާނެ އެވެ."
ސަސްޕެންޑްކުރި ގާނޫނުތަކުގެ ތެރޭގައި ހިމެނޭ ފަނޑިޔާރުންގެ ގާނޫނުގެ 14 ވަނަ މާއްދާގަައި ބުނަނީ ފަނޑިޔާރަކާ މެދު ފިޔަވަޅެއް އަޅާ ނަމަ އެކަން ލިއުމުން އޭނާއަށް އަންގަން ޖެހޭނެ ކަމަށް.
ރައީސުލްޖުމްހޫރިއްޔާ ކުއްލި ހާލަތު އިއުލާންކުރެއްވިޔަސް ގާނޫނުއަސާސީގެ 258 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި "ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރާ ގަރާރުގެ ނުވަތަ އެ ގަރާރުން ބައެއްގެ ސައްހަކަމާ މެދު ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ހަދާ ގާނޫނަކާ މެދު، ނުވަތަ ނެރޭ އަމުރަކާ މެދު ސުވާލު އުފެދިއްޖެ ހާލަތެއްގައި އެކަމާ މެދު ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން"ނެވެ. ސަސްޕެންޑްކުރި މާއްދާތަކުގެ ތެރޭގައި އެ މާއްދާ ނުހިމެނޭ.
ސުޕްރީމް ކޯޓަށް ގާނޫނުއަސާސީން ލިބިދީފައިވާ ބައެއް ބާރުތައް ވެސް ވަނީ ހިފަހައްޓާފައި. އެގޮތުން 145 ވަނަ މާއްދާގެ (ނ) ގައި ބުނަނީ "ގާނޫނުއަސާސީ އާއި ގާނޫނު މާނަކުރުމުގައި އަދި ޝަރީއަތުން ބަލާ އެނޫން ވެސް ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުމެވެ."
ކުއްލި ހާލަތުގެ އަމުރުގައި ސަސްޕެންޑް ކުރި ގާނޫނުއަސާސީގެ މާއްދާތަކުގެ ތެރޭގައި ހިމެނޭ 32 ވަނަ މާއްދާގައި ރައްޔިތުންނަށް އެއްވެއުޅުމުގެ މިނިވަންކަން ލިބިދީފައިވޭ. އެހެންކަމުން ކުއްލި ހާލަތުގައި އެއްވެސް އުޅުމުގެ މިނިވަންކަން މިހާރު އެވަނީ ހިފަހައްޓާފައި
ކުއްލި ހާލަތުގެ ގަރާރުގައި ސަަސްޕެންޑްކުރި ގާނޫނުތަކުގެ ތެރޭގައި ހިމެނޭ ފަނޑިޔާރުންގެ ގާނޫނުގެ 12 ވަނަ މާއްދާއަކީ ފަނޑިޔާރުން ހައްޔަރުކުރުމުގައި ހާއްސަ އިމްތިޔާޒު ލިބިދޭ މާއްދާ.
ކުއްލި ހާލަތުގައި އަމަލްކުރުން ހުއްޓާލަން ނިންމި ގާނޫނުއަސާސީގެ މާއްދާތައް 24، 29، 31، 32، 43، 44، 45، 46، 47، 49، 50، 56، 58، 65، 99، 100، 101، 113، 145ގެ ނ، އަދި 228 ވަނަ މާއްދާ. ޖިނާއީ އިޖުރާއަތުގެ ގާނޫނު، ފަނޑިޔާރުންގެ ގާނޫނުގެ 12، 14.
ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައިވާ ގޮތުން، ފާރިސް ބަންދުގައި 15 ދުވަހު ބަހައްޓަން އެ ކޯޓުން އަމުރު ކޮށްފައިވަނިކޮށް ސުޕްރީމް ކޯޓުގެ އަމުރުން އޭނާ މިނިވަންކުރަން އަމުރުކޮށްފައިވާތީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލް ކުރަން އެ ކޯޓުގެ ގާޒީންގެ މަޖިލީހުގެ އިއްތިފާގުން މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް އަމުރުކޮށްފި ކަމަށް.
އޭޖީ އަނިލް: މިކަމުގައި ޝާމިލް ނުވާ އެއްވެސް މީހެއްގެ އާންމު ދިރިއުޅުމަށް އުނދަގުލެއް ނުވާނެ. އަދި އެއްވެސް ވިޔަފާރިއަކަށް، ޓޫރިސްޓަކަށް މިއިން ދަތިކަމެއް ކުރިމައްޗެއް ނުވާނެ.
އޭޖީ އަނިލް: މިހާލަތަށް އައިއިރު ވަރަށް ބޮޑު ގޮންޖެހުންތަކެއް ދިމާވެއްޖެ. މި ހާލަތުން ސަލާމަތްވުމަށް ގާނޫނީ އިމުގެ ތެރޭގައި މަސައްކަތްކުރާނަން.
އަހުމަދު ފާރިސް މައުމޫން ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު އެ ކޯޓުން ބާތިލްކޮށްފި
ކުއްލި ނުރައްކަލުގެ ހާލަތުގެ ބަޔާން: ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ 15 ދުވަހަށް.
ކުއްލި ނުރައްކަލުގެ ހާލަތުގެ ބަޔާން އިއުލާންކޮށްދެއްވީ ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ޕްްރެސް ކޮންފަރެންސެއްގައި ރައީސް އޮފީހުގެ ލީގަލް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު. މި ބައްދަލުވުމުގައި އެޓާނީ ޖެނެރަލް ވެސް ބައިވެރިވެޑައިގަންނަވާ
ރައީސް އޮފީހުގެ މިނިސްޓަރު އާޒިމާ ޝުކޫރު އިއްވެވި ރައީސުލްޖުމްހޫރިއްޔާގެ ގަރާރު: ސުޕްރީމް ކޯޓުގެ އަމުރުގެ ސަބަބުން ދައުލަތް ހިންގަން އުނދަގޫވެފައިވޭ.
ކުއްލި ނުރައްކަލުގެ ހާލަތު ރައީސް ދާދި ދެންމެއަކު އިއުލާންކޮށްފި
ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު އިނގިރޭސި ބަހުން ކުރެއްވި ޓްވީޓްގެ ތަރުޖަމާ: ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ނުކުރަން އޭޖީ އާއި ޕީޖީން ދައްކަމުން ދާ އުޒުރުތައް ހުސްވެއްޖެ. މިއީ ތިޔަ ބޭފުޅުން ގާނޫނުއަސާސީ ނަގަހައްޓަން ޖެހޭ ވަގުތު ނުވަތަ އިސްތިއުފާ ދެއްވަން ޖެހޭ ވަގުތު ނޫންތޯ؟ ތިޔަ ބޭފުޅުން ހިފަހައްޓަވަން ޖެހޭނީ ރައްޔިތުންނާއި ގާނޫނުއަސާސީ. ގައުމު ފުނޑުކޮށްލުމަކީ ތިޔަ ބޭފުޅުންނަށް ކުރެއްވޭނެ ކަމެއް ނޫން. ނުރައްކާތެރި ޑިކްޓޭޓަޝިޕެއްގެ މުށުތެރެއިން މި ގައުމު އަޅުގަނޑުމެން ސަލާމަތްކުރާނަން.
ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ދޫކޮށްލާފައި ނުވާތީ، އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒާއި އިތުރު ފުލުހުންތަކެއްގެ މައްޗަށް ފިޔަވަޅު އަޅައިދިނުމަށް އެދި ފާރިސްގެ ވަކީލުން ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފި
ޕީޕީއެމްގެ ޕްރެސްގައި، އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ: ސުޕްރީމް ކޯޓަށް މި ގައުމަށް ބޭނުން ގޮތެއް ނުހެދޭނެ. އެ ފުރުސަތެއް ނުދޭނެ. ސުޕްރީމް ކޯޓުން ހިތުހުރިހާ އަމުރެއް ނެރެނީ އެކި ގައުމުތަކަށް ދަތުރުކޮށް، ރިޝްވަތުގެ ގޮތުގައި ފްލެޓާއި ފައިސާ ނަގައިގެން ކަމަށް ތުހުމަތުކުރެވޭ.
އިނގިރޭސި ވިލާތުން ރާއްޖެ އާއި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑައުރިސް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ގުޅުއްވައި، ހާލަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފި. އުއްތަމަ ފަނޑިޔާރުގެ ސޮއި ފޯޖްކޮށްފައިވާ ކަމަށް ބުނެ ޕީޕީއެމްގެ ސެކްރެޓެރީ ޖެނެރަލް އަބްދުﷲ ޚަލީލް ކުރައްވާފައިވާ ޓްވީޓަކަށް ރައްދު ދެއްވައި ޖޭމްސް ވިދާޅުވެފައި ވަނީ ސޮއި ފޯޖުކޮށްފައިވާ ކަމަށް ބުނާ ވާހަކަ އުއްތަމަ ފަނޑިޔާރު ދޮގުކުރެއްވި ކަމަށް. އަދި ފަނޑިޔާރުންނަށް ވަރަށް ބޮޑެތި ޕްރެޝަރުތައް ކުރިމަތިވާ ކަމަށް ވިދާޅުވި ކަމަށް ވެސް ޖޭމްސްގެ ޓްވީޓްގައިވޭ.
ރައީސް ޔާމީން، އުއްތަމަ ފަނޑިޔާރަށް އަނެއްކާވެސް ސިޓީއެއް ފޮނުއްވައިފި. އޭގައި ވިދާޅުވެފައި ވަނީ އެހެން ކޯޓުގެ ހުރުމަތް ކެނޑުމާ ބެހޭ ގަވައިދުގެ ދަށުން، މުއައްސަސާތައް ހިންގަން ތިބި މީހުންގެ ގާނޫނީ ޒިންމާއަށް ހުރަސްއެޅޭ ގޮތަށް ކަންތައް ނުކުރުމަށް އެދިވަޑައިގެން. އެ ސިޓީގައި ވިދާޅުވެފައި ވަނީ ގާނޫނު އަސާސީގައި ބުނާ ގޮތަށް ދައުލަތް ހިނގަމުންދާކަން ކަށަވަރު ކުރުމަކީ ރައީސުލް ޖުމްހޫރިއްޔާއަށް އެކަނި އޮތް ބާރެއް ކަމަށާއި އެހެންވެ އެކަން ކަށަވަރު ކުރަން ރައީސް ބޭނުންފުޅުވާ ކަމަށް. މި ސިޓީ ފޮނުއްވާފައި ވަނީ ހުކުމް ތަންފިޒުކުރަމުންދާ ބައެއް މީހުން ދޫކޮށްލުމަށް އަމުރުކޮށް ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި، ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް އެ މީހުންގެ ޒިންމާ އަދާކުރުމަށް ދަތިވާ ގޮތަށް އޮތް ކަމަށް ފާހަގަކޮށް.
މައުމޫން ދިރިއުޅުއްވާ ގެޔަށް ފުލުހުން ދިޔައީ ބަލަމުންދާ މައްސަލަޔަކާ ގުޅިގެން މައުމޫނާ ސުވާލު ކުރުމަށް ކަމަށާއި، ބައްދަލުކުރެވެން ނެތް ކަމަށް ވިދާޅުވެ ފުލުހުންގެ މައުލޫމާތު ހޯއްދެވި ކަމަށް ފުލުހުން ބުނެފި.
އެންސީއޭގެ އެގްޒެކެޓިވް ކޯޑިނޭޓަރު ކަމުގައި ހުރި ފިލްމީ ތަރި އަބްދުﷲ މުއާޒް (މުއާ) އެ މަގާމުން އިސްތިއުފާ ދެއްވައިފި. މުއާ ބުނީ އޭނާ މީގެ މަހެއްހާ ދުވަސްކުރިން މަގާމުން އިސްތިއުފާ ދިނުމަށް އެދި ރައީސަށް ސިޓީ ފޮނުވި ކަމަށާއި އެހެން ނަމަވެސް މަޑުކޮށްލަން އަންގައިގެން ޗުއްޓީއެއް ނެގި ކަމަށް. އަދި ރޭ ރައީސް އޮފީހުން އޭނާ މަގާމުން ވަކިކޮށް ފޮނުވި ސިޓީ އަކީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް އެދި ޕީޕީއެމްގެ އެކިއެކި ގުރޫޕްތަކުގައި އޭނާ ގޮވާލާތީ ފޮނުވި ސިޓީއެއް ކަމަށް ވެސް މުއާ ބުނި. މުއާ ބުނީ ރައީސް ޔާމީން އަބަދުވެސް ވިދާޅުވާ ވާހަކައަކީ އެމަނިކުފާނަކީ ކޯޓުތަކުގެ އަމުރަށް ތަބާވާނެ ރައީސެއް ކަމަށާއި އެހެންވެ ސުޕްރީމް ކޯޓުގެ އަމުރަށް ވެސް ތަބާވާން ގޮވާލާ ކަމަށް.
ޝަމީމް: ސުޕްރީމް ކޯޓުގެ ހުކުމާ މެދު އިލްމީ ގޮތެއްގައި ފާޑު ކިޔައި ވާހަކަ ދެއްކިދާނެ. އެކަމު އެ ހުކުމެއް ނުވަތަ އަމުރެއް ވަގުތުން ވަގުތަށް ތަންފީޒު ކުރަންޖެހޭނެ. އެ އަމުރުގައި ބަޔަކު ހިތްހަމަނުޖެހުނު ކަމުގައި ވިޔަސް، އެ އަމުރެއް ތަންފީޒު ނުކޮށް ހުރުމުގެ ހުއްޖަތެއް ނެތް.
ޝަމީމް: އިލްހާމާއި ސިނާން އަކީ ވެސް ފާރިސްގެ މައްޗަށް ތުހުމަތުކުރާ މައްސަލައާ ގުޅިގެން ހައްޔަރު ކުރި ދެ މެމްބަރުން ކަމަށްވެފައި، އެ ދެ މެމްބަރުން ވެސް މިހާރު ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވުމުން، ފާރިސް މިހާރު ހައްޔަރު ކޮށްފައި ބެހެއްޓުމުގެ އެއްވެސް ހުއްޖަތެއް ނެތް.
ފާރިސް ވަގުތުން މިނިވަން ކުރުމަށް އެދި އޭނާގެ ވަކީލުންގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ސިޓީއެއް ފޮނުއްވައިފި ކަމަށް ގާނޫނީ ވަކީލު ހުސައިން ޝަމީމް ދެންމެ ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރުގައިވާ ގޮތަށް ފާރިސް މިނިވަންކޮށްފައި ނުވާތީ، އެކަމުގައި ޝާމިލްވާ ހުރިހާ މީހުންގެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް ވެސް އެ ސިޓީގައި އެދިފައިވާނެ ކަމަށް.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިލްހާމް ވިދާޅުވީ ސަރުކާރުން ބޭނުންވީ، ފުލުހުން މިހާރު ހައްޔަރު ކޮށްފައި ހުންނެވި ދިއްގަރު ދާއިރާގެ އަހްމަދު ފާރިސް މައުމޫން ޖަލަށް ލައި ފްރީޒްކޮށްފައި ހުރި ގޮތަށް އޭނާ ވެސް، ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުގައި ބަހައްޓަން ކަމަށެވެ.
އިއްޔެ ރާއްޖެ ވަޑައިގެންތަނުން ހައްޔަރުކުރި، ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ކޯޓުން ދެންމެ ދޫކޮށްލައިފި
ހެލްތުގެ ސްޓޭޓް މިނިސްޓަރު ހުސައިން ރަޝީދު އިސްތިއުފާ ދެއްވައިފި. ރައީސް އަބްދުﷲ ޔާމީނަށް އޭނާ ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވަނީ އޭނާ އިސްތިއުފާ ދެއްވަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުން ލަސްވެ، އެކަމާ ގުޅޭ ސުވާލުތަކަށް ޖަވާބު ލިބެމުން ނުދާތީ ކަމަށް. ހުސެން އަކީ ސްޓޭޓް މިނިސްޓަރެއްގެ އިތުރުން ޑްރަގް އެޖެންސީގެ ބޯޑު މެންބަރެއްގެ އިތުރުން މަސްތުވާތަކެތި ކޮންޓްރޯލް ކުރުމުގެ ގައުމީ ފަންޑުގެ ގަވަނިން ބޯޑުގެ ވައިސް ޗެއާ. އޭނާ ވަނީ އެ ހުރިހާ މަގާމަކުން އިސްތިއުފާ ދެއްވާފައި.
ސިނާންގެ ވަކީލް މަސްތޫރު ހުސްނީ ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ޕީޖީން ކޯޓުގައި އެދުނު ކަމަށް. އެކަމަކު ސިނާނަކީ މަޖިލީހުގެ މެންބަރަކަށް ވާއިރު އޭނާ ހައްޔަރުކުރުމުގައި އިޖުރާއަތުތައް ފުރިހަމަކޮށްފައި ނުވާކަން ފާހަގަކުރެއްވި ކަމަށް ވަކީލް ވިދާޅުވި. މި މައްސަލަ ބެއްލެވި ގާޒީ އާދަމް އާރިފް ވަނީ ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރާއި ހުށަހަޅާފައިވާ ކަންކަމާ ބެހޭ ގޮތުން ސުވާލުކުރަައްވާފައި ކަމަށް ވެސް ވަކީލް ވިދާޅުވި.
ސިނާން މީޑިއާއާ ވާހަކަ ދައްކަވަމުން ވިދާޅުވީ ކުރަމުން އަންނަ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށާއި ފެންނަމުން މި ދަނީ ކާމިޔާބު ލިބެމުންދާ މަންޒަރު ކަމަށް.
މެންބަރު އިލްހާމް އަހްމަދުގެ ބަންދުގެ މައްސަލަ އަދިވެސް ދަނީ ކުރިއަށް
އިއްޔެ ރާއްޖެ ވަޑައިގެންތަނުން ހައްޔަރުކުރި، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ޝިނާން ކޯޓުން ދޫކޮށްލައިފި
މީހުން ދުރުކުރުމަށް ޕެޕަސްޕްރޭ ޖަހައިފި. މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ބިންމައްޗަށް ވެއްޓި އަނިޔާވެގެން، ނަގައިގަނެގެން ގެންގޮސްފި.
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި އާންމުންގެ ބަޔަކު ސުޕްރީމް ކޯޓު ކައިރިއަށް އެއްވެއްޖެ. އެ މީހުން ދަނީ ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް ގޮވަމުން.
އާޒިމާ ޝަކޫރު: ޝަރުއީ އެކި މަރުހަލާތަކުގައި ހުރި މައްސަލަތަކެއްގައި ހިމެނޭ ވަކި ބަޔަކަށް ވަކި ފުރުސަތުތަކެއް ލިބި، އެ ހާލަތުގައި ތިބި އެހެން މީހުންނަށް [އެ ފުރުސަތު ނުލިބުމަކީ] ގާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބަޔާންކުރާ ހަމަހަމަކަމުގެ ހައްގު އުނިވާ ކަމެއް. ސުޕްރީމް ކޯޓުގެ އަމުރުގައި ބައިންޑް ވާ ކަންކަމަކީ، ގާނޫނީ އެއް ހަމައަކުން، އެއް ތަރާދުން މިނާ ގަނެވޭނެ މައްސަލަތަކެއް ނޫން.
އާޒިމާ ޝަކޫރު: ސުޕްރީމް ކޯޓުގެ އަމުރުގެ ސަބަބުން ގާނޫނު އަސާސީގެ ތަރުތީބު ގެއްލި، ކޯޓުތަކުގެ ބާރުތަކާއި ތަރުތީބު ވެސް ގެއްލި، ގާނޫނުއަސާސީގައި ވަކި ބާރުތަކެއް ދީފައިވާ ޕީޖީ އާއި ޖޭއެސްސީގެ ބާރުތައް ވެސް ގެއްލި، މަސްހުނިވެގެން ދިއުމަކީ ގާނޫނުއަސާސީގައިވާ އިންތަކާ އެއްގޮތަށް ދައުލަތް ނުހިންގޭނެ ކަންކަން.
މީޑިއާ ބްރީފިންއެއްގައި އާޒިމާ ވިދާޅުވި ގޮތުގައި، އަމުރުގެ ސަބަބުން ދައުލަތުގެ ހިންގުން އޮޅުންބޮޅުންވެ މުއްސަސާތަކުގެ ބާރު ކެނޑި ގާނޫނު އަސާސީގެ ބާރު ކެނޑިދާނެ ފަދަ ހާލަތެއް އަތުވެދާނެ ކަމަށް އުއްތަމަ ފަނޑިޔާރަށް ރައީސް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވޭ.
ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ: ދޫކޮށްލަން އަމުރުކޮށްފައިވާ ބައެއް މީހުންގެ މައްސަލަތައް ސުޕްރީމް ކޯޓުން އަންގާފައި ވާއިރު އެ މީހުންގެ ހުކުމްތައް ސުޕްރީމް ކޯޓުން ބާތިލްކޮށްފައެއް ނުވޭ. އަދި އަމުރުގައި ބުނާ ބައެއް މީހުންނަކީ ހަމަ އެ މައްސަލަތަކުގައި އެހެން މީހުން ވެސް ހިމެނޭ މައްސަލަތަކެއް. އެންމެންނަށް މެދު ހަމަހަމަކޮށް އަމަލުކުރަން ޖެހޭނެ ކަމަށް ދެކެން.
ރައީސުލް ޖުމްހޫރިއްޔާގެ ފަރާތުން މިއަދު ތިން މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް ވިދާޅުވެއްޖެ
މި ގައުމުގައ ގާނޫނީ ބާރު، ގާނޫނި ވެރިކަމުގެ ބާރު ނެތިގެން ދާތަން މި ފެންނަނީ. އެކަމުގައި އެންމެ އިސްކޮށް މި ހުންނަވަނީ އެކަން ވިޔަނުދޭން ﷲ ގަންދީ ހުވާކުރައްވައިގެން ހުންނެވި ރައީސުލްޖުމްހޫރިއްޔާ. އެ ހުވާގެ މަތީގައި ހުންނަވައިގެން އެ ވަނީ މުޅި ގައުމަށް ހިޔާނަތް، ރައްޔިތުންނަށް ހިޔާނަތް.
ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު: އިލްހާމާއި ސިނާން ވަނީ ރަހީންކޮށްފައި. އެހެންކަމުން މިއީ ޓެރަރިޒަމްގެ މައްސަލައެއް. މިފަދަ މައްސަލަތަކުގައި ވަކިވަކި މީހުންނާ ދެކޮޅަށް ޖިނާއީ ދައުވާކުރެވޭނެ.
ރައްޔިތުންގެ މަޖިލިހުގެ ދެ މެމްބަރުން ކަމަށްވާ އިލްހާމް އަހުމަދާއި އަބްދުﷲ ސިނާންގެ ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެތައް ބަޔަކު ވަނީ އެ ސަރަހައްދަށް އެއްވެފައި. އޭގެ ތެރޭގައި އިދިކޮޅު އެތައް މެމްބަރުން ވެސް ހިމެނޭ.
އިދިކޮޅު މެމްބަރުންގެ ތެރޭގައި ހިމެނޭ ކޮމަންޑޫ ދާއިރާގެ އަހުމަދު ނާޝިދާއި މަރަދޫ ދާއިރާގެ އިބްރާހިމް ޝަރީފް މިވަގުތު ރަށުގައި ނޫޅުއްވާ ކަމަށް އިދިކޮޅު ކޯލިޝަންގެ އޮފިޝަލަކު ވިދާޅުވި. ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އިދިކޮޅު ކޯލިޝަނަކަށް ލިބިފައި ވަނީ 43 މެމްބަރުންނާ އެކު.
ގަރާރުގައި ސޮއިކުރައްވާފައި ވަނީ 37 މެމްބަރުން. އިދިކޮޅު ކޯލިޝަންގެ ލީޑަރެއް ކަމަށްވާ އަދި މާމިގިލީ ދާއިރާގެ ގާސިމް އިބްރާހިމް ޖަރުމަނުގައި ހުންނެވި އިރު، ދިއްގަރު ދާއިރާގެ ފާރިސް މައުމޫނާއި، މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާން އަދި ދަނގެތީ ދާއިރާގެ އިލްހާމް އަހުމަދު ހުންނެވީ ފުލުހުންގެ ބަންދުގައި. އެހެންކަމުން އެ ބޭފުޅުންނަށް ގަރާރުގައި ސޮއިކުރެއްވޭ ގޮތެއް ނުވި.
ސުޕްރީމް ކޯޓުގެ އަމުރަށް ގޮންޖަހައި، ސަރުކާރުގެ އަމަލްތައް ހުރި ގޮތުން ރާއްޖެއާ ދެކޮޅަށް އިގުތިސާދީ ގޮތުންނާއި ޑިޕްލޮމެޓިކް އަދި ގާނޫނީ ގޮތުން ފިޔަވަޅު އަޅަން ބޭރު ގައުމުތަކަށް އިދިކޮޅު މެމްބަރުން ރޭ ގޮވާލައިފި އެވެ. މިއީ ރާއްޖެއާ ދެކޮޅަށް އިގުތިސާދީ ފިޔަވަޅު އަޅަން ރަސްމީކޮށް ރާއްޖޭގެ މަޖިލިހުގެ މެމްބަރުންގެ ގްރޫޕަކުން ގޮވާލި ފުރަތަމަ ފަހަރެވެ.
ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، ކުނޫޒުގައި އޮތް ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުންގެ ބައްދަލުވުމަށް ފަހު ނެރުނު ގަރާރުގައި ބުނީ ރައީސް އަބްދުﷲ ޔާމީން މިހާރު ވެރިކަން ކުރައްވަމުން ގެންދަވަނީ ގާނޫނުއަސާސީން ބޭރުން އަަދި ގާނޫނާ ހިލާފަށް ކަމަށެވެ. އެހެންކަމުން ރާއްޖެއާ މެދު ފިޔަވަޅު އަޅަން މެމްބަރުން ގޮވާލީ އީޔޫ، އިންޑިއާ، ސްރީ ލަންކާ، އެމެރިކާ އދި އިނގިރޭސި ވިލާތުގެ އިތުރުން ބޭރުގެ ޖަމާއަތްތަކާއި އެކުވެރި އެހެން ގައުމުތަކަށެވެ.
ގަރާރުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ ޑިމޮކްރަސީ އާއި އަސާސީ ހައްގުތައް ހިމާޔަތްކުރަން އެފަދަ ފިޔަވަޅުތަކެއް މުހިންމެވެ. އަދި ރާއްޖެ އާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވެފައިވާ ސަރުކާރުގެ ވެރިން އެކަންކަމަށް ޒިންމާކުރުވުން ވެސް މުހިންމު ކަމަށް ބުނެފައިވެ އެވެ.