04 ފެބުރުއަރީ 2018 - 23:49

މަރިޔަމް މަލެއް ގެނެސް ބޯތައްޓަކަށް ލައިގެން އަދި މަރިޔަމް ސޫރަތް ކިޔަވައިގެން ނަމަވެސް ސުޕްރީމް ކޯޓުގެ އަމުރު ވިއްސާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.

ހުކުމް ތަންފީޒު ކުރަމުންދާ ސިޔާސީ ބައެއް ކުށްވެރިން ދޫކޮށްލަން ސުޕްރީމް ކޯޓުން ހުކުރު ދުވަހުގެ ރޭ ނެރުނު އަމުރު ތަންފީޒް ކުރުން ލަސްވަމުންދާތީ އިދިކޮޅު ފަރާތްތަކުން އެމްޑީޕީ ހަރުގެ ސަރަހައްދުގައި ބާއްވާ އެއްވުމުގައި ޝާހިދު ވިދާޅުވީ ކޯޓު އަމުރު ތަންފީޒުކޮށްފައި ނޫނީ ފަހަތަށް ނުޖެހޭނެ ކަމަށެވެ.

"ސުޕްރީމް ކޯޓުގެ އަމުރު މިހާރު ވެއްޖެ ވިހަން. އަޅުގަނޑުމެން މި ހިފާ ހިފުމުގައި އެހެން ގޮތެއް ނެތިއްޖާ މަރިޔަމް މަލެއް ގެނެސް ބޯތައްޓަކަށް ލައިގެން މަރިޔަމް ސޫރަތް ކިޔަވައިގެން ނަމަވެސް އަޅުގަނޑުމެން މި އަމުރު ވިއްސާނަން،" ޝާހިދު ވިދާޅުވި އެވެ.

"މި އަމަރު ތަންފީޒު ކުރާނަން. މި އަމުރު ތަންފީޒުކޮށްފައި އަޅުގަނޑުމެން ފަހަތަށް ޖެހޭނީ."

ޝާހިދު ވިދާޅުވީ ގާނޫނު އަސާސީގެ ހަތަރު ވަނަ ބާބު ބުނާ ގޮތުން ވެރިކަމުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އެ ވެރިކަމުގެ ބާރު ދެމިއޮންނަނީ ވެސް ރައްޔިތުންގެ ކިބައިގައި ކަމަށެވެ.

"އެހެންވެ ތިޔައިގެ ތެރޭން ކޮންމެ ބޭފުޅަކީ ވެސް އަދި ތިޔައިގެ ތެރޭން ކޮންމެ ބޭފުޅެއްގެ އާއިލާގެ ކޮންމެ މެންބަރަކީ ވެސް މި ދައުލަތުގެ ހިއްސާދާރުން،" ޝާހިދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ތިބީ ސުޕްރީމް ކޯޓުން ހައްގަށް ނަސްރު ލިބޭ ފަދަ އަމުރެއް ނެރުނީމާ އެ އަމުރު ތަންފީޒު ކުރަން. މިއަދުގެ ސަރުކާރަށް ނުކުޅެދިގެން އުޅޭތީ އެކަމަށް ގޮވާލަން. ސުޕްރީމް ކޯޓުގެ އަމުުރު ތަންފީޒް ކުރުން ނޫން ގޮތެއް މި ސަރުކާރަކަށް ނޯންނާނެ."
ރައީސް އަބްދުﷲ ޔާމީނަށް އިޝާރަތްކުރައްވާ ޝާހިދު ވިދާޅުވީ އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާކަން ލިބިވަޑައިގެންނެވީ މި ރާއްޖެ ހިތަކަށް ބޭނުންފުޅުވާ ކަމެއް ކުރައްވަން ނޫން ކަމަށެވެ. އަދި ރައީސް ޔާމީން ގާނޫނު އަސާސީގެ ތެރެއަށް ވަޑައިގަތުމަށް އޭނާ ގޮވާލެއްވި އެވެ.