ރިޔާޒުގެ ރިޒް ކާލްޓަން ހޮޓާ މި މަހު 11 ގައި ހުޅުވަނީ
ރިޔާޒުގެ ރިޒް ކާލްޓަން ހޮޓާ މި މަހު 11 ގައި ހުޅުވަނީ

ރިޔާޒް (ފެބްރުއަރީ 5) - ކޮރަޕްޝަނުގެ ތުހުމަތުގައި ހައްޔަރު ކުރި ސައުދީ ބިލިއަނަރުންނާއި ކުރީގެ ވަޒީރުންނާއި ޕްރިންސުން ބަންދުގައި ތިބި ރިޔާޒުގެ ފަސް ތަރީގެ ރިޒް ކާލްޓަން ހޮޓާ ގެސްޓުންނަށް މި މަހު 11 ވަނަ ދުވަހު ހުޅުވާލާ ގޮތަށް ނިންމައިފި އެވެ.

ހޮޓާ މި ހުޅުވާލަނީ ތިން މަހެއްހާ ދުވަހު ޓޫރިސްޓުންނަށް ބަންދު ކުރުމަށް ފަހު އެވެ. ކޮރަޕްޝަނުގެ ތުހުމަތުގައި ފަސް ތަރީގެ ރިޒް ކާލްޓަން ހޮޓަލުގައި މީހުން ހައްޔަރު ކުރަން ފެށީ ނޮވެމްބަރު 4 ވަނަ ދުވަހު އެވެ. ރިޒް ކާލްޓަން ހޮޓާ އާއްމުންނަށް ހުޅުވާލާ ގޮތަށް ކުރިން ނިންމާފައި ވަނީ މި މަހު 14 އިން ފެށިގެންނެވެ.

ކޮރަޕްޝަނުގެ ތުހުމަތުގައި ގާތްގަނޑަކަށް 381 މީހުން ބަންދުކުރި އެވެ. އޭގެ ތެރޭގައި ދުނިޔެ އަށް މަޝްހޫރު ބިލިއަނަރު ވަލީދު ބިން ތަލާލް އާއި ޝާހީ އާއިލާގެ އިސް މެންބަރުން ހިމެނެ އެވެ. ސައުދީ އެޓާނީ ޖެނެރަލް ވިދާޅުވެފައި ވަނީ ބަންދުކުރި މީހުންގެ އަތުން ސަރުކާރަށް 107 ބިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ. ސަރުކާރަށް ފައިސާ ދައްކަން އެއްބަސް ނުވި 56 މީހުން ވަނީ ޖަލުގައި ބަންދު ކުރަން ނިންމައިފަ އެވެ.

ނޮވެމްބަރު 4 ވަނަ ދުވަހު މީހުން ބަންދު ކުރަން ފެށި އިރު ރިޒް ކާލްޓަން ހޮޓަލުގައި ގެސްޓުން ތިއްބެވެ. ނަމަވެސް އެ މީހުން ފަހުން ވަނީ އެހެން ހޮޓާތަކަށް ބަދަލުކޮށްފަ އެވެ.

ރިޒް ކާލްޓަން ހޮޓަލުގައި 492 ގެސްޓް ރޫމް ހުރެ އެވެ. ގާތްގަނޑަކަށް 52 އޭކަރު (21 ހެކްޓަރު) ގެ ބަގީޗާއެއް ހިމެނޭ ހޮޓަލުގެ އެންމެ އަގުހެޔޮ ކޮޓަރި ވެސް ރެޔަކަށް ދޫކުރަނީ 2،439 ރިޔާލް (650 ޑޮލަރު) އަށެވެ.