05 ފެބުރުއަރީ 2018 - 09:56

ދިމިޝްގު (ފެބްރުއަރީ 5) - ރަޝިޔާގެ ހަނގުރާމަ މަތީ ޖެޓެއް ސީރިއާގެ އިދްލީބަށް ވައްޓާލުމުން ހަނގުރާމަވެރިންނާ ދެކޮޅަށް ރަޝިޔާ އިން ދޭ ވައިގެ ހަމަލާތައް ވަރުގަދަކޮށްފި އެވެ.
ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އާއި ރަޝިޔާގެ އޮފިޝަލުން ބުނީ ވައިގެ ހަމަލާތަކުގައި އާއްމުންގެ އެތައް ބަޔަކާއި ހަނގުރާމަވެރިންގެ ތެރޭން ގިނަ ބަޔަކު މަރުވެފައިވާ ކަމަށެވެ. އޮބްޒަވޭޓަރީން ބުނީ އިދްލީބް ޕްރޮވިންސަށް 68 ވައިގެ ހަމަލާދީފައިވާ ކަމަށެވެ. ސީރިއާގައި އެހީދިނުމުގައި ހަރަކާތްތެރިވާ ޖަމާއަތެއް ކަމަށްވާ ވައިޓް ހެލްމެޓްސް އިން ބުނީ ރަޝިޔާގެ ވައިގެ ހަމަލާތަކުގައި އާއްމުންގެ 21 މީހުން މަރުވެފައިވާ ކަމަށެވެ. އެކަމަކު ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނީ ވައިގެ ހަމަލާތަކުގައި 30 ހަނގުރާމަވެރިން މަރުވެފައިވާ ކަމަށެވެ. އަދި އެ ހަމަލާތަކަކީ ހަނގުރާމަ މަތީ ޖެޓް ވައްޓާލުމުގެ ބަދަލު ހިފުން ކަމަށް ވެސް ބުނެފައިވެ އެވެ.
ސުކޮއި-25 މަރުކާރުގެ ބޯޓު ވައްޓާލުމަށް ފަހު އެ ބޯޓުގެ ޕައިލެޓް ބޯޓުން ނުކުތް ވަގުތު ހަނގުރާމަވެރިން ހަމަލާދީ ވަނީ މަރާލައިފަ އެވެ. ރަޝިޔާގެ ބޯޓު ވައްޓާލާފައި ވަނީ ސީރިއާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހަޔާތުލް ތަހްރީރް އަލް ޝާމް ނުވަތަ ތަހްރީރު އަލް ޝާމެވެ.
ދެ މިލިއަނެއްހާ މީހުން ދިރިއުޅޭ އިދްލީބަށް ދޭ ވައިގެ ހަމަލާތަކާ ގުޅިގެން އެ ޕްރޮވިންސް ދޫކޮށް އެތައް ބަޔަކު ވަނީ އެހެން ހިސާބުތަކަށް ބަދަލުވެފަ އެވެ. ހަނގުރާމަވެރިންގެ އަތްދަށުގައި މިހާރު އޮތް މަދު ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ އިދްލީބަށް ދޭ ހަމަލާތަކުގައި ހޮސްޕިޓަލްތަކާއި ސްކޫލްތައް އަދި މާރުކޭޓްތައް ވަނީ ހަލާކުވެފަ އެވެ.