05 ފެބުރުއަރީ 2018 - 09:10

ލިވަޕޫލް (ފެބްރުއަރީ 5) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ހެރީ ކޭން ފަހު ވަގުތު ވައްދާލި ޕެނަލްޓީއާ އެކު ޓޮޓެންހަމް ހޮޓްސްޕާސް އިން ރަށުން ބޭރުގައި ލިވަޕޫލާ 2-2 އިން އެއްވަރުކޮށްފި އެވެ.
މި މެޗުގައި ކޭން ޖެހި ގޯލާ އެކު އޭނާ ވަނީ ޕްރިމިއާ ލީގުގައި 141 މެޗުން 100 ގޯލު ހަމަކޮށްފަ އެވެ. ކޭން އަށް ވުރެ އަވަހަށް ލީގުގައި 100 ގޯލު ހަމަކުރީ ކުރިން ނިއުކާސަލް ޔުނައިޓޭޑާއި ބްލެކްބާން ރޯވާސް އަށް ކުޅުނު އިނގިރޭސި ފޯވާޑް އެލަން ޝިއަރާ އެވެ. ޝިއަރާ 100 ލަނޑު ހަމަކުރީ 124 މެޗުންނެވެ.
މި މެޗު އެއްވަރުވުމުން ލީގުގެ ތިން ވަަނައިގައި ލީޑެއް ނެގުމުގެ ފުރުސަތު ލިވަޕޫލަށް ވަނީ ގެއްލިފަ އެވެ. ލިވަޕޫލް ތިން ވަނައިގައި އޮތީ 26 މެޗުން 51 ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި ޗެލްސީ އޮތީ 25 މެޗުން 50 ޕޮއިންޓް ހޯދައިގެންނެވެ. އެ ޓީމު މިރޭ ރަށުންބޭރުގައި ނުކުންނާނީ ވަޓްފޯޑާ ދެކޮޅަށެވެ. ޓޮޓެންހަމް ފަސް ވަނައިގައި އޮތީ 26 މެޗުން 49 ޕޮއިންޓް ހަމަކޮށްގެންނެވެ.
ރޭގެ މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި ޓޮޓެންހަމްގެ އެރިކް ޑަޔާ ފަހަތަށް ޖައްސާލި ބޯޅައެއް ހޯދައި ލިވަޕޫލަށް ލީޑުނަގައިދިނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މިސްރުގެ ވިންގް މުހައްމަދު ސަލާހު އެވެ.
ޓޮޓެންހަމް އިން ފުރަތަމަ ފަހަރަށް އެއްވަރުކުރީ މެޗު 80 ވަނަ މިނިޓްގައި ވިކްޓަ ވަންޔާމާ ޖެހި ގޯލުންނެވެ. މިއީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރިތާ މިނިޓެއްގެ ތެރޭގައި ވަންޔާމާ ޖެހި ގޯލެކެވެ.
ޓޮޓެންހަމަށް މެޗުގެ 87 ވަނަ މިނިޓްގައި ލީޑުނަގައިދޭން ރަނުގެ ފުރުސަތެއް ކޭން އަތުން ބޭކާރުވި އެވެ. އެގޮތުން ކޭން ފޮނުވާލި ޕެނަލްޓީ ލިވަޕޫލްގެ ޖަރުމަނު ކީޕަރު ލޮރިސް ކާރިއަސް ވަނީ މަތަކޮށްފަ އެވެ. މި ޕެނަލްޓީ އަކީ ކޭން އަށް ލިވަޕޫލްގެ އޭރިއާ ތެރެއިން ކާރިއަސް ކުރި ފައުލަކަށް ރެފްރީ ޖޯން މޮސް ދެއްކި ޕެނަލްޓީ އެކެވެ. މި ޕެނަލްޓީ މޮސް ދިނީ ލައިންސްމަން އެއީ ފައުލެއް ނޫން ކަމަށް ފުރަތަމަ ނިންމާފައިވަނިކޮށް އޭނާއާ މަޝްވަރާ ކުރުމަށް ފަހު އެވެ.
ޓޮޓެންހަމުން ލީޑުނަގަން ލިބުނު ފުރުސަތު ނަގާލިތާ ހަތަރު މިނިޓް ފަހުން މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ޓޮޓެންހަމްގެ ދެ ޑިފެންޑަރުން ކައިިރިން ދެމިގަތުމަށް ފަހު ސަލާހު ވަނީ ލިވަޕޫލަށް އަލުން ލީޑުނަގައިދީފަ އެވެ. އެއާ އެކު އޭނާ މި ފަހަރު ޕްރިމިއާ ލީގުގައި ޖެހި ގޯލުގެ އަދަދު ވަނީ 22 އަށް އަަރައިފަ އެވެ.
ލިވަޕޫލް މޮޅުވާން ދަނިކޮށް މެޗުގެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ޓޮޓެންހަމް ސަލާމަތްކޮށްދިނީ ކޭން ވައްދާލި ޕެނަލްޓީންނެވެ. މި ޕެނަލްޓީ އަކީ ލިވަޕޫލް އޭރިއާ ތެރެއިން އެ ޓީމުގެ ވާޖިލް ވެން ޑައިކް ޓޮޓެންހަމްގެ އެރިކް ލަމޭލާ އަށް ފައުލުކުރުމުން ދިން ޕެނަލްޓީ އެކެވެ. ފައުލު ހިގި ވަގުތު ރެފްރީ ޖޯން މޮސް ވަނީ އެއީ ޑައިވް އެއް ކަމަށް ބަލައި ޕެނަލްޓީ ދޭން ދެކޮޅު ހަދައިފަ އެވެ. އެހެން ނަމަވެސް އޭނާ ނިންމުން ބަދަލުކުރީ ލައިންސްމަން އެއީ ފައުލެއް ކަމަށް ދެއްކުމުންނެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މެޗާ ބެހޭގޮތުން ދެއްކޭނެ ވާހަކަ ގިނަ ކަމަށާއި މެޗުގެ ނަތީޖާ ކަނޑައެޅީ ރެފްރީންގެ ނިންމުންތަކުން ކަމަށެވެ.
"މެޗާ ބެހޭގޮތުން ދެއްކޭނެ ވަރަށް ވާހަކަ އެބަހުރި. އެކަމަކު މެޗުގެ ނަތީޖާ ކަނޑައެޅީ ރެފްރީންގެ ނިންމުންތަކަށްވާއިރު އެ މީހުންނާ (ރެފްރީން) ބެހޭގޮތުން ވާހަކަ ދައްކަން ނެތިން. ފުރަތަމަ ޕެނަލްޓީ ދިނީ އޮފްސައިޑް ބޯޅަ އަކަށް. ދެ ވަނަ ޕެނަލްޓީގެ ވާހަކަ ދައްކާއިރު އަހަންނަށް އެނގޭ ލައިންސްމަން ބުނާނެ އެއްޗެއް. ގައިގައި ޖެހުނު ކަމަށް. އެކަމަކު ވީޑިއޯ އިން އެބަފެނޭ ލަމޭލާ ކުރި ޑައިވް،" ކްލޮޕް ބުންޏެވެ.
އޭނާ ބުނީ މެޗެއްގެ ފަހު ވަގުތު ޕެނަލްޓީ ދޭން ޖެހޭނީ ރެފްރީ އަށް 100 ޕަސެންޓް ޔަގީންވެގެން ކަމަށެވެ.
ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ ރެފްރީގެ ވާހަކަ ދެއްކުން އޭނާ ވަަރަށް ކުރިން ހުއްޓައިފި ކަމަށާއި ކޮންމެ ނިންމުމަކަށް ވެސް މަރުހަބާ ކިޔާ ކަމަށެވެ.