05 ފެބުރުއަރީ 2018 - 10:13

ޕޯޓޯ-ނޯވޯ (ފެބްރުއަރީ 5) - އިންޑިއާގެ 22 ފަޅުވެރިން ތިބި ތެޔޮ ޓޭންކަރެއް ހުޅަނގު އެފްރިކާގެ ބެނިންއާ ދިމާ ބޭރުން ގެއްލިފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ މެރިން އެކްސްޕްރެސްއާ މިދިޔަ ބުރާސްފަތި ދުވަހުގެ ފަހުން ނުގުޅެ އެވެ. އިންޑިއާގެ ފަޅުވެރިން ތިބި ޓޭންކަރެއް ގެއްލިފައި މިވަނީ ހަމަ އެ ސަރަހައްދުން ބޯޓެއް ކަނޑުފޭރޭ މީހުން ފޭރިގެންފައިވާތާ މަހެއް ނުވަނީހެވެ. ޓޭންކަރު އެންމެ ފަހުން ފެނިފައި ވަނީ ބެނިންގައި ބަނދަރުކޮށްފައި ވަނިކޮށެވެ.
އިންޓަނޭޝަނަލް މެރިޓައިމް ބިއުރޯ އިން ބުނީ މެރިން އެކްސްޕްރެސް ޓޭންކަރު ހޯދަން ބެނިންގެ ކަނޑުގެ ސިފައިން މަސައްކަތް ކުރަމުންދާ ކަމަށެވެ. ގެއްލުނު ޓޭންކަރުގައި 13،500 ޓަނުގެ ތެޔޮ ހުރި ކަމަށްވެ އެވެ. ޓޭންކަރު ދުއްވަނީ ހޮން ކޮންގެ ކުންފުންޏެއް ކަމަށްވާ އެންގްލޯ-އީސްޓަން އިންނެވެ.
ޓޭންކަރު ގެއްލުނު ސަރަހައްދުން ޖެނުއަރީ މަހު ވަނީ ބޯޓެއް ކަނޑު ފޭރިފަ އެވެ. ނަމަވެސް ކަނޑުފޭރުނު މީހުން ޑިމާންޑްކުރި އަދަދަށް ފައިސާ ދެއްކުމުން، ހަ ދުވަސް ފަހުން ބޯޓު ވަނީ ދޫކޮށްލައިފަ އެވެ. ކުރިން އެންމެ ގިނައިން ކަނޑު ފޭރެނީ ސޯމާލިއާ ހިމެނޭ ސަރަހައްދުންނެވެ.
އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖް ވިދާޅުވީ ޓޭންކަރު ގެއްލުނު ސަރަހައްދުގައި ހިމެނޭ ގައުމުތަކާ ގުޅިގެން އިންޑިއާ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.